ބޮލީވުޑްގެ ކުޅަދާނަ ދެ އެކްޓަރުން ކަމުގައިވާ ރަންބީރު ކަޕޫރު އަދި އާލިއާ ބަޓް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ވާހަކަތައް ދެކެވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ.
ދެމީހުންގެ ގުޅުން އެކުވެރިކަމުން ލޯތްބަށް ބަދަލުވެފައިވާ ކަމަށް ފުރަތަމަ ޚަބަރުތައް ބުނީ އަޔާން މުކަރްޖީގެ ފިލްމު "ބްރަހްމާޝްތުރަ" ގައި ދެމީހުން މަސައްކަތް ކުރަން ފެށި ހިސާބުންނެވެ.
ނަމަވެސް އެ ވާހަކަތަކަށް ދެމީހުން ވެސް އަޅައެއް ނުލައެވެ. އިންކާރެއް ވެސް ނުކުރެއެވެ. އެއްބަހެއް ވެސް ނުވެއެވެ.
ގުޅުމުގެ ވާހަކަތައް ކުޑަކޮށް މަޑުޖެހިފައި އޮއްވައި، ދެމީހުން އެކުގައި ސޯނަމް ކަޕޫރުގެ ކައިވެންޏަށް ދިއުމުން އަނެއްކާ ވެސް ފަތު އަޑު ކިޔައިފައި އެ ވާހަކަތައް މިވަނީ ދެކެވެން ފަށައިފައެވެ.
ރިޕޯޓަރުންގެ ސުވާލުތައް ވެސް މިހާރު އެންމެ ބޮޑަށް އަންނަނީ ދެމީހުންގެ ގުޅުމާ ބެހޭ ގޮތުންނެވެ. ޕިންކްވިލާ ރިޕޯޓުތައް ބުނާގޮތުން ދާދި ފަހުން ރަންވީރު ވަނީ އާލިއާ އާއި ދެމީހުންގެ ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކައިފައެވެ.
ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެމުން ރަންބީރު ބުނެފައި ވަނީ އެކަމާ ގުޅޭގޮތުން ވާހަކަ ދެއްކޭ ވަރަށް ވުރެ ގުޅުން މާ ބޮޑަށް އައު ކަމަށެވެ.
ރަންބީރުގެ އެ ޖަވާބުން ދެމީހުން ގުޅިގެން އުޅޭކަން ޔަގީންކޮށް ދީފައިވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ނަމަވެސް ދެމީހުންގެ ފަރާތުން ވެސް އަދި ސީދާ ޖަވާބެއް ނުލިބެއެވެ.
ދެމީހުންގެ ގުޅުމާ ބެހޭ ގޮތުން އާލިއާ ބުނެފައި ވަނީ "ތެދު ވިއްޔާ ވާނީ ތެދަށް. ދޮގު ވިއްޔާ ވާނީ ދޮގަށް. ދެން ބަލަމާ ކޮންމެ ކަމަކީ ފިލްމަކާ ގުޅިފައިވާ އަދި މީޑިއާގެ ސަމާލުކަން ހޯދުމަށް ކުރާ ކަމެއް ނޫން" ކަމަށެވެ.
އާލިއާ ވަނީ ވަރަށް ކުޑަ އިރުން ފެށިގެން ރަންބީރު އަކީ އޭނާގެ "ކްރަޝް" އެއް ކަމަށާއި، ރަންބީރާއި ކައިވެނި ކުރުމުގެ ހުވަފެން ވެސް ދެކުނު ކަމަށް މީގެ ކުރިން ބުނެފައެވެ. އަދި ރަންބީރު އާއެކު ފިލްމެއްގައި މަސައްކަތް ކޮށްލަން ލިބުމަކީ ވެސް ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށެވެ.
އާލިއާގެ އިތުރުން ރަންބީރު ވެސް ވަނީ އާލިއާ އާއި ގަޔާވާކަމަށް މީގެ ކުރިން އެއްބަސްވެފައެވެ.
"ބްރަހްމަޝްތުރާ" އަކީ ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ ތިން ފިލްމުގެ މައްޗަށް ހިމެނޭ ފިލްމު ސީރީޒެކެވެ. މިއީ އަޔާން މުކަރްޖީގެ ފުރަތަމަ ފެންޓަސީ ފިލްމެވެ. ފިލްމުގައި ރަންބީރު ފެނިގެން ދާނީ އާދަޔާ ޚިލާފު ބާރުތަކެއް ލިބިފައިވާ މީހެއްގެ ރޯލުންނެވެ.
މިއީ ރަންބީރާއި އާލިއާ އެކުގައި ފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. ދެމީހުންގެ އިތުރުން ފިލްމުގެ މުހިންމު ރޯލުތަކުން އަމީތާބް ބައްޗަން އަދި މޯނީ ރޯއީ ވެސް ފެނިގެން ދާނެ އެވެ.
ސީރީޒްގެ ފުރަތަމަ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 2019 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 15 ވަނަ ދުވަހުއެވެ.