ޓީސީ އަތުން ގްރީނަށް މުހިންމު މޮޅެއް

މާލޭ ލީގުގެ ދެވަނަ ބުރުގައި ޓީސީއާއި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ގްރީން މޮޅުވީ 4-3ގެ ނަތީޖާއަކުން --- ފޮޓޯ/ އެފްއޭއެމް

އެސްޓީއޯ މާލޭ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބު އަތުން ކްލަބު ގްރީން ސްޓްރީޓްސްއިން މުހިންމު މޮޅެއް ހޯދައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު ލީގުގެ ދެވަނަ ބުރުގެ މެޗުގައި ޓީސީ އަތުން ގްރީން މޮޅުވީ 4-3ގެ ނަތީޖާއަކުންނެވެ.

މާލޭ ލީގުގެ ދެވަނަ ބުރުގައި ޓީސީއާއި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ގްރީން މޮޅުވީ 4-3ގެ ނަތީޖާއަކުން --- ފޮޓޯ/ އެފްއޭއެމް

މާލޭ ލީގު ތާވަލުގެ ހަތަރުވަނައިގައި އޮތް ކްލަބު އީގަލްސްއާއި ފަސްވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ވެސް 11 މެޗުން ލިބިފައިވަނީ 18 ޕޮއިންޓެވެ. ގޯލުގެ ތަފާތުން އީގަލްސްއާއި ޓީސީ އެއްވަރުވެފައިވާ އިރު، އީގަލްސްއަށް ކުރި ލިބެނީ ޖެހި ގޯލުން ކުރީގައި އޮތުމުންނެވެ. މިރޭގެ މެޗުން މޮޅުވި ގްރީން އޮތީ 11 މެޗުން ލިބުނު 13 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ.

ޓީސީ އަތުން ގްރީން މޮޅުވި ނަމަވެސް، ދިވެހި ޕްރިމިއާ ލީގުގެ ފަހު ޖާގަ ކަށަވަރުކުރުމަށް ގްރީނުން އަދި އިންތިޒާރު ކުރަން ޖެހޭނެއެވެ. ގްރީން ފަހަތަށް ޖައްސާލުމަށްފަހު ތާވަލުގެ ހަތް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އަށް ޕްރިމިއާ ލީގުގެ ޖާގައެއް ހޯދުމުގެ ފުރުސަތު އޮތް އިރު، ޔޫވީއަށް 11 މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ލީގުގައި ކުޅުނު 11 މެޗުން ލިބުނު އެންމެ ޕޮއިންޓާއެކު ތާވަލުގެ ފުލުގައި އޮތް ކްލަބު ވެލެންސިއާއަށް ޕްރިމިއާ ލީގުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.

މިރޭގެ މެޗުގެ 15 ވަނަ މިނެޓުގައި ގްރީނުން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. ގްރީނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ފޯވަޑް ރޮލަންޑް ރަސެލް ބިލާލާއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޓީސީގެ ހާފްގެ މެދެއްހާ ހިސާބުން ފޮނުވާލި ހަމަލާ، ކީޕަރު އިބްރާހިމް ނަދީމް އާދަމްގެ ބޯމަތިން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ގްރީނުން ލީޑު ހޯދުމާއެކު ޓީސީގެ ކުޅުން އިތުރަށް ރަނގަޅުކޮށް، ލަނޑުޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. އެގޮތުން ޓީސީގެ އިޝާން އިބްރާހިމް (ސައްޓު)އަށް ލިބުނު ދެ ފުރުސަތު ފާހަގަކޮށްލެވެއެވެ. ސައްޓުގެ ދެ ހަމަލާ ވެސް ގްރީންގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މާލޭ ލީގުގެ ދެވަނަ ބުރުގައި ޓީސީއާއި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ގްރީން މޮޅުވީ 4-3ގެ ނަތީޖާއަކުން --- ފޮޓޯ/ އެފްއޭއެމް

މެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، ގްރީނުން ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ. އިލިއާ ސޮބޮލް ނަގައިދިން ހިލޭ ޖެހުމަކުން ގްރީނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ރަސެލްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޓީސީގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން ގްރީން ކުރީގައި އޮވެގެންނެވެ.

ޓީސީއަށް އުންމީދެއް އާވެގެންދިޔައީ މެޗުގެ 57 ވަނަ މިނެޓުގައި ގްރީންގެ ބިދޭސީ ޑިފެންޑަރު އޮލެހް ޔެފިމްޗުކް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ޓީސީން ނެގި ހުރަސް، ޔެފިމްޗުކް އަތުން ބައިކޮޅަށް ވަދެފައިވަނީ ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި އޭނާގެ ބޮލުގައި ޖެހި، ގޯލުގެ ތެރެއަށް ވަދެގެންނެވެ.

މެޗުގެ 63 ވަނަ މިނެޓުގައި ގްރީނުން ވަނީ އަލުން ލީޑު ފުޅާކޮށްފައެވެ. ގްރީނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ އަހްމަދު ރިލްވާން (ރިލޭ)އެވެ. އޭނާ ވަނީ ޓީސީގެ ޕެނަލްޓީ އޭރިއާ ތެރެއިން ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފައެވެ.

ރިލޭ ލަނޑު ޖެހިތާ ތިން މިނެޓުތެރޭ ޓީސީން ވަނީ އަލުން ގްރީނުން ދަމަހައްޓަމުންދިޔަ ލީޑު ހަނިކޮށްފައެވެ. ޑިއޯހް ކްލެރަންސް ވިލިއަމްސް ދިން ބޯޅައަކުން ޓީސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އައްޒާމެވެ. އެ ލަނޑު އައްޒާމް ކާމިޔާބުކުރި އިރު، ގްރީންގެ ޕެނަލްޓީ އޭރިއާ ތެރޭ އޭނާ ހުރީ ވަރަށް ހުސްކޮށެވެ.

މާލޭ ލީގުގެ ދެވަނަ ބުރުގައި ޓީސީއާއި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ގްރީން މޮޅުވީ 4-3ގެ ނަތީޖާއަކުން --- ފޮޓޯ/ އެފްއޭއެމް

މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނެޓުގެ ތެރޭގައި ދެ ޓީމުން ވެސް ލަނޑެއް ކާމިޔާބުކުރިއެވެ. އިލިއާ ދިން ބޯޅައަކުން ގްރީންގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ތިންވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން ރިލޭއެވެ. އެ ލަނޑު ޖެހިތާ މާގިނައިރުތަކެއް ނުވަނީސް ޓީސީއަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ)އެވެ. ޓީސީއަށް އެ ޕެނަލްޓީ ލިބުނީ ގްރީންގެ ޕެނަލްޓީ އޭރިއާ ތެރެއިން އައްޒާމަށް މުހައްމަދު ސާއިފް ކުރި ފައުލަކާ ގުޅިގެންނެވެ.

މާލޭ ލީގުގެ މެޗެއް ދެން ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ. ހުކުރު ދުވަހުގެ ރޭ 10:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސްއެވެ.

comment ކޮމެންޓް