ނޫނެކޭ ބުނުމުން ވެސް ޖެކްލީން ކުޑަ ކުއްޖެއްގެ ގައިގައި ބައްދާލި މައްސަލަ ހޫނުވެއްޖެ

ކުޑަ ފިރިހެން ކުއްޖެއްގެ ނުރުހުމުގައި އެކުއްޖާގެ ގައިގައި ބޮލީވުޑް އެކްޓްރެސް ޖެކްލީން ފާނަންޑޭޒް ބައްދައިލުމުން، ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން އޭނާއަށް އަމާޒުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ޖެކްލީންއަށް ފާޑުކިޔަމުން ދަނީ ޑާންސް ރިއަލިޓީ ޝޯ، "ޑާންސް ދީވާނޭ"ގައި ހިނގި ހާދިސާ އަކާއި ގުޅިގެންނެވެ. ޖެކްލީން ވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ވީޑިއޯއެއް ވެސް ހިއްސާކޮށްފައެވެ.

ކުޑަ ކުއްޖާގެ ހުށަހެޅުން ނިމުމުން، އެ ހުށަހެޅުން ވަރަށް ކަމުދިޔަ ކަމަށާއި އެކުއްޖާގެ ގައިގައި ބައްދާލަން ބޭނުންވާ ކަމަށް ޖެކްލީން ބުނެ އެވެ.

ޖެކްލީން އާއެކު ފިލްމު "ރޭސް 3" ޕްރޮމޯޓު ކުރުމަށް ޝޯގައި ބައިވެރި ސަލްމާން ޚާން ވަނީ އެ ފުރުސަތު ޖެކްލީންއަށް ދޭނަންތޯ އެ ކުއްޖާ އާ ސުވާލު ކޮށްފައެވެ.

ނަމަވެސް ފިރިހެން ކުއްޖާ ވަނީ އެއީ އޭނާ ކުރަން ބޭނުން ކަމެއް ނޫން ކަމަށް ބުނެ ޖެކްލީންގެ އެދުމަށް އިންކާރު ކޮށްފައެވެ.

ނަމަވެސް އެކުއްޖާ އިންކާރު ކުރުމުން ވެސް، ސަލްމާން ވަނީ ޖެކްލީންގެ އަތުގައި ހިފައިގެން ދަމާފައި ކަހަލަ ގޮތަކަށް ސްޓޭޖަށް އަރުވައިފައެވެ.

އަދި ފިރިހެން ކުއްޖާއަށް ދުރަށް ނުދެވޭނެ ގޮތަށް ސަލްމާން އެ ކުއްޖާގެ ގައިގައި ހިފަހައްޓައިގެން ހުންނަ އިރު، ޖެކްލީން ގޮސް އޭނާގެ ގައިގައި ބައްދާލައެވެ.

ސަލްމާން ވަނީ އޭގެ ފަހުން ޖެކްލީންގެ ގައިގައި ބައްދާލަން އެކުއްޖާ ގާތު ބުނެފައެވެ. ނަމަވެސް ބައްދާލުމުގެ ބަދަލުގައި އެކުއްޖާ ޖެކްލީންގެ ގައިގައި ބަނޑު ޖައްސައިލާތަން ވީޑިއޯއިން ފެނެއެވެ.

ވީޑިއޯ އާއެކު ޖެކްލީން ބުނެފައި ވަނީ ކުޑަކުދިން އާންމުކޮށް އޭނާ އާ ގަޔާވާ ކަމަށާއި، ނަމަވެސް އެ ކުއްޖާ ގަޔާނުވި ކަމަށެވެ. އެކަމަކު ކޮންމެ ގޮތެއް ވިޔަސް އެކުއްޖާ ގައިގައި ބައްދާލެވުމުން އުފަލުން ހުރި ކަމަށެވެ.

އެއާއެކު އިންސްޓަގްރާމްގައި އޭނާ ފޮލޯ ކުރާ އެތައް ބަޔަކު ވަނީ ނުރުހުން ފާޅުކޮށް، ޖެކްލީން އަށް ފާޑުކިޔަން ފަށައިފައެވެ. ކުއްޖާ ސީދާ ނޫނެކޭ ބުނުމުން ވެސް ޖެކްލީން ސަލްމާންގެ ބަހަށް އެކުއްޖާ ގައިގައި ބެއްދުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ޖެކްލީންގެ އެ އަމަލުގެ ސަބަބުން އެކުއްޖާ ވަރަށް އުނދަގޫ ވެފައި ހުރިކަން ފެންނަ ކަމަށާއި، ކުއްޖާގެ އެދުމަށް އިހްތިރާމް ނުކުރީ ކީއްވެތޯ ސުވާލު ކޮށްފައެވެ.

އަދި އަންހެނުންނާއި އަންހެން ކުދިންގެ ނުރުހުމުގައި އެފަދަ ކަމެއް ކުރި ނަމަ އެކަން ކުށްވެރި ކުރާއިރު، ފިރިހެން ކުދިންގެ ނުރުހުމުގައި ގައިގައި އަތް ލެވިގެން ނުވާނެ ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އެކަމާ ގުޅިގެން ޖެކްލީން އަދި ސަލްމާން ވެސް އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ވަރަށް ފަހުން، "ދަ ވޮއިސް އިންޑިއާ ކިޑްސް"ގައި ލަވަކިޔުންތެރިޔާ ޕާޕޯން، 11 އަހަރުގެ އަންހެން ކުއްޖެއްގެ ނުރުހުމުގައި އެކުއްޖަކަށް ދޮނެއް ދިން މައްސަލަ ވަނީ ހޫނުވެފައެވެ.

ޕާޕޯން އާ ދެކޮޅަށް ކުޑަ ކުއްޖަކަށް ގަދަކަމުން ފުރައްސާރަ ކުރި ކަމުގެ މައްސަލައެއް ކޯޓަށް ހުށަހަޅައި ތަހުގީގު ވެސް ވަނީ ކޮށްފައެވެ. އަދި ޕާޕޯން ވަނީ މައާފަށް އެދި ޝޯއިން ވަކިވެފައެވެ.

ޕާޕޯން ބުނީ އޭނާގެ މައްޗަށް ކޮށްފައި ވަނީ ދޮގު ތުހުމަތެއް ކަމަށާއި، މައްސަލަ ތަހުގީގުކޮށް ނިމުމުން ތެދު ހާމަވާނެ ކަމަށެވެ.

comment ކޮމެންޓް