އެއާ އޭޝިއާ އިންޑިއާއިން ގަވައިދާ ޚިލާފަށް ލައިސަންސް ހޯދިކަމަށް ބުނާ މައްސަލައެއް ބަލަނީ

އެއާ އޭޝިއާ ގްރޫޕުުގެ ސީއީއޯ ޓޯނީ ފެނާންޑޭޒް --- ފޮޓޯ/ ޖަޕާން ޓައިމްސް

މެލޭޝިއާގެ ބަޖެޓު އެއާލައިން އެއާ އޭޝިއާއިން އިންޑިއާގައި ހިންގާ އެއާ އޭޝިއާ އިންޑިއާ އެއާލައިނުން އިންޑިއާގައި އިންޓަނޭޝަނަލް ފްލައިންގް ލައިސަންސް ހޯދީ ގަވައިދާ ޚިލާފަށް ކަމަށް ތުހުމަތުކޮށް، އެ މައްސަލައިގެ ބޮޑު ތަހުގީގެއް ފަށައިފިއެވެ.

އިންޑިއާ ފުލުހުން ހުށަހެޅި މައްސަލައަކާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ކުރަމުން ދަނީ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި)އިންނެވެ.

އެއާ އޭޝިއާ އިންޑިއާއަކީ އެއާ އޭޝިއާ ގްރޫޕުގެ 49 ޕަސަންޓާއި އިންޑިއާގެ ޓާޓާ ގްރޫޕުގެ ހޯލްޑިންގް ކުންފުނި "ޓާޓާ ސަންސް"ގެ 49 ޕަސަންޓު ހިއްސާ އެކުލެވޭ ގްރޫޕެކެވެ. ބާކީ ދެ ޕަސަންޓު ހިއްސާގެ ތެރެއިން 1.50 ޕަސަންޓު ހިއްސާގެ ވެރިފަރާތަކީ ޓާޓާގެ ޓްރަސްޓް ފަންޑުތަކުގެ ޒިންމާދާރުވެރިޔާ ރާމަޗަންދްރަން ވެންކަޓަރާމަނަންއެވެ. އަދި ބާކީ 0.50 ޕަސަންޓު ހިއްސާގެ ވެރިއަކީ ޓާޓާ ގްރޫޕުގެ ބައެއް އިންސްޓިޓިއުޓުތަކެއްގެ ޗެއާކަން ކުރައްވާ ސުބްރަމާނިއަމް ރާމަދޮރާއިއެވެ.

އެއާ އޭޝިއާ ގްރޫޕު ސީއީއޯ ޓޯނީ ފެނާންޑޭޒް (ވ) އަދި ޓާޓާ ގްރޫޕުގެ ކުރީގެ ސީއީއޯ ރަތަން ޓާޓާ --

އިންޑިއާގައި 2014 ވަނަ އަހަރު ޑޮމެސްޓިކް އޮޕަރޭޝަންތައް ފެށި އެއާ އޭޝިއާ އިންޑިއާއާ ދެކޮޅަށް ކުރިއަށްދާ ތަހުގީގަކީ، އެކުންފުނިން ގަވައިދާ ޚިލާފަށް އިންޓަނޭޝަނަލް ފްލައިންގް ލައިސަންސް ހޯދިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގެކެވެ.

އިންޑިއާގެ އޭވިއޭޝަން ސިޔާސަތުގެ ދަށުން ބައިނަލްއަގުވާމީ ފްލައިންގް ލައިސަންސް ދޭ ގަވައިދުގައި ބުނެފައިވަނީ، އެ ލައިސަންސް އެގައުމުން ދޭނީ ޑޮމެސްޓިކް އޮޕަރޭޝަންތައް ހިންގާތާ ފަސް އަހަރު ވެފައިވާ، އަދި މަދުވެގެން 20 އެއާކްރާފްޓުގެ ފްލީޓެއް އޮންނަ އެއާލައިނަކަށެވެ. މި ގަވައިދަށް ކިޔަނީ "5/20 ރޫލް"އެވެ.

އެހެން ނަމަވެސް 2016 ވަނަ އަހަރު އިންޑިއާ ކެބިނެޓުން ވަނީ އެ ގަވައިދު ބަދަލުކޮށް، އިންޓަނޭޝަނަލް ލައިސަންސް ހޯދުމަށްޓަކައި ފަސް އަހަރު ދުވަހު ޑޮމެސްޓިކް ޚިދުމަތް ދޭން ނުޖެހޭކަމަށް ކަނޑައަޅާފައެވެ. އެހެން ނަމަވެސް ފްލައިންގް ލައިސަންސް ހޯދާ އެއާލައިނެއްގައިވެސް ޑޮމެސްޓިކް އޮޕަރޭޝަންތަކަށް 20 އެއާކްރާފްޓު ޚާއްސަކޮށްފައި އޮންނަންޖެހޭނެ ކަމަށް ކަނޑައަޅާފައިވެއެވެ.

އިންޑިއާގެ ނޫސްތަކުން ބުނަ ގޮތުގައި، ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނަށް ލިބުނު ޝަކުވާގައި ވަނީ "5/20 ރޫލް" އުވާލުމަށާއި އޭވިއޭޝަންގެ ބައެއް ސިޔާސަތުތައް ބަދަލުކުރުމަށް އެއާ އޭޝިއާ ގްރޫޕުގެ ސީއީއޯ ޓޯނީ ފެނާންޑޭޒް، އިންޑިއާ ސަރުކާރުގެ ބައެއް އޮފިޝަލުންނާ މަޝްވަރާކުރި ކަމަށް ތުހުމަތުކުރާ ކަމަށެވެ.

މީގެ އިތުރުން އެއާ އޭޝިއާ އިންޑިއާއިން ވަނީ އިންޑިއާގެ ފޮރިން އިންވެސްޓްމެންޓް ޕްރޮމޯޝަން ބޯޑުގެ ގަވައިދުތަކާވެސް ޚިލާފުވެފައި ކަމަށް ތުހުމަތުކުރެއެވެ.

މި މައްސަލައިގައި ޓޯނީ ފެނާންޑޭޒްގެ އިތުރުން އެއާ އޭޝިއާ އިންޑިއާ ކުންފުނި، އެ ކުންފުނީގެ ހިއްސާދާރު ވެންކަޓްރަމާނަންއާއި، އިންޑިއާގެ އޭވިއޭޝަން ކޮންސަލްޓަންޓެއް ކަމުގައިވާ ދީޕަކް ތަލްވާރާއި، ވިޔަފާރިވެރިޔާ ސުނިލް ކަޕޫރާއި، ސިންގަޕޫރުގެ ކުންފުންޏެއްގެ ޑިރެކްޓަރަކާއި އިންޑިއާ ސަރުކާރުގެ ބައެއް އޮފިޝަލުންގެ ނަންތައް ވެސް ވަނީ ސީބީއައިއަށް ފޮނުވި ރިޕޯޓުގައި ފުލުހުން ފާހަގަކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ލިޔެކިތުންތަކާއި އެހެނިހެން ތަކެތި ހޯދުމަށްޓަކައި، ބެންގަލޫރާއި ނިއުދިއްލީ އަދި މުމްބާއީއިން ހަ ތަނެއް ބަލައި ފާސްކުރަމުން އެބަ ދެއެވެ.

comment ކޮމެންޓް