ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ސަރުކާރުން "ގެޓް ސެޓް"ގެ ނަމުގައި ކުރިއަށް ގެންދާ ލޯނު ސްކީމުގެ ދަށުން ލޯނަށް އެދި ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ގެޓްސެޓް ލޯނު ސްކީމުގެ ތިންވަނަ ބުރު އިއުލާނުކުރައްވައި، އެ ސްކީމުގެ ޕްރޮގްރާމް މެނޭޖަރ މަހީލް އަލީ ޖަލީލު ވިދާޅުވީ ލޯނު ހުށަހެޅުމަށް ތައްޔާރުވާން އެއް މަސް ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށެވެ.
ގެޓްސެޓް ލޯނަށް ކުރިމަތިލާ ފަރާތްތަކުގެ އެޕްލިކޭޝަން ބަލައިގަތުން، ޖޫން 24 އިން 28 ގެ މެންދުރުފަހު 14:00 އަށް ކުރިއަށް ދާނެއެވެ.
"ތައްޔާރުވުމަށް އެއް މަސް ދުވަސް މި ދެނީ. ބައެއް ފަރާތްތަކުން އެންމެ ފަހު ވަގުތަށް މަޑުކުރައްވާ. އެހެން ނުހައްދަވައި، ވަގުތު އޮއްވާ އެޕްލިކޭޝަން ސަބްމިޓުކުރައްވާ،" މަހީލް ވިދާޅުވިއެވެ.
ގެޓްސެޓް ލޯނަށް ކޮންމެ އަހަރަކުވެސް 40 މިލިޔަން ރުފިޔާގެ ފަންޑެއް ހަމަޖައްސައެވެ. އޭގެ ތެރެއިން ލޯނަށް ކުރިމަތިލެވޭނީ އަލަށް ފަށާ ވިޔަފާރީގެ ޕްރޮޕޯސަލަކާ އެކު، 18 އަހަރާއި 35 އަހަރާ ދެމެދުގެ ދެ ޒުވާނުންނަށެވެ. ކޮންމެ ދާއިރާއެއްގެ ވިޔަފާރިއެއް ފެށުމަށްވެސް ހުށެހެޅޭނެއެވެ.
ގެޓްސެޓް ލޯނު ލިބޭ ފަރާތްތަކަށް ދޫކުރަން ހަމަޖެހިފައި ވަނީ 300،000 ރުފިޔާއާއި 800،000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ.
މިދިޔަ ދެ އަހަރުގެ މަތިން ގެޓްސެޓް ލޯނުގެ ގޮތުގައި 71 ލޯނު ދޫކޮށްފައި ވެއެވެ.
"އެންމެ ފުރަތަމަ ރައުންޑްގައި ދިނީ 34 ލޯނު. ދެވަނަ އަހަރު 37 ލޯނު. މިފަހަރު އެއަށް ވުރެ ރަނގަޅުވާނެ،" މަހީލް ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް ގެޓްސެޓް ލޯނުގެ އެޕްލިކޭޝަން މިއަދު އާންމުކުރާ އިރު، މަހީލް ވިދާޅުވީ ޕްރޮޕޯޒަލް ހުށަހަޅާނެ ޓެމްޕްލޭޓެއް އެޕްލިކޭޝަން ފޯމުގައި އެކުލެވޭނެއެވެ. އެ ފޯމު ފުރިހަމައަށް ފުރަންޖެހޭނެ ކަމަށާއި، ފުރިހަމަ ނުވާ ފޯމުތައް ބަލައިނުގަންނާނެކަމަށް މަހީލް ވިދާޅުވިއެވެ.
އެޕްލިކޭޝަން ބަލައިގަތުން ކުރިއަށް ގެންދާނީ ބޮޑުތަކުރުފާނުމަގުގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ އިމާރާތުގެ އިތުރުން ރާއްޖޭގެ ހަ ސަރަހައްދެއްގައި ހިންގާ ބިޒްނަސް ސެންޓަރުތަކުންނެވެ. އަދި އީމެއިލް މެދުވެރިކޮށްވެސް ފޯމު ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ.