ލައިސެންސްގެ ތަމްރީނުތަކުގައި ޕޮލިޓެކްނިކްގެ އެހީތެރިކަން ޓްރާންސްޕޯޓު މިނިސްޓްރީއަށް

ޕޮލިޓެކްނިކް އަދި ޓްރާންސްޕޯޓު މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ މޯލްޑިވްސް ޕޮލިޓެކްނިކް

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާން ދިނުމާއި ތަމްރީނު ހިންގުމަށް މޯލްޑިވްސް ޕޮލިޓެކްނިކާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަންއެވެ. އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޢާއިޝަތު ނަހުލާއެވެ.

އެކަމާ ގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ސޮއި ކުރެވުނު އެއްބަސްވުމުގެ ތެރެއިން ޕޮލިޓެކްނިކާއި ޓްރާންސްޕޯޓު މިނިސްޓްރީގެ ތެރެއިން ތިއަރީ ޓެސްޓުގެ ޚިދުމަތް މީގެ ކުރިން ވެސް ކުރިއަށް ގެންދާ ކަމަށާއި ގަރާޖުތަކުގައި ޓްރާންސްޕޯޓުން ބޭނުންވާ ފެންވަރުގެ ފުރުސަތު ޕޮލިޓެކްނިކަށް ލިބިގެންދާ ކަމަށެވެ.

ޕޮލިޓެކްނިކް އަދި ޓްރާންސްޕޯޓު މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ މޯލްޑިވްސް ޕޮލިޓެކްނިކް

"މި ފަހުމުނާމާގެ ތެރެއިން އަޅުގަނޑު އުފާވާ ކަމަކީ ޕޮލިޓެކްނިކްގެ ޓްރަސްޓު ފަންޑަށްވެސް ހެޔޮ ގޮތެއް މެދުވެރިވެގެން ދާކަން. މިއީ އަޅުގަނޑުމެންނަށް މީގެ ތެރެއިން ލިބޭ ވަރަށް މުހިންމު ފައިދާއެއް. ޓްރާންސްޕޯޓު ދާއިރާއަކީ ވަރަށް ގިނަ ތަފާތު ސްކިލްސްތަކެއް އެކުލެވޭ މަސައްކަތްތަކެއް ހިމެނޭ ވުޒާރާއަކަށް ވާއިރު އެ ވުޒާރާގައި ހިމެނޭ މަސައްކަތްތަކަކީ ސްޓޭންޑާޑްތަކާ އެއްގޮތަށް ކޯސްތައް ހިންގާ ދާއިރާއަކަށް ވުމަކީ އަޅުގަނޑު ދެކޭ ހުވަފެނެއް،" މިނިސްޓަރު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ ވިދާޅުވީ ސޮއި ކުރެވުނު އެމްއޯޔޫގެ ސަބަބުން ޕޮލިޓެކްނިކުން ތަމްރީނު ކުރުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.

"އޭގެ އެއްފައިދާއެއްގެ ގޮތުގައި އަޅުގަނޑު ފާހަގަ ކުރަނީ ރޯޑް ވާދިނަސް ހެދޭ ކޮންމެ ގަރާޖެއްގައި ދިވެއްސެއް ހުރުމުގެ މުހިއްމު ކަން. އޭގެ ސަބަބުން ވަޒީފާގެ ފުރުސަތު ވެސް އިތުރަށް ތަނަވަސް ވެގެން ދާނެ. ޕޮލިހުންނަށް ވެސް މި ކަންތައްތައް މޮނިޓާ ކުރަން ވެސް ފަސޭހަ ވެގެންދާނެ،" ނަހުލާ ވިދާޅުވިއެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ މަގުސަދަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާން ދިނުމާއި އެއްގަމު އުޅަނދު ދުއްވުމާ ގުޅޭ ތަމްރީން ޕްރޮގްރާމްތައް ހިންގުން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް