ކުޑަފަރީ ކައުންސިލާއި ޕޮލިޓެކްނިކް ގުޅިގެން ގްރީން ޖޮބަށް މީހުން ބިނާކުރުމުގެ ކޯހެއް ފަށަނީ

ނ. ކުޑަފަރީ -- ފޮޓޯ/ ކައުންސިލް

ނ. ކުޑަފަރީ ކައުންސިލާއި މޯލްޑިވްސް ޕޮލިޓެކްނިކުން ގުޅިގެން ތިމާވެއްޓާ ރައްޓެހި ގްރީން ޖޮބްތަކަށް މީހުން ބިނާކުރުމުގެ ކޯހެއް ކުޑަފަރީގައި ހިންގުމަށް ނިންމައި، އެކަން އިއުލާނު ކޮށްފިއެވެ.

މި ކޯހަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ނޮވެންބަރު މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

ނޮވެމްބަރު މަހުން ފަށައިގެން ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަން ނިންމާފައިވާ މި ކޯހަކީ ސެޓްފިކެޓް ލެވެލް ތްރީ އިން ރިނިއުބަލް އެނާޖީ ސިސްޓަމްސް އެންޑް މެއިންޓަނަންސް ކޯހެވެ.

ކުޑަފަރީ ކައުންސިލްގެ ރައީސް އަލީ ޝަމީމް މުހައްމަދު "ސަން"އަށް ވިދާޅުވީ މި ކޯހަކީ ނ. އަތޮޅުގެ އިތުރުން އެހެނިހެން ރަށްރަށުން ވެސް ބައިވެރިވެވޭނެ ގޮތަށް، ފުރުސަތު ހުޅުވާލައިގެން ހިންގާ ކޯހެއް ކަމަށެވެ.

ޝަމީމް ވިދާޅުވީ ކުޑަފަރީގައި މިފަދަ ކޯހެއް ހިންގުމުގެ މައިގަނޑު އެއް ބޭނުމަކީ އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ތިމާވެއްޓަށް ލިބޭ ގެންލުންތައް ކުޑަކުރުމާއި ހަކަތައަށް ކުރަންޖެހޭ ހޭދަ ކުޑަކޮށް އިގްތިސޯދު ކުރުމުގެ ސަގާފަތަށް މީހުން ފަރިތަ ކުރުން ކަމަށެވެ.

އޭނާ ވިދާޅުވީ އިޔާދަކުރަނިވި ހަކަތައާ ދިމާލަށް ކުޑަފަރީ ރައްޔިތުން މިސްރާބު ޖަހާފައިވާއިރު، އެންމެ ފުރަތަމަ ފެށުމުގެ ގޮތުން ވެސް ކައުންސިލް ހުރި އިމާރާތުގެ ފުރާޅުގައި ސޯލާ ހަރުކޮށް މިހާރު ނިންމާފައިވާ ކަމަށެވެ.

ޝަމީމް ވިދާޅުވީ ކޯސް ފަށައިގެން ކުރިއަށްދާ މުއްދަތުގެ ތެރޭގައި ވެސް ރަށުގެ ބައެއް އެހެން ތަންތަނުގައި ސޯލާ ހަރުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކުޑަފަރީ ކައުންސިލް އިމާރާތުގެ ފުރާޅުގައި ސޯލާ ހަރުކޮށްފަ -- ފޮޓޯ/ ކައުންސިލް

"މި ކޯހަކީ ޕޮލިޓެކްނިކުން މި ރަށުގަ ހިންގާ ކޯހެއް. އަޅުގަނޑުމެން އޭގެ ބައެއް ސްޕޮންސާ މި ކުރަނީ. އަޅުގަނޑުމެން ކޮމިޓްމެންޓެއް އެއީ 2024 ހަމައަށް ނެޓް ޒީރޯއަށް ކުޑަފަރި ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް. އެހެންވީމަ އަޅުގަނޑުމެން މި ދަނީ އެ ގޯލާ ދިމާލަށް. ދެން އެންމެ މުހިއްމު ކަމަކަށް ވާނީ މީހުން ބިނާކުރުމުގެ މަސައްކަތް،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ މުޅިން އައު ކަމެއް ތައާރަފް ވެގެން އަންނައިރު މީގެ އެންމެ މުހިއްމު ކަމަކީ މީހުން ބިނާކުރުން ކަމަށެވެ. އެހެންކަމުން އިތުރު ރަށްރަށުން ވެސް ކޯހުގައި ބައިވެރިވުމަކި ކައުންސިލުން ވަރަށްބޮޑަށް އެދޭ ކަމެއް ކަމުގައި ޝަމީމް ފާހަގަ ކުރެއްވިއެވެ.

"ރަނގަޅީ ކުޑަފަރީ ނޫނަސް އެހެން ރަށްރަށް ވެސް ރިނިއުބަލް އެނާޖީއާ ދިމާލަށް ދިއުން. އޭރުން ތިމާވެއްޓަށް ލިބޭ ގެންލުންތައް ކުޑަކުރެވޭނީ. މި ކަމުގަ އެންމެ މުހިއްމު ކަމަކީ މީހުން ބިނާކުރުން. އެހެންވީމަ އަޅުގަނޑުމެން އެހެން ރަށްރަށަށް ވެސް ފުރުސަތު ހުޅުވާލަން،" ޝަމީމް ވިދާޅުވިއެވެ.

ކައުންސިލް އިމާރާތުގައި ސޯލާ ހަރުކުރުމުގެ މަސައްކަތް -- ފޮޓޯ/ ކައުންސިލް

އޭނާ ވިދާޅުވީ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އަންހެނުންނަށާއި ޒުވާނުންގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް، ހާއްސަ ޖާގަތަކެއް ކަށަވަރު ކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް