ބީޗް ހޭންޑްބޯލް މުބާރާތް ވަރަށް ފޯރިގަދަ: ޗެމްޕިއަންކަން އެވެންޖާސްއާއި ބްރަދާހޫޑް ބޯއީޒްއަށް!

އޮރީޒް ބީޗް ހޭންޑްބޯލް މުބާރާތުގެ ތެރެއިން ---

މާލޭގައި ބޭއްވި ފުރަތަމަ ބީޗް ހޭންޑްބޯލް މުބާރާތް ވަރަށް ފޯރިގަދަކޮށް ނިންމާލި އިރު، އަންހެން ޗެމްޕިއަންކަން އެވެންޖާސްއިން ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޑީއައި ބްރަދާހޫޑް ބޯއީޒް ހޯދައިފިއެވެ.

އޮރީޒް ހޭންޑްބޯލް ކްލަބުން ރާވާ، ޓުގެދާ އޭސް ވަންއިން އިންތިޒާމްކޮށްގެން ބޭއްވި ބީޗް ހޭންޑްބޯލް މުބާރާތް ކުރިއަށް ދިޔައީ ރަސްފަންނުގައެވެ. އެ މުބާރާތުގައި ފިރިހެން 12 ޓީމަކުން އަދި އަންހެން އަށް ޓީމަކުން ވާދަކޮށްފައިވާ އިރު، މުބާރާތް ކުރިއަށް ދިޔައީ ހާއްސަ ޗެލެންޖަކާވެސް އެކީގައެވެ. އެގޮތުން އަލިބޭ ޓީމް ޝޫޓްއައުޓް ޗެލެންޖެއްވެސް މުބާރާތުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

އޮރީޒް ބީޗް ހޭންޑްބޯލް މުބާރާތުގެ ތެރެއިން ---

މުބާރާތުގެ ފިރިހެން ޗެމްޕިއަންކަން ޑީއައި ބްރަދާހޫޑް ބޯއީޒްއިން ހޯދީ ފައިނަލްގައި ޑީއައި ބްރަދާހޫޑް ބަލިކޮށްގެންނެވެ. އަންހެން ފައިނަލްގައި އެވެންޖާސްއާ ވާދަކުރީ ކްރަޝްއެވެ. ފިރިހެން ޑިވިޝަންގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ޑީއައި ބްރަދާހޫޑްގެ އަހުމަދު ޝަނީޒު ހޯދި އިރު، އަންހެން ޑިވިޝަންގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ދެ ކުޅުންތެރިންނަށް ލިބިފައިވެއެވެ. އެއީ ކްރަޝްގެ އައިޝަތު އިސްރާއުއާއި ފާތިމަތު ރިޝްމާއެވެ.

އަލިބޭ ޓީމް ޝޫޓް އައުޓް ޗެލެންޖުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަނުންނަކީ ހައިޝަމްއާއި މޫސައެވެ. އަންހެން ޑިވިޝަންގެ ޗެމްޕިއަނުންނަކީ ޝާއާއި އަރުޝާއެވެ.

މުބާރާތް އިންތިޒާމް ކުރި އޮރީޒް ހޭންޑްބޯލް ކްލަބުން ބުނެފައި ވަނީ މުބާރާތް ނިމިގެން ދިޔައީ ފޯރި ގަދަކޮށް ކަމަށާއި، އިރާދަކުރެއްވިއްޔާ އަންނަ އަހަރުވެސް މިއަހަރަށްވުރެ ފުރިހަމަކޮށް މުބާރާތް ބޭއްވުމަށް މަސައްކަތްކުރާނެ ކަމަށެވެ. މީގެ އިތުރުންވެސް މުބާރާތް ފޯރި ގަދަކޮށް ކުރިއަށް ގެންދިއުމަށްޓަކައި ބައިވެރިވި ހުރިހާ ޓީމެއްގެ ފަރާތުންވެސް ދިން އެއްބާރުލުން ފާހަގަކޮށް، ސްޕޮންސަރުންނަށްވެސް އޮރީޒްއިން ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

ހާއްސަކޮށް މުބާރާތުގެ މެއިން ސްޕޮންސަރުން ކަމަށްވާ އޮންދިގޯގެ އިތުރުން ކޯ ސްޕޮންސަރުން ކަމަށްވާ އަލިބޭ، އީކޮންސެޕްޓް އަދި ސަބްމޯއަށް އޮރީޒްއިން ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

އޮރީޒް ބީޗް ހޭންޑްބޯލް މުބާރާތުގެ ތެރެއިން ---

އޮރީޒް ބީޗް ހޭންޑްބޯލް މުބާރާތަކީ "ޓުގެދާ އޭސް ވަން"އާ ހަވާލުކޮށް، އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ކާމިޔާބު މުބާރާތެކެވެ. މީގެ އިތުރުންވެސް "ޓުގެދާ އޭސް ވަން"ގެ ފަރާތުން އިންތިޒާމްކުރި ދިރާގު 3 އޮން 3 ބާސްކެޓްބޯލް ދެވަނަ އެޑިޝަން އަދި ވުލްވްސް ބީސީ 5 އޮން 5 "ވާނެތަ" ބާސްކެޓް ޗެލެންޖުވެސް މި ރަމަޟާން މަހު ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފައިވެއެވެ.

comment ކޮމެންޓް