ސެންޓޭގެ ހެޓްރިކާއެކު އީގަލްސް ބަލިކޮށް، ނިއުއިން ލީގު ހޯދުމާ ގާތަށް

މާލޭ ލީގުގައި ނިއުއާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ނިއު މޮޅުވީ 4-1ގެ ނަތީޖާއަކުން --- ފޮޓޯ/ އެފްއޭއެމް

އެސްޓީއޯ މާލޭ ލީގުގައި އަލީ ފާސިރު (ސެންޓޭ)ގެ ހެޓްރިކާއެކު ކްލަބު އީގަލްސް ބަލިކޮށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ލީގު ނެގުމާ ގާތަށް ޖެހިލައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު ލީގުގެ ދެވަނަ ބުރުގެ މެޗުގައި އީގަލްސްގެ މައްޗަށް ނިއުއިން ކުރި ހޯދީ 4-1ގެ ނަތީޖާއަކުންނެވެ.

މާލޭ ލީގުގައި ނިއުއާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ނިއު މޮޅުވީ 4-1ގެ ނަތީޖާއަކުން --- ފޮޓޯ/ އެފްއޭއެމް

މާލޭ ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރުމަށް ނިއުއިން ދެން ބޭނުންވަނީ އެންމެ މޮޅެކެވެ. މާލޭ ލީގުގެ ތާވަލުގެ އެއްވަނައިގައި އޮތް ނިއުއަށް 11 މެޗުން 28 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބަށް 11 މެޗުން ލިބިފައިވަނީ 19 ޕޮއިންޓެވެ. ތިންވަނައިގައި އޮތް އީގަލްސްއާއި ހަތަރުވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ 18 ޕޮއިންޓެވެ. އޭގެ ތެރެއިން ޓީސީ މިހާތަނަށް ކުޅެފައިވަނީ ދިހަ މެޗެވެ. މިރޭ ނިއު އަތުން ބަލިވުމާއެކު އީގަލްސްއަށް ލީގު ހޯދުމުގެ ފުރުސަތު ގެއްލިފައިވާ އިރު، ވިކްޓަރީއާއި ޓީސީ އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ލީގު ހޯދުމަށް ވަރަށް ހަނި ފުރުސަތެއް އެބައޮތެވެ. މާޒިޔާ ވެސް ލީގުގައި ކުޅެފައިވަނީ ދިހަ މެޗެވެ.

މިރޭ ކުޅުނު މެޗުގެ ފުރަތަމަ 12 މިނެޓުގެ ތެރޭގައި ނިއުއިން ވަނީ ދެ ލަނޑުގެ ލީޑެއް ހޯދައިފައެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ނިއުއިން ލީޑު ހޯދީ ސެންޓޭގެ ލަނޑަކުންނެވެ. މުހައްމަދު އުމައިރު ދިން ބޯޅައެއް ހިފައިގެން އީގަލްސް ޕެނަލްޓީ އޭރިއާ ތެރެއިން ޑިފެންޑަރެއް ކައިރިން ނައްޓާލުމަށްފަހު، ސެންޓޭ ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިފައެވެ.

މެޗުގެ 12 ވަނަ މިނެޓުގައި ވެސް ނިއުއިން ޖެހި ލަނޑަކީ ސެންޓޭ ކާމިޔާބުކޮށްދިން ލަނޑެކެވެ. ރިހާމް އަބްދުލްޤަނީ (ބޮބީ) ދިން ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަންނަން ދިއުމާއެކު، ކީޕަރު ސުޖަން ޕެރޭރާ ކުރިއަށް ނުކުތުމުން ސެންޓޭ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ.

މާލޭ ލީގުގައި ނިއުއާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ނިއު މޮޅުވީ 4-1ގެ ނަތީޖާއަކުން --- ފޮޓޯ/ އެފްއޭއެމް

މެޗުގައި ނިއުއިން ޖެހި ތިންވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 28 ވަނަ މިނެޓުގައެވެ. އަކްރަމް އަބްދުލްޤަނީ (އަކޫ)ގެ ރީތި ހުރަހަކުން ނިއުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު)އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އީގަލްސްގެ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި މުހައްމަދު އާރިފް (ބަކާ)އަށް އަހްމަދު އަބްދުﷲ (ލިލީ) ކުރި ފައުލަކާ ގުޅިގެން ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުން އީގަލްސްގެ ބެންޗުން އެޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ފޮނުވާލާފައިވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-0ގެ ނަތީޖާއަކުން ނިއު ކުރީގައި އޮވެގެންނެވެ.

މެޗުގެ 58 ވަނަ މިނެޓުގައި ނިއުއަށް ލިބުނު ޕެނަލްޓީއަކުން ސެންޓޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. ނިއުއަށް އެ ޕެނަލްޓީ ލިބުނީ އީގަލްސްގެ ޕެނަލްޓީ އޭރިއާ ތެރެއިން ސެންޓޭއަށް ހުސައިން ސިފާއު ޔޫސުފް ކުރި ފައުލަކާ ގުޅިގެންނެވެ. އެ ޕެނަލްޓީ ދިނުމާ ގުޅިގެން ރެފްރީއާ ދިމާއަށް އީގަލްސްގެ ސޮލާހް އަލީ، ބުނި ބަހެއްގެ ސަބަބުން ރެފްރީ ވަނީ އޭނާއަށް ރަތް ކާޑެއް ދައްކައި، ދަނޑުން ފޮނުވާލައިފައެވެ. އެ ރަތްކާޑާއެކު އީގަލްސްއިން މެޗުގެ ބާކީބައި ފުރިހަމަކުރަން ޖެހުނީ ކުޅުންތެރިޔަކު މަދުކޮށެވެ.

ދިހަ ކުޅުންތެރިންނާއެކު ވެސް އީގަލްސްއިން ވަނީ ލަނޑެއް ޖެހުމަށް މަސައްކަތްތަކެއް ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އީގަލްސްއަށް ލަނޑުޖަހާނެ ފުރުސަތުތަކެއް ލިބިގެންދިޔަ އިރު، އެޓީމުގެ ބިދޭސީ ފޯވަޑް ލުއިޒް އެޑުއާޑޯއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

މާލޭ ލީގުގައި ނިއުއާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ނިއު މޮޅުވީ 4-1ގެ ނަތީޖާއަކުން --- ފޮޓޯ/ އެފްއޭއެމް

މެޗުގައި އީގަލްސްއިން ޖެހި ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށެވެ. އީގަލްސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ލީގުގައި ނުރައްކާތެރި ފޯވަޑެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ލުއިޒް އެޑުއާޑޯއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އަބްދުﷲ ސަމީހު މޫސާ ފޮނުވާލި ހަމަލާއެއް ކީޕަރު މުހައްމަދު ފައިސަލް މަތަކުރުމާއެކު ނިއުގެ ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ރީބައުންސް ބޯޅައިންނެވެ.

ލީގުގައި މާދަމާ ރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މާދަމާ ރޭ 10:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ މާޒިޔާއާއި ޔުނައިޓެޑް ވިކްޓަރީއެވެ.

comment ކޮމެންޓް