ރެފްރީންގެ ބަލަދުވެރި ފަރާތެއް ނެތް: ނިޒާމްބެ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ދ. ކުޑަހުވަދޫ އާއި ށ. މިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން، ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހިގެން ކުޑަހުވަދޫ ޓީމުންވަނީ ދަނޑުން ފައިބާފައި: ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅެމުންދިޔަ އެ މެޗުން ކުޑަހުވަދޫ ޓީމު ފޭބީ މެޗުގެ 76 ވަނަ މިނެޓުގަ. މެޗު ހުއްޓާލިއިރު 0-2 ގެ ނަތީޖާއަކުން ކުރީގައި އޮތީ މިލަންދޫ. މިލަންދޫގެ ދެވަނަ ލަނޑު ޖެހުމާއެކު ކުޑަހުވަދޫ ކުޅުންތެރިން ވަނީ އެ ޓީމުގެ މެނޭޖުމެންޓްގެ އެންގުމަކަށް ދަނޑުން ފާބައިފައި ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގެ ފުޓުބޯޅަ ރަނގަޅުކުރާ ނަމަ ރެފްރީންގެ ކަންކަން ހަރުދަނާ ކުރަން ޖެހޭނެ ކަމަށާއި، އެހެން ނަމަވެސް މިހާރުވެސް ރާއްޖޭގެ ރެފްރީންގެ ގޯސްތައް ހައްލުކުރާނެ ބަލަދުވެރި ފަރާތެއް ނެތް ކަމަށް ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

ރޭގެ މާލޭ ލީގުގެ މެޗަށް ނުކުތް އިރުވެސް، ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވެފައި އޮތް ޓީސީން ކްލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 4-3ގެ ނަތީޖާއަކުންނެވެ. މެޗަށްފަހު ނިޒާމްބެ ބުނީ ޓާގެޓް ހާސިލްވެފައި އޮތުމުން ކުޅުންތެރިން ފަސޭހަކޮށްލި ނަމަވެސް، އެންމެ މުހިއްމު ވާހަކައަކަށް ދައްކަން އޮތީ މެޗުތަކުގެ ރެފްރީންގެ ވާހަކަ ކަމަށެވެ.

"ފުޓުބޯޅަ ރަނގަޅު ކުރާ ކަމަށްވާނަ ދަނޑުމަތީގައި އެހެން ކުލައިގެ ހެދުމުގައި ތިބޭ މީހުންގެ ކަންކަންވެސް ބަލާނެ ބަލަދުވެރި ފަރާތެއް ބޭނުންވޭ އެބަ. ވަރަށް ދަށްކޮށް (ރެފްރީންގެ) ކަންކަން މިދިޔައީ. ކަނޑައެޅިގެން އެންމެން ކުރިމަތީގައި ފެންނަން ހުރި ކަންކަން މިދިޔައީ،" މެޗަށްފަހު ނިޒާމްބެ ބުންޏެވެ.

ނިޒާމްގެ އިތުރުންވެސް މާލޭ ލީގުގެ ގިނަ ކްލަބުތަކެއްގެ ކޯޗުން މި ސީޒަންގައިވެސް އަދި މިދިޔަ ދެ ސީޒަނެއްގައިވެސް ރެފްރީންގެ މައްސަލަތައް ވަރަށް ބޮޑަށް ފާހަގަކޮށްފައިވެއެވެ. ހާއްސަކޮށް ރެފްރީންގެ ނިންމުންތަކާ ގުޅިގެން މިދިޔަ އަހަރު ޕްރިމިއާ ލީގުގެ ބައެއް މެޗުތަށްވެސް ވަރަށް ބޮޑަށް ހޫނުވެ، މެޗު ހުއްޓާލާ ހިސާބަށްވެސް ގޮސްފައިވެއެވެ.

"މިތާ އެއްޗެކޭ ބުނާ މީހާއާމެޗު ޑެސިޝަން ނެގުން. ކަންތައް ގޯސްވެގެން ގޮސް އެކަމަކަށް އަމަލުކުރާ މީހާއާ މެދު ފިޔަވަޅު އެޅުން. އެ ކަންކަން ގޯސްވާ ހިސާބު ރަނގަޅު ކުރުމުގެ އެއްވެސް ގޮތެއް ނެތް. އެގޮތަށް ވަރަށް އުނދަގޫވާނެ މިކަން ކުރަން. އެއީ ވަކި ކުލައެއް، ވަކި ބަޔަކަށް މިކަން ކުރުމުގެ އުސޫލު ދޫކޮށްލާ، ފުޓުބޯޅަ ގަވާއިދަށް އަމަލުކުރަން ޖެހޭކަންނޭނގެ،" ރެފްރީންގެ ކަންކަމާ ގުޅިގެން ނިޒާމްބެ ބުންޏެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) --- ފޮޓޯ/ އެފްއޭއެމް

ނިޒާމްބެ ބުނީ ރެފްރީންގެ ވާހަކަތަކަކީ އޭނާ ދައްކަން ބޭނުން ނުވާ ވާހަކަތަކެއް ނަމަވެސް، ކަންކަން ރަނގަޅު ކުރުމަށް އެވާހަކަތައް ކޮންމެވެސް މީހަކު ދައްކަން ޖެހޭނެ ކަމަށެވެ. އެހެންނޫނީ މާލޭ ލީގު ފަދަ ބޮޑު މުބާރާތެއްވެސް މިވަނީ ކުޅެލާ ކުޑަ ފުޓްސަލް މުބާރާތަކަށް ކަމަށާއި، މެޗުތަކުގައި ގޯސް ނިންމުންތަކެއް ރެފްރީ ނިންމި ނަމަވެސް އެކަން ބެލޭނެ އެއްވެސް އުސޫލެއް ނެތް ކަމަށެވެ.

"ހައްލު ހޯދަން ތިބި މީހުންނަށް ހައްލު ހޯދަން އިނގެން ޖެހޭނެ. ހައްލު ހޯދަންވެސް ޖެހޭނެ. ހަގީގަތަކީ މިހާރު ރާއްޖޭގައި މިތިބީ މީގެ ކުރިން މިކަހަލަ ހާލަތެއް އައިސްގެން، އޭރުގައި ރެފްރީސް ކޮމިޓީ ހިންގަން ތިބި ފަރާތްތަކުން މަސައްކަތް ކުރި ގޮތަކީ ސްކޫލް ދައުރުން ބަޔަކު ނެރެގެން މަސައްކަތް ކުރަން ފެށީ،" ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ ބުނީ މިހާރު ރާއްޖޭގެ ފުރަތަމަ ޑިވިޝަން ލެވެލްގައި ތިބި ރެފްރީންނަކީ އެއްގޮތަކަށް ހަރުލާފައިވާ ރެފްރީންތަކެއް ކަމަށާއި، މިހާރުގެ ރެފްރީންނަކީ ބަލަދުވެރި ފަރާތެއް ނެތި ދޫކޮށްލައިފައި ތިބޭ ބައެއް ކަމަށެވެ. އަދި ރެފްރީންނަށް ހުރިހާ ގޮތަކުންވެސް ހިމާޔަތް ލިބޭ ކަމަށާއި، ރެފްރީންނާ ދޭތެރޭ ފިޔަވަޅެއް އެޅިޔަސް ހުރިހާ ރެފްރީން މެޗުތަކަށް ނައުމުގެ ބިރުވެސް މިހާރު އޮންނަ ކަމަށް ނިޒާމްބެ ބުންނެވެ.

ނިޒާމްބެ އިތުރަށް ބުނީ ރޭގެ މެޗުން ބަލިވުމުން ރެފްރީގެ ވާހަކަ ދައްކަނީ ނޫން ކަމަށާއި، ރޭގެ މެޗުގައިވެސް ނުރައްކާތެރި ޗެލެންޖުތަކެއްގެ ސަބަބުން ޓީސީގެ ދެ ކުޅުންތެރިއަކަށް އަނިޔާވުމަކީ ލިބުނު މާޔޫސް ކަމެއް ކަމަށެވެ.

ނިޒާމްބެ ފާހަގަކުރީ ބޭރު ރެފްރީން ގެނައުމުކީ ހައްލެއް ނޫން ކަމަށާއި، އެގައުމެއްގެ ލީގަކީ، އެގައުމެއްގެ ރެފްރީން އެހެން ލެވެލްއަކަށް ގެންގޮސްދޭނެ މަގުކަމަށެވެ. އެހެންކަމަށްވާ އިރު، ކޮންމެވެސް ބަޔަކު އިސްނަގައިގެން ރާއްޖޭގެ ރެފްރީން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށްވެސް ނިޒާމްބެ ބުންޏެވެ.

comment ކޮމެންޓް