ބޮލީވުޑްގެ ރާނީ އަކީ އާލިއާ: ކަންގަނާ

ޒުވާން ބަތަލާ އާލިއާ ބަޓްގެ އެންމެ ފަހުގެ ފިލްމު "ރާޒީ" ބެލުމަށްފަހު، ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު ކަންގަނާ ރަނައުތު އާލިއާއަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފިއެވެ.

މޭގްނާ ގުލްޒާރު ޑައިރެކްޓުކޮށްފައިވާ "ރާޒީ"ގައި އާލިއާ ފެނިގެން ދިޔައީ ޕާކިސްތާން އަސްކަރިއްޔާ އޮފިސަރަކާ ކައިވެނި ކޮށްގެން އެ ގައުމަށް ދިރިއުޅުން ބަދަލުކުރާ އިންޑިއާ ޖާސޫސެއްގެ ގޮތުގައެވެ.

ކަންގަނާ ބުނީ ފިލްމުގެ ޚާއްސަ ސްކްރީނިންއަށް އާލިއާ އަދި މޭގްނާގެ ފަރާތުން ދައުވަތު ލިބުނު ކަމަށާއި، ނަމަވެސް ޝޫޓިންގެ ސަބަބުން އެ ސްކްރީނިންއަށް ނުދެވުނު ކަމަށެވެ.

އާލިއާއަށް ވައުދުވި ގޮތަށް ފިލްމު ރިލީޒް ކުރިތާ ދެ ހަފްތާ ތެރޭގައި ކަންގަނާ މިވަނީ ފިލްމު ބަލައިފައެވެ. އަދި އެ ފިލްމު އޭނާއަށް ވަރަށް ބޮޑަށް ކަމުދިޔަ ކަމަށް ކަންގަނާ ބުންޏެވެ.

"އަހަންނަކަށް ނޭނގެ އާލިއާ އާމެދު ބުނާނެ އެއްޗެއް ވެސް. އެހާ ވެސް ކުޅަދާނަ. އާލިއާ އަކީ ބޮލީވުޑްގެ ރާނީ. މިއީ އާލިއާގެ ދުނިޔެ. އަހަރުމެންނަކީ އެ ދުނިޔޭގައި ދިރިއުޅޭ މީހުން،" ކަންގަނާ ބުނެފައިވެއެވެ.

ކަންގަނާ ވަނީ އާލިއާގެ އިތުރުން މޭގްނާގެ ޑައިރެކްޝަނަށް ވެސް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ.

މެއި 11ގައި ރިލީޒް ކުރި "ރާޒީ"އަށް މިހާތަނަށް އެއް ބިލިޔަން ނުވަތަ 100 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ލިބި، އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ވަނީ ހިމެނިފައެވެ.

comment ކޮމެންޓް