ޔޫއެންޑިޕީ މޯލްޑިވިސްއިން ޕޮލިޓެކްނިކްއަށް ޑިޖިޓަލް ވަސީލަތްތަކެއް ފޯރުކޮށްދީފި

ޔޫއެންޑީޕީ މޯލްޑިވްސްއިން މޯލްޑިވްސް ޕޮލިޓެކްނިކަށް ޑިޖިޓަލް ވަސީލަތްތަކެއް ފޯރުކޮށްދިނުން--- ފޮޓޯ/މޯލްޑިވިސް ޕޮލިޓެކްނިކް

ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓު ޕްރޮގްރާމް (ޔޫއެންޑީޕީ) މޯލްޑިވްސްއިން މޯލްޑިވްސް ޕޮލިޓެކްނިކަށް ޑިޖިޓަލައިޒޭޝަން އިކުއިޕްމެންޓު ފޯރުކޮށްދީފިއެވެ.

ޔޫއެންޑީޕީއިން މި އިކުއިޕްމެންޓުތައް ފޯރުކޮށްދީފައިވަނީ ޖަޕާނުގެ ސަރުކާރުގެ އެހީގައި މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން މެދުވެރިކޮށެވެ.

އެ ވަސީލަތްތަކަކީ މޯލްޑިވިސް ޕޮލިޓެކްނިކުން ތައުލީމު ފޯރުކޮށްދޭ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ދިން ވަސީލަތްތަކެކެވެ.

ޕޮލިޓެކްނިކަށް ފޯރުކޮށްދިން ވަސީލަތްތަކުގެ ތެރޭގައި ކޮމްޕިއުޓާ ސިސްޓަމްތަކާއި، ވެބްކެމް، މައިކްރޮފޯން އަދި ސަޕޯޓިންގް ސޮފްޓުވެއާ ހިމެނެއެވެ.

އެތަކެތި ބޭނުންކުރާނީ ޕޮލިޓެކްނިކްގެ ގދ. ގައްދޫ އަދި އައްޑޫ ސިޓީ ހިތަދޫ ކެމްޕަސްތަކުގައި އީ-ލާނިން ސްޓޭޝަންތަކެއް އެކުލަވައިލުމަށެވެ.

މީގެ އިތުރުން އެ ތަކެތި ބޭނުންކޮށްގެން މާލެ ކެމްޕަހުގައިވެސް އޮންލައިން ސެޓްއަޕްތައް އެކުލަވައިލަން ވަނީ ރާވާފައެވެ.

ޕޮލިޓެކްނިކުން ބުނީ އެ ވަސީލަތްތަކުގެ އެހީގައި 900 ކުދިންނަށް އުނދަގުލަކާއި ނުލައި ޓެކްނިކަލް އަދި ވޮކޭޝަނަލް ތައުލީމު ހާސިލު ކުރެވޭނެ ކަމަށެވެ.

މޯލްޑިވިސް ޕޮލިޓެކްނިކްގެ ޗީފް އެކްސިކިއުޓިވް އޮފިސާ އަހްމަދު ނާސިރް ވިދާޅުވީ އެ ވަސީލަތްތަކުގެ އެހީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބޭ ކުދިންނަށް ޓެކްނިކަލް އަދި ވޮކޭޝަނަލް ތައުލީމު ފޯރުކޮށްދީ، އެ ދާއިރާއިން ކުރިއަށްދިއުމުގެ ފުރުސަތު ފަހިކޮށްދެވޭނެ ކަމަށެވެ.

"އަދި ހަމަ އެހެންމެ މި އިކުއިޕްމެންޓު ތަކުގެ އެހީގައި ކޮވިޑް-19 ފަދަ ބަލިމަޑުކަމެއް ފެތުރިގެން އުޅޭ އިރުވެސް ދަތިކަމެއް ނުލާ ކުދިންނަސް ތައުލީމު ފޯރުކޮށްދެވޭނެ." އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޖަޕާނުގެ އެމްބެސެޑަރު ކެއިކޯ ޔެނާއި ވަނީ ޖަޕާނުގެ ސަރުކާރުން ރާއްޖޭގައި އީ-ލާނިން ސްޓޭޝަންތައް ހެދުމަށް އެހީ ފޯރުކޮށްދެއްވީތީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ޔޫއެންޑީޕީގެ ރެޒިޑެންޓު ރެޕްރެޒެންޓޭޓިވް އެޑް އިންޓެރިމް ވެރާ ހާކިމް ވިދާޅުވީ މި އެހީއާއެކު ވަކި ޖިންސެއް އަދި ފެންވަރެއް ނުބަލައި ހުރިހާ ކުދިންނަށްވެސް ޓެކްނޮލޮޖީ އަދި ޑިޖިޓަލް ލިޓްރެސީގެ އެހީގައި ތައުލީމު ހާސިލުކުރެވޭނެ ކަމަށް ޔޫއެންޑީޕީ އިން އުންމީދު ކުރާ ކަމަށެވެ.

މޯލްޑިވިސް ޕޮލިޓެކްނިކަކީ ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރައިން ރާއްޖޭގައި ތައުލީމު ފޯރުކޮށްދޭ މައި އިދާރާއެވެ.

ކޮވިޑް-19އާ ގުޅިގެން އެ އިދާރާއިން ވެސް ވަނީ ޓެކްނިކަލް އަދި ވޮކޭޝަނަލް ކްލާސްތައް އޮންލައިންކޮށް ނަގަން ފަށާފައެވެ.

comment ކޮމެންޓް