ފަތުރުވެރިން ދުނިޔޭގެ އެއްވަނަ މިފަހަރު ދިނީ ސިންގަޕޯ އެއާލައިންސްއަށް

ސިންގަޕޯ އެއާލައިންސްގެ މަތިންދާބޯޓެއް ---

ޓްރިޕްއެޑްވައިޒާ ޓްރެވެލާސް ޗޮއިސް އެވޯޑްސްގައި ދުނިޔޭގެ އެއްވަނަ އެއާލައިނުގެ މަގާމު ސިންގަޕޯ އެއާލައިންސްއަށް މިއަހަރު ދީފިއެވެ.

ޓްރެވެލާސް ޗޮއިސް އެވޯޑްސްއަކީ ޓްރިޕްއެޑްވައިޒާގައި ފަތުރުވެރިންނާއި ދަތުރުވެރިން ލިޔާ ރިވިއުތަކަށް ރިއާއަތްކުރުމަށްފަހު ކޮންމެ އަހަރަކުވެސް ދޭ އެވޯޑެކެވެ.

މި އެވޯޑު އެކި ދާއިރާތަކުން ދެއެވެ. އޭގެ ތެރޭގައި ހޮޓެލްތަކާއި، މަންޒިލުތަކާއި، އެއާލައިނުތަކުގެ އިތުރުން ރެސްޓޯރަންޓާއި ދުނިޔޭގެ މަޝްހޫރު ލޭންޑްމާކްތަކުގެ ދާއިރާ ހިމެނެއެވެ.

ޓްރެވެލާސް ޗޮއިސް 2018 ގެ އެއާލައިންތަކުގެ ދާއިރާއިން މުޅި ދުނިޔެއިން އެއްވަނައަށް ހޮވާފައިވަނީ ސިންގަޕޫރުގެ ގައުމީ އެއާލައިން، ސިންގަޕޯ އެއާލައިންސްއެވެ. މީގެ އިތުރުން ސިންގަޕޯ އެއާލައިންސްއަށް ވަނީ މުޅި ދުނިޔޭގެ ބެސްޓް ފަސްޓް ކްލާސް އަދި ބެސްޓް އިކޮނޮމީ ކްލާސްގެ ޝަރަފު ލިބިފައެވެ. އޭޝިއާ ސަރަހައްދުގެ ބެސްޓް މޭޖާ އެއާލައިނުގެ މަގާމުވެސް ސިންގަޕޯ އެއާލައިންސްއަށް ވަނީ ލިބިފައެވެ.

https://sun.mv/100328

ޓްރެވެލާސް ޗޮއިސްއިން ދުނިޔޭގެ އެންމެ ރަނގަޅު 10 އެއާލައިނުގެ ލިސްޓުން އެއްވަނަ ސިންގަޕޯ އެއާލައިންސްއަށް ލިބުނު އިރު، ދެވަނަ ލިބުނީ ނިއުޒިލެންޑްގެ ގައުމީ އެއާލައިން، އެއާ ނިއުޒިލެންޑަށެވެ. އަދި ތިންވަނަ ލިބުނީ މިދިޔަ އަހަރު ލިސްޓުން އެއްވަނަ ހޯދި އެމިރޭޓްސްއަށެވެ.

ޖަޕާނުގެ ގައުމީ އެއާލައިން ޖަޕާން އެއާލައިންސްއަށް ހަތަރުވަނަ ލިބުނު އިރު، ގަތަރު އެއާވޭސްއަށް ލިބުނީ މި ލިސްޓުގެ އަށްވަނައެވެ. މީގެ އިތުރުން ގަތަރު އެއާވޭސްއަށް ބެސްޓް ބިޒްނަސް ކްލާސްގެ ޝަރަފުވެސް ލިބުނެވެ.

އެންމެ ރަނގަޅު 10 އެއާލައިނުގެ 10 ވަނަ ލިބުނީ މިދިޔަ އަހަރު އަށްވަނައިގައި އޮތް ކޮރެއަން އެއާއަށެވެ.

އޭޝިއާ ސަރަހައްދުގެ ރީޖަނަލް އެއާލައިންތަކުގެ ބައިން ބެސްޓް ރީޖަނަލް އެއާލައިނުގެ މަގާމު ލިބުނީ އިންޑިއާގެ ޑޮމެސްޓިކް އެއާލައިން ވިސްޓާރާއަށެވެ. ރާއްޖެއަށްވެސް ދަތުރުކުރާ ބެންގްކޮކް އެއާވޭސްއަށް ލިބުނީ ތިންވަނައެވެ.

މީގެ އިތުރުން ލޯކޮސްޓް އެއާލައިންތަކުގެ ބައިން، އޭޝިއާ ސަރަހައްދުގެ ބެސްޓް ލޯކޮސްޓް އެއާލައިނުގެ އެވޯޑު ލިބުނީ އިންޑިއާގެ ލޯކޮސްޓް ކެރިއާ، އިންޑިގޯއަށެވެ.

ޓްރިޕްއެޑްވައިޒާ ޓްރެވެލާސް ޗޮއިސް އެވޯޑްސް 2018ގެ ހޮޓެލްތަކުގެ ކެޓެގަރީގެ ނަތީޖާތައް މިއަހަރުގެ ޖެނުއަރީ މަހު އާންމުކުރި އިރު، ރާއްޖޭގެ ބައެއް ޕްރޮޕަޓީތަކަށް ވަނީ މަތީ ޝަރަފުތަކެއް ލިބިފައެވެ.

އެގޮތުން ދުނިޔޭގެ ޓޮޕް 25 ހޮޓެލްސްގެ ލިސްޓުން ރާއްޖޭގެ ދެ ރިސޯޓެއް ވަނީ ޖާގަ ހޯދިއިފައެވެ. އެއީ ފަސް ވަނައިގައި އޮތް ގިލި ލަންކަންފުށި ރިސޯޓާއި، 15 ވަނައިގައި އޮތް ބަރޮސް މޯލްޑިވްސްއެވެ.

ދުނިޔޭގެ އެންމެ ރަނގަޅު 25 ލަގްޒަރީ ހޮޓެލްސްގެ ލިސްޓުގެ އެއްވަނައިގައި ހިމެނިފައި އޮތީ ބަރޮސް މޯލްޑިވްސް ރިސޯޓެވެ. ދެން އެ ލިސްޓުގައި ރާއްޖޭގެ ޕްރޮޕަޓީއަކަށް ހިމެނިފައި ވަނީ، 13 ވަނައިގައި އޮތް ގިލި ލަންކަންފުށި ރިސޯޓެވެ.

comment ކޮމެންޓް