ޒަކާތު ފަންޑުންދޭ ސްކޯލާޝިޕްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޑިސެމްބަރު 4، 2017: ހައި އެޗީވާސް ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާޅުކުރުމަށް ޗަމްޕާ ސެންޓްރަލް ހޮޓެލުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުދުންތެރިކަން ނެތް ދަރިވަރުންގެ ތެރެއިން ކިޔަވަމުންދާ ދަރިވަރުންނަށް ޒަކާތު ފަންޑުންދޭ އެހީ، ޒަކާތު ފަންޑުންދޭ ސްކޯލާޝިޕްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ސަރުކާރުގެ ގެޒެޓުގައި އިސްލާމިކް މިނިސްޓްރީން މިއަދު އާންމުކުރި އިއުލާންގައި ވަނީ އެކި ދާއިރާތަކުން 73 ސްކޯލާޝިޕެއް ހުޅުވާލައިފަ އެވެ. އޭގެ ތެރޭގައި ޑިޕްލޮމާ ފެންވަރުގެ 20 ކޯހަކާއި ޑިގްރީ ލެވެލްގެ 51 ކޯހަކާއި އަދި މާސްޓާސް ފެންވަރުގެ ދެ ކޯސް ހިމެނެ އެވެ.

ޒަކާތު ފަންޑުން ހުޅުވާލި ގިނަ ކޯސްތަކަކީ އިސްލާމްދީން ސީދާ ގުޅުން ހުރި ކޯސްތަކެކެވެ. އޭގެ ތެރޭގައި އިމާމްކަމާއި، އިސްލާމިކް ސްޓަޑީޒް އަދި ގުރުއާނާ ބެހޭ ކޯސްތައް ހިމެނެ އެވެ. އޭގެ އިތުރުން އިންޖިނިއަރިންއާ ބިޒްނަސް އަދި އެމްބީބީއެސްއާ ގުޅޭ ސްކޯލާޝިޕްތައް ވެސް ހިމެނެ އެވެ.

ޑިގްރީ އިން ބިޒްނަސް ނުވަތަ އެޗް އާރް މެނޭޖްމަންޓް އަދި ޑިގްރީ އިން އިންފޮމޭޝަން ޓެކްނޮލޮޖީ އަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓާފް ޑިވެލޮޕްމެންޓް ޕޮރްގްރާމަށް ޚާއްސަ ދެ ކޯހަށްވާތީވެ އެ ދެ ކޯހަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލެވިފައި ވާނި ހަމައެކަނި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ މުވައްޒަފުންނަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޒަކާތުން ލިބޭ ފައިސާގެ 10 މިލިއަން ރުފިޔާ ހަރަދު ކުރަން ހަމަޖެހިފައި ވަނީ ސްކޮލާޝިޕްތަކަށް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖެ އިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް އެ ސްކޮލާޝިޕްގެ ދަށުން ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެންނަމަވެސް ސްކޮލާޝިޕްގެ ދަށުން ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް ދިނުމަށް ހަމަޖެހިފައި ވަނީ ކޯސްފީ އެކަނި ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ސްކޯލާޝިޕްތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އަންނަ މަހު 28 އިގެ ކުރިން ތައުލީމީ ސެޓްފިކެޓްތަކާއި އެޕްލިކޭޝަން ފޯމް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އެޕްލިކޭޝަން ފޯމް އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް