ގިނަ ބަޔަކަށް ލައިސަންސް ލިބިގެންދިއުމަކީ ނުބަޔަކަށް ވުރެ ރަނގަޅެއްވެދާނެ ކަމެއް: ނަވާޒް

އެކްޓިން ކަމިޝަނަރ އޮފް ޕޮލިސް ޑެޕިއުޓީ ކަމިޝަނަރ އަބްދުﷲ ނަވާޒް "އެއްލަކިން މަށަށް ލައިސަންސް" ޕްރޮގްރާމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ގިނަ ބަޔަކަށް ލައިސަންސް ލިބުމަކީ ނުބަޔަކަށް ވުރެ ރަނގަޅެއްވެދާނެ ކަމެއް ކަމަށާއި ގާނޫނު ތަންފީޒުކުރާ މުއައްސަސާއެއްގެ ހައިސިއްޔަތުން ފުލުހުންނަށް ވެސް މިކަމުގެ ސަބަބުން ލުޔެއް ލިބިގެންދާނެ ކަމަށް އެކްޓިން ކަމިޝަނަރ އޮފް ޕޮލިސް ޑެޕިއުޓީ ކަމިޝަނަރ އަބްދުﷲ ނަވާޒް ވިދާޅުވެއްޖެއެވެ.

"އެއްލަކިން މަށަށް ލައިސަންސް"ގެ ނަމުގައި ޓްރާންސްޕޯޓް އޮތޯރިޓީން ކުރިއަށްގެންދާ ޕްރޮގްރާމުގެ ތެރެއިން "ސަން"އަށް މައުލޫމާތު ދެއްވަމުން ނަވާޒް ވިދާޅުވީ އެކި ގޮތްގޮތުން ލައިސަންސް ނުލިބިފައި ގިނަ ބަޔަކު ތިބުމަކީ ލައިސަންސް ނުލައި ސައިކަލު ނުވަތަ ވެހިކަލް ދުއްވުމަށް ފުރުސަތު ބޮޑުވާ ކަމެއް ކަމަށެވެ. އެހެންކަމުން މިފަދަ ޕްރޮގްރާމެއްގެ ތެރެއިން ލައިސަންސް ލިބިގެންދިއުމަކީ ނުބަޔަކަށް ވުރެ ރަނގަޅެއްވެދާނެ ކަމެއް ކަމަށެވެ.

"ލައިސަންސް އޮވެގެން ދުއްވާ މީހުން ގިނަވުމަކީ ހަމަގައިމު ވެސް ރައްޔިތުންނަށް ލިބިގެންދާނެ ހިތްހަމަޖެހުމެއް. ގާނުނު ތަންފީޒުކުރާ މުއައްސަސާއެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންނަށް ވެސް ބޮޑު ލުޔެއް ލިބިގެންދާނެ،" ނަވާޒް ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ ޒުވާނުންނަށް ފަސޭހަކަމާއެކު ލައިސަންސް ލިބުމާ ގުޅިގެން އެކަމުގެ ނޭދެވޭ އަސަރުކޮށްފާނެތޯ ސުވާލު ދެންނެވުމުން ނަވާޒު ވިދާޅުވީ ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް އުޅެދާނެ ކަމަށާއި މަގުމައްޗަށް ބާރުބޮޑުވެގެންވެސް ހިނގައިދާނެ ކަމެއް ކަމަށެވެ.

"ގަބޫލުކުރަންވީ ހަގީގަތަކީ ކޮންމެވެސް ހިސާބެއްގައި ކޮންމެ މީހަކަށްވެސް ލައިސަންސް ލިބިގެން މަގުމަތީގައި ދުއްވާނެކަން. އެއީ މިއަދުތޯ މާދަންތޯ ނުވަތަ ކުރިއަށްއޮތްތަނުގައިތޯ އެއީ އަޅުގަނޑުމެން ބަލަންޖެހޭނެ އެއްޗެއްނޫން. އަޅުގަނޑުމެން ޖެހޭނީ ވިސްނުންތެރިކަމާއެކު ފިޔަވަޅު އަޅަން،" ނަވާޒް ވިދާޅުވިއެވެ.

"އެއްލަކިން މަށަށް ލައިސަންސް" ޕްރޮގްރާމުގެ ދަށުން ލައިސަންސް ނަގާ ފަރާތްތަކުން ޑްރައިވިން ޓެސްޓުގެ ފީއަށްވާ 100 ރުފިޔާ އާއި ތިއަރީ ޓެސްޓުގެ ފީއަށްވާ 100 ރުފިޔާ އަދި ރެވެނިއު ސްޓޭމްޕަށްވާ 50 ރުފިޔާ ދައްކަން ޖެހޭނެއެވެ.

ކޮންމެ ރެއަކުވެސް ޓެސްޓު ހެދުމުގެ ފުރުސަތު ދޭނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ. ތިއަރީ ޓެސްޓުގެ ކުރިން ޓްރެފިކާ ގުޅޭ މައުލޫމާތު ދިނުމަށް 15 މިނެޓުގެ ސެޝަނެއް ކުރިއަށް ގެންދަން ނިންމާފައިވާއިރު ޓެސްޓު ހަދާއިރު އެއްފަހަރާ 40 ނޫނީ 50 މީހުންނަށް ތިއަރީ ޓެސްޓު ހެދޭނެއެވެ.

މާލެއަށްފަހު ހުޅުމާލޭގައިވެސް މި ޕްރޮގްރާމު ކުރިއަށްގެންދަން ނިންމާފައިވާއިރު މާލެ ސަރަހައްދު ނިމުމުން އާބާދީ ބޮޑެތި ސަރަހައްދުތަކުގައި ވެސް "އެއްލަކިން ލައިސަންސް" ލިބޭ ޕްރޮގްރާމު ކުރިއަށްގެންދަން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް