އެއާ އޭޝިއާ މައްސަލައިގައި ޓާޓާ ޓްރަސްޓް ފަންޑުތަކުގެ އޮފީސް ބަލައި ފާސްކޮށްފި

އެއާ އޭޝިއާ އިންޑިއާގެ މަތިންދާބޯޓެއް

މެލޭޝިއާގެ ބަޖެޓު އެއާލައިން އެއާ އޭޝިއާއިން އިންޑިއާގައި ހިންގާ އެއާ އޭޝިއާ އިންޑިއާ އެއާލައިނުން އިންޑިއާގައި އިންޓަނޭޝަނަލް ފްލައިންގް ލައިސަންސް ހޯދީ ގަވައިދާ ޚިލާފަށް ކަމަށް ތުހުމަތުކުރާ މައްސަލައިގެ ތަހުގީގަށް، އިންޑިއާގެ ޓާޓާ ޓްރަސްޓް ފަންޑްތަކުގެ އޮފީސް ބަލައި ފާސްކޮށްފިއެވެ.

އެއާ އޭޝިއާ އިންޑިއާއަކީ އެއާ އޭޝިއާގެ އިތުރުން އިންޑިއާގެ ބޮޑު ވިޔަފާރި ކުންފުނި ޓާޓާ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއެކެވެ. އެ ދެ ކުންފުނީގެ އިތުރުން އެއާ އޭޝިއާ އިންޑިއާގައި ހިއްސާ އޮންނަނީ ޓާޓާ ކުންފުނީގެ ދެ އިސްވެރިއެއްގެއެވެ. އޭގެ ތެރެއިން އެކަކީ ޓާޓާ ޓްރަސްޓްސްގެ ޒިންމާދާރުވެރިޔާ ރާމަޗަންދްރަން ވެންކަޓަރާމަނަން (ވެންކަޓް)އެވެ. ވެންކަޓްއަކީ އެއާ އޭޝިއާ އިންޑިއާގެ ޑިރެކްޓަރެއްވެސް މެއެވެ.

ޓާޓާ ޓްރަސްޓްސްއަކީ ޓާޓާ ގްރޫޕުގެ ބާނީ ޖަމްޝީދުޖީ ޓާޓާގެ ހަނދާނުގައި އުފައްދާފައިވާ، މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދޭ ޓްރަސްޓް ފަންޑުތަކެކެވެ. އަދި ޓާޓާ ގްރޫޕުގެ ހޯލްޑިންގް ކުންފުނި "ޓާޓާ ސަންސް"ގެ ދެބައި ކުޅަ އެއްބައި ރައުސްމާލުގެ ވެރިފަރާތަކީ ޓާޓާ ޓްރަސްޓްސްއެވެ.

https://sun.mv/106140

ކަމާ ބެހޭ މައުލޫމާތު އެނގޭ މީހަކާ ހަވާލައިދީ، އިންޑިއާގެ އިކޮނޮމިކް ޓައިމްސް ނޫހުގައި ބުނެފައިވަނީ ގަރުނެއް ވީ ދިގު ތާރީޚުގައިވެސް ތަހުގީގީ އިދާރާއަކުން ޓާޓާ ޓްރަސްޓްސްގެ އިމާރާތަށް ވަން މިއީ ފުރަތަމަ ފަހަރު ކަމަށެވެ.

"ސީބީއައިއިން ވަނީ އެއާ އޭޝިއާ ނުވަތަ ވެންކަޓަރާމަނަންއާ ގުޅުމެއް ވެސް ނުވާ ބައެއް ލިޔެކިޔުންތައް ގެންގޮސްފައި،" އޭނާ ބުންޏެވެ.

އިންޑިއާގެ ފުލުހުން ހުށަހަޅައިގެން އެގައުމުގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނުން އެއާ އޭޝިއާގެ މައްސަލަ ބަލަންފެށީ އާދީއްތަ ދުވަހުއެވެ. އެ ދުވަހު ސީބީއައިއިން ވަނީ ބެންގަލޫރުގައި ހުންނަ އެއާ އޭޝިއާ އޮފީހަށް ވަދެ އެތަން ބަލައި ފާސްކޮށް، އެތަނުގެ ބައެއް ކޮމްޕިއުޓަރާއި ހާޑް ޑްރައިވް އަދި ލިޔެކިޔުންތައް ގެންގޮސްފައެވެ.

މި މައްސަލައިގައި އެއާ އޭޝިއާ ގްރޫޕުގެ ސީއީއޯ ޓޯނީ ފެނާންޑޭޒްގެ އިތުރުން އެހެން ޑިރެކަޓަރުންގެ މައްޗަށް ކުރަނީ އެއާ އޭޝިއާ އިންޑިއާއަށް ފްލައިންގް ލައިސަންސް ހޯދުމަށް ރިޝްވަތު ދީގެން ސިވިލް އޭވިއޭޝަންގެ ގަވައިދުތަކަށް ބަދަލު ގެނައިކަމުގެ ތުހުމަތެވެ.

އެއާ އޭޝިއާ ގްރޫޕުގެ ސީއީއޯ ޓޯނީ ފެނާންޑޭޒްއަކީ މެލޭޝިއާގައި ދިރިއުޅޭ، މެލޭޝިއާ ރައްޔިތެކެވެ. އެހެން ނަމަވެސް އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނުން ވަނީ، ޖޫން ހަވަނަ ދުވަހު އޭނާ އެ ބިއުރޯއަށް ހާޒިރުވުމަށް އަންގާފައެވެ. މިކަމާ ގުޅިގެން ފެނާންޑޭޒް ވަނީ އިންޑިއާގެ ތަހުގީގީ އިދާރާއެއްގެ އިހްތިސާސް މެލޭޝިއާއާ ހަމައަށް ހިނގާނެކަމާ މެދު ސުވާލު އުފައްދާފައެވެ.

comment ކޮމެންޓް