ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ފުރަތަމަ ބައިސްކަލް ދުވަސް ރާއްޖޭގައި ފާހަގަކުރުމަށް ބައިކް މޯލްޑިވްސްއިން އިސްނަގައިގެން ހަރާކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.
ބައިނަލްއަގުވާމީ ބައިސްކަލު ދުވަހަކީ އަންނަ ޖޫން މަހުގެ ތިނެއް ކަމަށް އދ އިން ފާސްކުރީ މިދިޔަ މަހުގެ 17 ވަނަ ދުވަހުގައެވެ. ވޯލްޑް ސައިކަލިން އެލަޔަންސާއި ޔޫރަޕިއަން ސައިކަލިސްޓް ފެޑެރޭޝަނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ކެމްޕެއިންގެ ތެރެއިން، ބައިސްކަލް ދުވަހަކީ ޖޫން ތިނެއް ކަމަށް ފާސްވީ އދ ގެ 193 މެމްބަރު ސްޓޭޓުގެ ވޯޓުންނެވެ.
ބައިސްކަލު ދުވަހުގެ ހަރަކާތްތައް ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ގިނަ ކަންތައްތަކެއް ބައިކް މޯލްޑިވްސްއިން ރާވަމުންދާ އިރު، އެ ހަރަކާތްތަކާ ގުޅޭގޮތުން ބައިކް މޯލްޑިވްސްގެ ރައީސާ ޒުލޭޚާ ހަސަން ދީދީއާއި ޖެނެރަލް ސެކްރެޓަރީ އަސްމާ ހަސަން ވަނީ މިނިސްޓްރީ އޮފް އެންވައިރަންމަންޓް އެންޑް އޭނާޖީގެ ބޭފުޅުންނާ ބައްދަލު ކުރައްވާފައިވައެވެ. ބައިކް މޯލްޑިވްސްގެ ފަރާތުން ވިދާޅުވީ އެންވައިރަންމަންޓް މިނިސްޓްރީން އެކަމަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
ބައިކް މޯލްޑިވްސްގެ ފަރާތުން ބައިސްކަލް ދުވަހަށް ހާއްސަކޮށް ރާވައިފައިވާ ކަންތައްތަކުގެ ތެރޭގައި ބައިކް ޓު ވޯކްގެ އިތުރުން އެދުވަހު ހުރިހާ ހަރަކާތެއްގައިވެސް ބައިސްކަލް ބޭނުން ކުރުމުގެ އިތުރުން ބައިސްކަލަށް ހާއްސަކޮށް އެދުވަހުގެ ވަކި ވަގުތުތަކަށް ހުސްކޮށްލުމަށްވެސް ބައިކް މޯލްޑިސްވްގެ ހަރަކާތްތަކުގައި ހިމެނެއެވެ.
މީގެ އިތުރުންވެސް ބައިކް ޓޯކްސްއާއެކު އޮފިޝަލުންގެ ފަރާތުން ބައިސްކަލު ދުއްވުމަށް ގިނަ ބަޔަކު ހޭލުންތެރި ކުރުމުގެ މަސައްކަތްތަކާއި މީސް މީޑިއާއި ޕްރިންޓް މީޑިއާ މެދުވެރިކޮށްގެންވެސް ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އދ އިން ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުން ދުނިޔޭގެ ބޮޑެތި ސިޓީތަކުގައި އާއްމު ދަތުރުފަތުރުގެ ބޮޑުބައެއް ބައިސްކަލަށް ބަދަލުކޮށް، ބޮޑެތު ހަރަދުތަކެއް ސަލާމަތް ކުރެވޭނެއެވެ. އެގޮތުން ކުރިއަށް އޮތް 15 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އާއްމު ދަތުރުތައް ބައިސްކަލަށް ބަދަލުކޮށް ހަ ޓްރިލިއަން ޑޮލަރުގެ ހަރަދު ސަލާމަތްވާނެ ކަމަށް އދގެ ހިސާބުތަކުން ދައްކައެވެ. އަދި އާއްމު ދަތުރުތަކަށް ބައިސްކަލު ބޭނުންކޮށް، ދުނިޔޭގެ މާހައުލަށް ވިހަ ގޭސްތައް ބޭރުކުރާ އަދަދުވެސް ހަ ޕަސެންޓަށް ކުޑަކުރެވޭނެ ކަމަށްވެސް ހިސާބުތަކުން ދައްކައެވެ.