އދ. މަހިބަދޫއަކީ ފުޓުބޯޅަ ރަށެކެވެ. ދިވެހި ރާއްޖޭގެ ފުރަތަމަ ޑިިވިޝަނަށް ކުޅުންތެރިން އުފައްދާ ކާރުހާނާއެކެވެ. ހުނަވެރި އެތައް ތަރިންނެއް ގަލޮޅު ދަނޑަށް ނެރެދިން ފުޓުބޯޅައަށް ލޯބިކުރާ ބަޔަކު ދިރިއުޅޭ ރަށެކެވެ.
ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕް ހޯދައިދިން ޓީމުގައި ހިމެނުނު މުހިއްމު ކުޅުންތެރިން ކަމަށްވާ ގޯލްކީޕަރު އިމްރާން މުހައްމަދު (އިންމަ)ގެ އިތުރުން އޭރު ގައުމީ ޓީމުގެ ފޯވަޑް އަހުމަދު ޠާރިގު (ޓޮމް) ފަދަ ނަންތަކަކީ މަހިބަދޫގެ ފަޚުރެވެ. އެ ލިސްޓުން މިހާރު ޖާގަ ހޯދަމުންދާ އަނެއް ނަމަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ)ގެ ނަމެވެ. އަޚުލާގު ރަނގަޅު ލީޑަރެއްގެ ގޮތުގައެވެ. ދަނޑުމަތީގައި ނަމޫނާ ކުޅުންތެރިއެއްގެ ގޮތުގައެވެ.
ކެރިއަރުގެ ފެށުން - މަހިބަދޫގެ ފުޓުބޯޅަ ލޯތްބާ ގުޅިފައި
މަހިބަދޫ އިންޓަ ސްކޫލް މުބާރާތްތަކުންނާއި އަތޮޅު މުބާރާތްތަކުން ފުޓުބޯޅައިގެ ތެރެއަށް ވަދެގެންއައި އަސައްކޮއަކީ މިއަދު ގަލޮޅު ދަނޑުގައި ނަމޫނާ ކުޅުންތެރިއެކެވެ. ހާއްސަކޮށް އޭނާގެ ލީޑާޝިޕާ ޑިސިޕްލިންނަކީ މިއަދުގެ ޒުވާން ޖީލަށް މިސާލެކެވެ.
"މަހިބަދޫގައި އޮންނާނެ ހުރިހާ ލެވެލްއެއްވެސް. އެންމެ މޮޅު މީހުން އެންމެ މޮޅު މުބާރާތުގައި. ދެން އޭގެ ދަށް ލެވެލްވެސް އޮންނާނެ. ހުރިހާ ލެވެލްއަކަށްވެސް ފުރުސަތު ލިބޭނެ. ސްކޫލް ގްރޭޑް ތިނަކުން ފެށިގެން މުބާރާތްތައް ކުޅެމުން އައީ،" އަސައްކޮ އޭނާގެ ކެރިއަރު ފެށުނު ހިސާބު ކިޔައިދިނެވެ.
ރަށަށް ކުޅެދިން އަތޮޅު މުބާރާތް ތަކުންވެސް ގައުމީ 19 އަހަރުން ދަށުގެ ޓީމަށް އަސައްކޮއަށް ފުރުސަތު ލިބުނު އިރު، ސްކޫލް ނިންމާލުމަށްފަހު މާލެ ބަދަލުވީ ފުޓުބޯޅަ ކުޅުންތެރިއަކަށްވުމުގެ އަމާޒާއެކުގައެވެ.
ފުރަތަމަވެސް 2007 ވަނަ އަހަރު މާލެ އައިސް އޭނާ ފަރިތަކުރަން ފެށީ ވިކްޓަރީ ސްޕޯޓްސް ކްލަބާ އެކުގައެވެ. އޭރު އުމުރުން 16 އަހަރެވެ. ކުޅެނީ ސީދާ ސެންޓްރަލް ޑިފެންސަށެވެ. މިހާރު ފޯވަޑެއް ނަމަވެސް އޭރު އޭނާގެ މަގާމަކީ އެއީއެވެ.
"ސްކޮޑުގައިވެސް ނީންނާނެ. ވިކްޓަރީއާއެކު ފަރިތަކުރަމުން ދިޔައީ އޭރު. ދެން ސްކޮޑަށްވެސް ނޭރުމުން އަނބުރާ ދިޔައީ ރަށަށް، އަތޮޅު މުބާރާތް ކުޅެން." އަސައްކޮ އޭނާގެ ކެރިއަރުގެ ފުރަތަމަ ދުވަސްކޮޅުގެ ހަނދާން އާކޮށްލިއެވެ.
އަތޮޅު މުބާރާތުން ރަށު ޓީމު ގްރޫޕް ސްޓޭޖުން ކެޓިނަމަވެސް އަސައްކޮއަށް އެއީ ވަރަށް ކާމިޔާބު މުބާރާތަކަށް ވިއެވެ. ފުރަތަމަ ފަހަރަށް ޓޮޕް ސްޓްރައިކަރެއްގެ މަގާމަށް ކުޅެ މުބާރާތުގެ ޓޮޕް ސްކޯރާ ހޯދުމާއެކު ރާއްޖޭގެ ގިނަ ކްލަބުތަކެއްގެ ރާޑަރުގައި އޭނާ އަޅައިގަތެވެ. އެވެސް ފޯވަޑެއްގެ ގޮތުގައެވެ.
"އެ މުބާރާތުގެ ތެރެއިން 19 އަހަރުންގެ ޓީމަށްވެސް އަރަން ޖާގަ ލިބިއްޖެ. ދެން 2008 ވަނަ އަހަރު އޭވައިއެލްއަށް އައީ. އައިސް ކިޔަވަންވެސް ފެށީ. އޭރު ދެން ހިނގާފަ އުޅޭނީވެސް. ހަމަ ކްލާހަށް ދަމުން ފަރިތަކުރަމުން ދިޔައީ. ހަވީރު ކްލާސް އޮންނާތީ ތުއްތު ކައިރީ ބުނިން ދެން ނުދެވޭނޭ. އެކަމަކު އޭނާ ބުނީ ދެން އާދެވޭ ދުވަސް ދުވަހު އަންނާށޭ. އޭނާ ވަރަށް ރަނގަޅުވާނެ. އާއްމުކޮށް ފަހެއް ޖަހާއިރު ސްކޫލް ނިމުނަސް ދެން އޮންނަ ބައިގަޑިއިރު ޕްރެކްޓިސް ކޮށްލަންވެސް،" އަސައްކޮ އޭނާގެ ކްލަބު ކެރިއަރުގެ ފެށުން ހިއްސާކުރިއެވެ.
އަސައްކޮ އޭވައިއެލްގައި ހޭދަކުރި ދެއަހަރުވެސް އޭނާ ފުރަތަމަ 11ގައި ކުޅުނު އިރު، ގިނަ ފަރިތަކުރުންތައް ރޭގަނޑު އޮތުން ވެގެންދިޔައީ ލިބުނު ނަސީބަކަށެވެ. ދެވަނަ ޑިވިޝަނުން އޭވައިއެލްއާއެކު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެ، ފުރަތަމަ މެޗުގައިވެސް އޭނާ ވީބީ އެފްސީ ކޮޅަށް ގޯލް ޖެހިއެވެ. ފުރަތަމަ ޑިވިޝަންގައި ކުޅުނު ފުރަތަމަ އަހަރުވެސް އަނިޔާއާގެ ސަބަބުން ދަތިތަކެއް ކުރިމަތި އިރު، އަނެއް އަހަރު އަސައްކޮ ބަދަލުވީ ވެލެންސިއާއަށެވެ. ފުޓުބޯޅަ ކެރިއަރުގެ ފެށުން، ހަތަރު އަހަރުވެސް އަސައްކޮގެ ކޯޗަކީ އިސްމާއީލް އާސިފް (ކުޑަ ހީނާ)އެވެ.
މިއަދު ކެޕްޓަނެއް - ކެޕްޓަނަކަށް ހެދުމުގައި ބައްޕަގެ ދައުރު މުހިއްމު
"ބައްޕައަކީވެސް ކުޅޭ މީހެއް. މަންމައާއި ބައްޕަގެ އާއިލާވެސް ފުޓުބޯޅައަށް ގޮސް ހުސްވެފައި އޮންނާނީ. ފުޓުބޯޅައަކީ ކެރިއަރެއް ކަމަށް ގަބޫލުކޮށް، އަސްލު ބައްޕައާއި މަންމަ، މުޅި އާއިލާއިންވެސް މަށަށް ވަރަށް ބޮޑު ޕުޝްއެއް ދިން. ފުރަގަސް ދޭ ހިސާބުންވެސް އެމީހުން އަހަރެން މީގެ ތެރެއަށް ކޮއްޕާލަދޭނެ އަނެއްކާވެސް،" އަސައްކޮ މިއަދު ހުރި މަގާމަށް ދިއުމުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރި މައިންބަފައިންގެ ވާހަކަ ފެއްޓިއެވެ.
"ފުރަތަމަކޮޅު ކަންކަން ދިޔަ ގޮތުންވެސް ދެން ހުންނާނެ ދަތިކޮށް ކަންކަން ދިމާވެފައި. މުސާރަ ކަންތަކާ ކަންކަން. ދެން މާލޭގައި ދިރިއުޅުމުގައި މިހުންނަ އުނދަގޫތައް. ކެރިއަރެއް ބިނާކުރާ ފުޓުބޯޅަ ކުޅުންތެރިއަކަށް އާއްމުކޮށް ފުރަތަމަ ދިމާވާނީ ނުވާ ކަހަލަ ކަންތައްތައް."
އަސައްކޮގެ ވިސްނުމުގައި އެއްވެސް ކެރިއަރެއްގެ ފެށުން ފަސޭހަ ނުވާނެއެވެ. އޭނާގެ ކެރިއަރުގައި ފުރަތަމަ ދިމާވި ހުރިހާ ކަމެއްވެސް އޭނާއަށް ކަޑައްތުކުރެވުނީ އާއިލާގެ އެހީއާ އެއްބާރުލުމާއެކުގައެވެ. ހާއްސަކޮށް ބައްޕަގެ ނަން ފާހަގަކޮށްލިއެވެ. ބައްޕައަކީ ދިރިއުޅުމުގެ އިތުރުން ފުޓުބޯޅައިގަވެސް އޭނާގެ ކޯޗެވެ. ސްކޫލް ދައުރުގެ މުބާރާތްތަކުގައި އަސައްކޮގެ ކޯޗަކީ އޭނާގެ ބައްޕައެވެ. ބައްޕައަށް އޭނާ ދަނޑުމަތީގައި ފައްކާ ނުކުރެވޭނެ ރޯލެއް ނެތެވެ.
"ޒޯން މުބާރާތުން ފެށިގެން ކުރިއަށް (ފޯވަޑަކަށް) ބަދަލުވީ. ސެންޓްރަލް ޑިފެންޑަރަކަށް ކުޅުނީ އޭގެ ކުރިން. މިހާރުގެ ލޭބަލްއަކީ ޓޮޕް ނައިންއެއްތާ...؟ ސްކޫލް ޓީމުގެ ކޯޗަކަށް ހުންނާނީ ބައްޕަ. ބައްޕައަކީ ވަރަށް ފުޓުބޯޅަ މީހެއް. ބައްޕަ ކުޅުވާނެ ޓީމުގެ ބަލި ތަންތަނަށް އަރުވައިގެން. އެ މަގާމުތައް ފޫބައްދާލަން. ވެލެންސިއާއަށް އައިސް މެދުތެރެއަށް ކުޅެން ޖެހުނީމަ އުނދަގޫ ނުވެ ކުޅެވުނީވެސް އެހެންވެ،" އަސައްކޮ އޭނާގެ ބައްޕަގެ ކޯޗުކަމުގެ ދަށުގައި ކުރެވުނު ބައެއް ތަޖުރިބާ ހިއްސާކުރިއެވެ.
ކުޅުމުގެ ޓެކްޓިކަލް އިރުޝާދުގެ އިތުރުން އަސައްކޮގެ ބައްޕަ އޭނާއަށް ދިރިއުޅުމުގެ ރިވެތި ސިފަތައްވެސް ފުޓުބޯޅައިން ކިޔައިދިނެވެ. ޚާއްސަކޮށް ދަނޑުމަތީގައި ހަރުދަނާ ލީޑަރެއް ބިނާ ކުރުމަށް އަސައްކޮގެ ބިންގާ އަޅައިދިނީ ބައްޕައެވެ.
"މިއީ ބައްޕަ އެޅި ބިންގާ. އޭގަ އިންނާނީ ކުދިކުދި ވަރަށް ބޮޑެތި ނަސޭހަތްތަކެއް. އަބަދުވެސް އެ ބަސްތައް ހަނދާނުގައި ބަހައްޓައިގެން އޭރަކު އެ ހުންނަ ކޯޗެއްގެ ބަސް އެހުން އޮންނާނީ،" އަސައްކޮ ކިޔައިދިނެވެ.
ބައްޕަ އަބަދުވެސް ތަކުރާރުކޮށް ދޭ ނަސޭހަތެއް އޮންނާނެ ކަމަށާއި، އެއީ "ރުޅި" މަޑުކުރުމަށް ކަމަށްވެސް އަސައްކޮ ބުންޏެވެ.
"ބައްޕަ ވަރަށް ގިނަ އެއްޗެހި ބުނެދޭނެ. 'ރުޅި' މަޑުކުރަން އެންމެ ގިނައިން ބުނާނީ. އެހެން އަބަދުވެސް ބުނެފައި އޮތީމަ މިހާރުވެސް ހަނދާންވާނެ. ބެންޗުގައި އިންނާނީ އޭރު ބައްޕަ ކައިރީގައި. އެހެން އިންނައިރުވެސް ހަމަ ގުޑިލާއިރަށް ބައްޕަ އަހަރެން ހިފަހައްޓާނެ. އެއްވެސް އިރެއްގައި ބޭރު މަތީ ގަދަވެފައި ނޫޅުނަސް، މެޗުގައި އިންނަ ރޫހެއްގެ ސަބަބުން އިންނާނެ ފާޑެއްގެ ރުޅިއެއް. އެކަމަކު އެ ރުޅި އައިސްގެން ނުކުޅެވޭނެކަން އަންގައިދީފަ ބައްޕަ އިންނާނީ،" އަސައްކޮ އޭނާގެ ބައްޕަގެ ނަސޭހަތުން ބައެއް ކިޔައިދިނެވެ.
އަސައްކޮ މިއަދު ދަނޑުމަތީގައި ދައްކާ ލީޑާޝިޕާއި ޑިސިޕްލިންގެ ބިންގަލަކީ އާއިލާއެވެ. ބައްޕަގެ ހަރުދަނާ ނަސޭހަތެވެ. މިއަދު މުޅި ދިރިއުޅުން ފުޓުބޯޅައަށް ބިނާވެފައިވާ އަސައްކޮގެ ދުވަހުގެ ތާވަލުވެސް ބައްޓަން ކުރަނީ ފުޓުބޯޅައިގެން ކުރިއެރުމަށެވެ. ފަރިތަކުރުންތަކުން އެންމެ އެކަށޭނެ ނަތީޖާ ނެރުމަށެވެ.
"ކުޅުންތެރިޔާ އަމިއްލައަށް ޑިސިޕްލިން ހިފެހެއްޓުން ހުރިހާވެސް ކަމަކީ. ވަކި ރޫޓީންއެއް ހިފަހައްޓަން މި ޖެހެނީ. ފުރަތަމަ ހޭލުމާއެކުވެސް އެދުވަހެއްގެ އޮންނަ ޕްރެކްޓިހަށް ތައްޔާރުވާނީ. ކެއުމާ، ރެސްޓް ކޮށްލާ ގަޑީގައި ރެސްޓް ކޮށްލުމާ، ކޮފީއެއްވެސް ބޯލަން އޮންނަ ގަޑީގައި އެކަމާ. ޝެޑިއުލްގެ ތެރެއިން ހުރިހާ ކަމެއްވެސް އިންނާނީ. ކޮންމެ ދުވަހަކުވެސް އެއް ގޮތަކަށް ދާނީ. ކުޅުންތެރިއަކަށް އެ ޑިސިޕްލިން ހިފެހެއްޓުމަކީ ވަރަށް މުހިއްމު ކަމެއް. ޕްރެކްޓިސް ކޮށްލަނީ ދެ ގަޑީރު ނަމަވެސް ޕްރެކްޓިސްއަށް ތައްޔާރުވާން ޖެހޭނެ އަނެއް 22 ގަޑިއިރުގައި. އެކަމަށް ހުސްވެގެން. އެ ޕްރެކްޓިސް ކުރާ ދެ ގަޑިއިރު ތެރޭ އެ ވަގުތު ކޮޅުގެ ބޭނުން ހިފުމަށް. އެހެން ނޫނީ އެ ދެގަޑިއިރު ދާނީ ފެނަށް،" އަސައްކޮ އޭނާގެ ދިރިއުޅުމުން ދުވަހެއްގެ ރޫޓީން ހިއްސާކުރިއެވެ.
"ބޭރު މަތީވެސް އެމީހެއްގެ އަގު ހިފަހައްޓަން ވާނެ. އަމިއްލައަށް ބުނާ އެއްޗެއްގެ އަގު ކުރާނީ އަމިއްލަ މީހާ ގައިގައި ކޮންމެވެސް ކަމެއް ހުރީމަ."
މާޒިޔާ - ކެރިއަރުގައި ދެމިހުރުމުގެ އަސާސް
ކްލަބު ވެލެންސިއާގައި ދެ ސީޒަން ހޭދަކުރުމަށްފަހު އަސައްކޮ މާޒިޔާއަށް ބަދަލުވީ 2012 ވަނަ އަހަރުގައެވެ. މާޒިޔާއަށް ބަދަލުވެ ކުޅުނު ފުރަތަމަ ދެތިން ސީޒަންގައިވެސް އޭނާގެ ލީޑާޝިޕް ސާބިތުކޮށްދިނެވެ. ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ޓީމުގެ ކެޕްޓަން ބޭންޑާ ހަމައަށް ކުރި ދަތުރުގައި އިތުރު ކަންތައްތަކެއްވެސް އަސައްކޮއަށް މާޒިޔާއިން ދަސްކޮށްދިނެވެ. ކުޅުންތެރިއެއްގެ ފުރިހަމަ އިހުސާސް އޭނާއަށް ގެނުވައިދިން ކްލަބަކީ އެއީއެވެ.
"މާޒިޔާއަކީ އަމިއްލައަށް ބުނާނަމަ އެންމެ ބޮޑު ކްލަބު. ފުޓުބޯޅަ ކެރިއަރުގެ ބޮޑު ބައެއް މިހޭދަކުރަނީ މާޒިޔާގައި، އެހެންވީމަ އެހެން ދެން ވާނީވެސް... ގައުމީ ޓީމަށްވެސް އެރީ މާޒިޔާއަށް ދިޔަ ފުރަތަމަ އަހަރު. ދެފަރާތުން އޮންނަ އިތުބާރާއެކު މިހުރިހާ ގޮތަކުންވެސް މާޒިޔާއަކީ ވަރަށް ބޮޑުބައެއް ކެރިއަރުގައި. އެހެން ކްލަބަކުން ނުފެންނާނެއޭ...ނުދެވޭނެއޭވެސް ބުނެވޭވަރު ކްލަބެއް މާޒިޔާއަކީ. ހިތް އޮތީ މާޒިޔާގައި..." އަސައްކޮ ބުންޏެވެ.
އަސައްކޮ ބުނީ މާޒިޔާއަށް ދިއުމުގެ ކުރިން ފުޓުބޯޅަ ކެރިއަރުން ކުރިއަށް ދިއުމަށް ސުވާލުތަކެއް ހުރި ކަމަށެވެ. ކުޅޭނީތޯ... ނުކުޅެ ވަޒީފާއަކަށް ދާނީތޯ ކުރެވޭ ސުވާލު އޭނާ ބޮލުގައި އެނބުރުން ހުއްޓުވާލި ކްލަބެއްގެ ގޮތުގައި އަސައްކޮ ސިފަކުރަނީ މާޒިޔާއެވެ.
"ކްލަބުތަކުން ކުޅުންތެރިންނަށް ފޯރުކޮށްދޭން ޖެހޭ ކަންތައްތަކަށް ޕްރޮފެޝަނަލްވުން މި ބިނާ ވަނީ. މިސާލަކަށް އަހަރެންގެ ކެރިއާގައި މި ނިމިދިޔަ ހަތް އަހަރު އެހެން ކްލަބެއްގައި ހުރި ނަމަ ނޭނގެ ހަމައެކަނި ފުޓުބޯޅަ ކުޅެގެން އުޅެވޭނެ ކަމެއް. އިތުބާރެއް ދޭން ޖެހޭނެ ކްލަބުން. ގައުމީ ޓީމުން މުސާރަ ދިނަސް މައިގަނޑުކޮށް ކްލަބަށް ޑިޕެންޑް ވާން ޖެހޭނީ،" އަސައްކޮ ބުންޏެވެ.
އަސައްކޮއަށް ކްލަބުން ދޭ އިތުބާރާއެކު ކުޅުންތެރިއެއްގެ އިހުސާސް އޭނާއަށް ކޮންމެ ދުވަހަކުވެސް ކުރެވެއެވެ. ދަނޑުމަތީގައި ނެތަސް އޭނާއަކީ މާޒިޔާގެ ކުޅުންތެރިއެއްކަން ކްލަބުން ޔަގީން ކޮށްދެއެވެ. މާޒިޔާގައި އެކި ފަހަރުމަތިން އެކިއެކި ކޯޗުންނާއެކު މަސައްކަތްކޮށް، ތަފާތު ތަޖުރިބާތައް އަސައްކޮއަށް ކުރެވުމަކީ ކެރިއަރުގައި ލިބުނު ކުރިއެރުމެވެ. ޚާއްސަކޮށް އަލީ ސުޒޭންގެ ނަން އަސައްކޮ ފާހަގަކުރިއެވެ. އަސައްކޮގެ ކަކުލަށް މިދިޔަ އަހަރު ދިމާވި އަނިޔާގެ ސަބަބުން ސާޖަރީ ހަދަން ޖެހުނު އިރު، އަނބުރާ ކުޅުމަށް އާދެވުނީ އަށް މަސް ފަހުން ނަމަވެސް، މާޒިޔާއިން އަސައްކޮއަށް އަޅާލުން ހުއްޓާނުލާ ކަމީ އޭނާއަށް މިއަދު އަލުން ދަނޑު މައްޗައް އެރުމަށް ލިބުނު ހިތްވަރެވެ.
ދެހާސް ބާރަ ވަނަ އަހަރު ނެހުރޫ ކަޕަށް ނެގި ގައުމީ ސްކޮޑުގައި ހިމެނުމަކީ ގައުމީ ޖާޒީގައި އަސައްކޮގެ ފެށުމެވެ. މުބާރާތުގައި ދެއްކުނު ކުޅުމުން ލިބުނު ހިތްވަރާއެކު މިއަދު އޭނާއަކީ ރާއްޖޭގެ ޓޮޕް ސްޓްރައިކަރެވެ. އަނިޔާގައި ގިނަ ދުވަތަކެއް ހޭދަކުރުމަށްފަހު އަނެއްކާވެސް އެނބުރި އައިސްހުރި އަސައްކޮގެ އުންމީދަށް ބަދަލެއް ނާދެއެވެ. ގައުމީ ޓީމަށް އެރޭނެ ވަރަށް މަސައްކަތް ކުރަން ތައްޔާރަށް ހުރި އަސައްކޮ، "ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕްވެސް ވަރަށް ބޭނުން" ވެއެވެ. ގައުމީ ޓީމާއި ކްލަބުގައިވެސް އޭނާގެ އުންމީދަކީ މެޗަކުން ބަލިނުވުމެވެ.
ހަރުދަނާ ލީޑާޝިޕަކަށް އަމިއްލަ ރަށުން، އާއިލާ، ހާއްސަކޮށް ބައްޕަ އަޅައިދިން ބިންގާގައި މިއަދު ކާމިޔާބީތަކެއް ހޯދަމުން އަންނަ އަސައްކޮއަކީ ދެފަހަރަށް ރާއްޖޭގެ އެއްވަނަ މަގާމު ހޯދައި ދެ ސީޒަނެއްގައި ރަން ބޫޓުވެސް ހޯދައިފައިވާ ތަރިއެކެވެ. އޭނާގެ ކޮއްކޮ އަހަދުﷲ އަބްދުﷲވެސް ހުރީ ބޭބެގެ ފިޔަވަޅުތަކުގެ ފަހަތުން ހިނގަން ތައްޔާރަށެވެ. ނިމިދިޔަ އިންޓަ ސްކޫލް މުބާރާތުގައި އޭނާ ދެއްކި ކުޅުމުން އެކަން ސާފުވެއެވެ. އޭނާގެ އަތުގައި ހިފައިގެންވެސް ނުކުންނަން ތައްޔާރަށް ތިބީ މަންމައާއި ބައްޕައެވެ. ކެރިއަރުގައި މިއަދާ ހަމައަށް އަސައްކޮ ހޯދި ކާމިޔާބީގައި މަންމައާއި ބައްޕަގެ މައްސަކަތަށް ޝުކުރު އަދާކުރުމަށް އަސައްކޮ ދިނީ ކުރު ޖަވާބެކެވެ. "އެކަމުގެ އަގު ވަޒަން ނުކުރެވޭނެ،" މި ޖަވާބެވެ.