ޓްރެވެލާސް ޗޮއިސް އެވޯޑްސްގައި ރާއްޖޭގެ ރިސޯޓުތަކަށް ޝަރަފުވެރި ވަނަތަކެއް

ގިލި ލަންކަންފުށި ރިސޯޓުގެ މަލަމަތި ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޓްރިޕްއެޑްވައިޒާގައި ފަތުރުވެރިން ޖަހާ ރިވިއުތަކަށް ބެލުމަށްފަހު ކޮންމެ އަހަރަކުވެސް ދޭ "ޓްރެވެލާސް ޗޮއިސް އެވޯޑްސް"ގައި ބަރޮސް މޯލްޑިވްސް ރިސޯޓަށް ބޮޑު ޝަރަފެއް ލިބިއްޖެއެވެ.

ޓްރެވެލާސް ޗޮއިސް އެވޯޑްސް 2018ގައި މިހާތަނަށް އާންމުކޮށްފައިވަނީ ހޮޓެލްސް ކެޓަގަރީގެ ނަތީޖާތަކެވެ. ހޮޓެލްސް ކެޓަގަރީގައި ރާއްޖޭގެ ގިނަ ރިސޯޓުތަކެއް ވަނީ ލިސްޓުތަކުގައި ހިމެނިފައެވެ.

ދުނިޔޭގެ ޓޮޕް 25 ހޮޓެލްސްގެ ލިސްޓުން ރާއްޖޭގެ ދެ ރިސޯޓެއް ވަނީ ޖާގަ ހޯޑައިފައެވެ. އެއީ ފަސް ވަނައިގައި އޮތް ގިލި ލަންކަންފުށި ރިސޯޓާއި، 15 ވަނައިގައި އޮތް ބަރޮސް މޯލްޑިވްސްއެވެ.

ދުނިޔޭގެ އެންމެ ރަނގަޅު 25 ލަގްޒަރީ ހޮޓެލްސްގެ ލިސްޓުގެ އެއްވަނައިގައި ހިމެނިފައި އޮތީ ބަރޮސް މޯލްޑިވްސް ރިސޯޓެވެ. ދެން އެ ލިސްޓުގައި ރާއްޖޭގެ ޕްރޮޕަޓީއަކަށް ހިމެނިފައި ވަނީ، 13 ވަނައިގައި އޮތް ގިލި ލަންކަންފުށި ރިސޯޓެވެ.

ދުނިޔޭގެ ޓޮޕް 25 އޯލް އިންކްލޫސިވް ރިސޯޓުގެ ލިސްޓުގެ 10 ވަނައިގައި، ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވުނު ކުރުނބާ މޯލްޑިވްސް ރިސޯޓު ހިމެނުނު އިރު، އެ ލިސްޓުގެ 20 ވަނައިގައި ލިލީ ބީޝު ރިސޯޓު އެންޑް ސްޕާ، އަދި 24 ވަނައިގައި ކްލަބް މެޑް ކަނި ރިސޯޓު ހިމެނިފައިވެއެވެ.

މީގެ އިތުރުން ޓޮޕް 25 ހޮޓެލް ފޯރ ރޮމޭންސް ލިސްޓުގެ 13 ވަނައިގައި ބަރޮސް މޯލްޑިވްސް، އަދި 19 ވަނައިގައި ކަނދޮޅު މޯލްޑިވްސް ރިސޯޓު ހިމެނިފައިވީ އިރު، ދުނިޔޭގެ ޓޮޕް 25 ހޮޓެލްސް ފޯރ ސާވިސް ކެޓަގަރީން ރާއްޖޭގެ ބަރޮސް މޯލްޑިވްސް ވަނީ 24 ވަނައިގައި ހިމެނިފައެވެ.

ޓްރެވެލާސް ޗޮއިސް އެވޯޑްސް 2018 ގެ ހޮޓެލްސް ކެޓަގަރީން، ބައިނަލްއަގުވާމީ އެކި ލިސްޓުތަކުގައި ރާއްޖޭގެ ނުވަ ރިސޯޓެއް ހިމެނިފައިވެއެވެ. ދެހާސް ސަތާރަވަނަ އަހަރު ޓްރެވެލާސް ޗޮއިސްގެ ހޮޓެލްސް ދާއިރާއިން ބައިނަލްއަގުވާމީ ލިސްޓުތަކުގައި އޮތީ ރާއްޖޭގެ އެންމެ ތިން ރިސޯޓެވެ.

ޓްރެވެލާސް ޗޮއިސް 2017: ރާއްޖޭގެ ޓޮޕް ޓެން ހޮޓެލް/ރިސޯޓު

  1. ގިލި ލަންކަންފުށި
  2. ބަރޮސް މޯލްޑިވްސް
  3. ސޮނޭވާ ފުށި
  4. މިރިހި އައިލެންޑް ރިސޯޓު
  5. ޖޭއޭ މަނަފަރު
  6. ކަނދޮޅު މޯލްޑިވްސް
  7. ކޮންސްޓަންސް މޫފުށި
  8. ލަކްސް ސައުތު އަރި އެޓޯލް
  9. ވެލާ ޕްރައިވެޓް އައިލެންޑް
  10. ސިކްސް ސެންސެސް ލާމު
comment ކޮމެންޓް