ހިންދޫ އާއިލާއެއްގެ އަންހެނަކަށް އިސްލާމްދީނުގެ ހިދާޔަތް ލިބުނުގޮތް

އަހަރެންނަކީ ހިންދޫ އާއިލާއަކަށް ނިސްބަތްވާ މީހަކީމެވެ.

އަހަރެން އުޅެ ބޮޑުވީ ބުދުފައްޅިއަށާއި ހިންދޫ މުނާސަބާތަކުގެ ސަގާފަތުގެ ތެރެއަށެވެ. އަހަރެންގެ މަންމައަކީ ވަރަށް ދީނީ މީހެކެވެ. މަންމައާއި އާއިލާ މީހުން އީމާންވާ ކަންކަމަށް އަހަރެން އިހުތިރާމުކުރި ނަމަވެސް، އެކަންކަމުން އަހަރެންނަށް އެހާ އަސަރު ކުރުވާ ކަމަކަށް ނުވިއެވެ. އުމުރުން ދޮށިވީ ވަރަކަށް އަހަރެންނަށް ރޭކާލީ، އަހަރެން ހަގީގަތުގައި ހިންދޫ ދީނަށް އީމާން ނުވެވޭކަމެވެ.

އަހަރެންގެ އުމުރުން 17 އަހަރުގައި، އަހަރެންގެ ދައްތަ އިސްލާމްދީން ގަބޫލުކުރިއެވެ. އެއާ އެކު އަހަރެން ބޭނުންވީ، މި ދީނަކީ ހަގީގަތުގައި ކިހިނެއްވާ ދީނެއްކަން ހޯދައި ބެލުމަށެވެ. އަހަރެންގެ ދައްތަ އެ ދީނުން ހޯދި އުފާވެރިކަމާއި އިތުބާރު، އަހަރެންވެސް ބޭނުންވީއެވެ.

އަހަރެން އިސްލާމް ދީނާ ބެހޭ މައުލޫމާތު ހޯދަން ފެށީމެވެ. ގުރުއާނުގައި ހުރި ވާހަކަތައް ކިއީމެވެ. އަހަރެންނަށް ފެނުނު ގޮތުގައި، ހިންދޫ ދީނުގެ ޚިޔާލީ ފޮލާތަކަށް ވުރެ، ގުރުއާނުގައި ހުރި ވާހަކަތައް މާ ބޮޑަށް ވެސް ހަގީގަތާ އެއްގޮތެވެ. ގިނަ ކަލާނގެތަކުގެ ބަދަލުގައި އެއްކައުވަންތަ ކަލާނގެއެއް ހުރުން ބުއްދިއަށް މާ ބޮޑަށް ގަބޫލުކުރެވުނެވެ. އެކަމުގެ ސަބަބުން އިސްލާމް ދީނަށް އަހަރެންގެ ހިތް ޖެހުނެވެ.

ހިންދޫ ބުދު ފައްޅިއަށް ގޮސްގެން ނުލިބުނު ހިތްހަމަޖެހުން އަހަރެންނަށް ފުރަތަމަ ފަހަރަށް ލިބެން ފެށިއެވެ. މި ހިތްހަމަޖެހުމުގެ ހިޔާލުތައް އަހަރެންގެ ގައިގައި ހަރުލިއެވެ. އެހެންކަމުން އަހަރެން ނިންމީ އިސްލާމްދީން ގަބޫލުކުރާށެވެ. އަޅުވެތިކަމަކުން މިނިވަންވި ފަދަ އިހުސާސްތައް ކުރެވުނީ އަދިކިރިޔާއެވެ.

އަހަރެންގެ މައިންބަފައިން އުޅެ ބޮޑުވީ އިންޑިއާގައެވެ. އިންޑިއާއަކީ ހިންދޫންނާއި މުސްލިމުންނާ ދެމެދު ނުތަނަވަސްކަން ބޮޑު ގައުމެކެވެ. އެ މާހައުލުގައި ގިނަ ހިންދޫއިން އިސްލާމްދީނަށް ނަފުރަތުކުރުމުގައެވެ. އެހެންކަމުން އަހަރެން އިސްލާމްވީ ކަމުގެ ޚަބަރު މަންމައާއި ބައްޕައާ ހިއްސާކުރުމަށް އަހަރެން ޖެހިލުންވީމެވެ.

ދައްތައާއި އަހަރެން ނަމާދުކޮށް ހަދަނީ މަންމައާއި ބައްޕައަށް ސިއްރުންނެވެ. ދީނީ ފޮތްތަކާއި ބުރުގާ ފަދަ ތަކެތި ބަހައްޓަނީ ފޮރުވާފައެވެ. ރޯދަމަހު ރޯދަހިފާކަން ސިއްރުކުރުމަކީވެސް އުނދަގޫ ކަމެކެވެ.

ދަތި، އުނދަގޫ ކަމެކެވެ. ނަމަވެސް މިކަމުންވެސް އަހަރެމެންގެ އީމާންތެރިކަން ވީ އިތުރެވެ. އަހަރެންނާއި ދައްތަ، ދީނާ ބެހޭގޮތުން މަންމައާ ސުވާލުކުރަން މަސައްކަތް ކުރީމެވެ. އެކަމަކު މަންމަގެ ސިކުނޑިއަށް ރުޅި ނޫން އެއްޗެއް ނާދެއެވެ.

އޭގެ އަހަރުތަކެއް ފަހުން ކަންކަން ދިޔައީ ގޯހުން ގޯހަށެވެ. ދައްތަ ނަމާދުކުރަން ހުއްޓާ މަންމައަށް ކޮޓަރިއަށް ވަދެވުނެވެ. ދައްތައަކީ މުސްލިމެއްކަން މަންމައަށް "ފަޅާ އެރީ"އެވެ. އެހިސާބުން ގޭތެރޭގައި އޮތީ ޒުވާބާއި ނުތަނަވަސްކަމެވެ. އެންމެ ފަހުން މަންމަގެ އެދުމަށް، ދައްތަ ނިންމީ ގެއިން ނުކުންނާށެވެ.

އެދުވަހު މަންމަ އަހަރެންގެ ދީނާ ބެހޭގޮތުންވެސް ސުވާލުކުރިއެވެ. ތެދުވެރިކަމާއެކު ޖަވާބުދީ، އަހަރެންނަކީ މުސްލިމެއްކަން ބުނީމެވެ. އެއާ އެކު އަހަރެންގެ ނުތަނަވަސްކަން އިތުރުވިއެވެ. އެކަމަކު އަހަރެން ގެއިން ނުކުންނާކަށް މަންމަ ނުބުނެއެވެ.

ދެން ފާއިތުވި ދުވަސްތައް ވަރަށް ހިތްދައްޗެވެ. އަހަރެން އިސްލާމްވީކަން މަންމައަށް ނޭނގޭ އިރު މާ ބޮޑަށްވެސް ރަނގަޅެވެ. މިހާރު މަންމަ އަހަރެންނާ ވާހަކަދައްކަނީ ހަމައެކަނި ރުޅިވެރި ބަސްތައް ރައްދުކުރުމަށެވެ. އަހަރެން ބޭރަށް ގޮސް، ރައްޓެހިންނާ ބައްދަލުކުރުންވެސް މަނާކުރިއެވެ.

ހާލަތު ރަނގަޅުވާ ގޮތެއް ނުވުމުން އަހަރެން ވަރަށް ބޮޑަށް ދެރަވާން ފެށިއެވެ. މަންމަގެ ހާލާ މެދުވެސް ކަންބޮޑުވިއެވެ. އެހެންކަމުން، ދީނާ ބެހޭގޮތުން މަންމަ ދެން ސުވާލުކުރި ފަހަރު، މަންމަގެ ހިތްހަމަޖެހުމަށްޓަކައި އަހަރެން ބުނީ އިސްލާމްދީން ދޫކޮށްލައިފިން ކަމަށެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ. އަހަރެންނަށް ޖެހުނީ އަހަރެންގެ އީމާންކަން އަނެއްކާވެސް ސިއްރުކުރުމުގެ ތެރެއަށް ދާށެވެ. އެއާއެކު މަންމައާ އޮތް ގުޅުން ރަނގަޅުވިއެވެ. ދީނާ ބެހޭ ވާހަކަ ދެއްކުން އަހަރެމެން ހުއްޓާލީމެވެ.

އަހަރެންނަށް ވަރަށް ގިނައިން ފިކުރުކުރެވެއެވެ. އިސްލާމްދީނާ މެދު މަންމަ އެފަދައިން އިޖާބަ ދިނީ ކީއްވެގެން ހެއްޔެވެ؟ އެއީ މަންމަގެ ހިތުގައި އޮތް ނަފުރަތެއް ހެއްޔެވެ؟ ނުވަތަ މީހުން ހީކޮށްފާނެ އެއްޗަކާ މެދު ހެއްޔެވެ؟ އަހަރެންނަށް އަދިވެސް މި ސުވާލުގެ ޖަވާބެއް ނުލިބެއެވެ.

އިސްލާމްދީން ގަބޫލުކުރިތާ މިހާރު އަށް އަހަރު ވެއްޖެއެވެ. އަހަރެންގެ ނިންމުމާ މެދު އަހަރެން ފަހުރުވެރިވަމެވެ. އެކަމަކު އަހަރެން އަދިވެސް އަޅުކަންކޮށް ހަދަނީ ސިއްރިއްޔާތުގައެވެ. ނަމާދުކުރާ އިރު އަހަރެންގެ ހިތަށް ލިބޭ ހިތްހަމަޖެހުން ބަޔާންކޮށްދޭކަށްވެސް ނޭނގެއެވެ. ދިރިއުޅުމުގެ ހަގީގީ މަގްސަދު އަހަރެންނަށް އިސްލާމްދީން ދައްކުވައިދީފިއެވެ. ސިއްރިއްޔާތުގައި ދީނަށް އުޅެން ޖެހުނަސް އެ ހިތްހަމަޖެހުން ފިލައި ނުދެއެވެ.

comment ކޮމެންޓް