ބިދޭސީން އަތުން ނާޖާއިޒް މަންފާ ނެގިކަމަށް ތުހުމަތުކޮށް ޝަމްއާން މަގާމުން ވަކިކޮށްފި

އިމިގްރޭޝަން ކޮންޓްރޯލަރު މުޙައްމަދު ޝަމްއާން ވަހީދު -- އޭނާ ވަނީ ކޮރަޕްޝަންގެ ތުހުމަތާއެކު މަގާމުން ވަކިކޮށްފައި --

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީން އަތުން ނާޖާއިޒު ފައިދާ ނެގިކަމަށް ތުހުމަތުކޮށް އިމިގްރޭޝަން ކޮންޓްރޯލަރު މުޙައްމަދު ޝަމްއާން ވަހީދު އެ މަގާމުން މިރޭ ވަކިކޮށްފިއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަމްއާން މަގާމުން ވަކިކުރީ މިރޭގެ ވަގުތެއްގައެވެ.

އޭނާ މަގާމުން ވަކިކުރިއިރު ފުލުހުން މިރޭ ވަނީ، މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުން އަންނަކަމުގެ ކޮރަޕްޝަން މައްސަލައެއް ތަހުގީގުކުރަން ފަށައިފައިވާ ކަމަށް ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ރޭ މާލޭ ގެއެއް ބަލައި ފާސްކޮށް ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ މިރޭ ނެރުނު ބަޔާނެއްގައި ހާމަކޮށްފައެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ޝަމްއާންގެ މައްޗަށް ވެސް ތުހުމަތުކޮށް ތަހުގީގު އަންނަނީ ހިންގަމުންނެވެ.

އިމިގްރޭޝަން ކޮންޓްރޯލަރުކަމަށް ޝަމްއާން އައްޔަންކުރެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު 19 ނޮވެމްބަރު 2023ގައެވެ.

އޭގެ ކުރިން ޝަމްއާން އިމިގްރޭޝަންގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ނަމަވެސް، މިދިޔަ އެމްޑީޕީގެ ސަރުކާރުގެ ތެރޭ ޝަމްއާން ހުންނެވީ މައްސަލައެއްގައި ވަޒީފާއިން ވަކިކޮށްފައެވެ. އެ މައްސަލައިގައި ޝަމްއާން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ވެސް މައްސަލަ ހުށަހަޅައިފައިވެއެވެ.

ޝަމްއާން އިމިގްރޭޝަން ކޮންޓްރޯލަރުކަމުގައި ހުންނަވައިގެން ނުގަވައިދުން އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ދޮޅު އަހަރެއްހައި ދުވަސްތެރޭ ކުރި މަސައްކަތަކީ ގިނަ ބައެއްގެ ތައުރީފް ލިބުނު މަސައްކަތެކެވެ.

އެގޮތުން ހޯމްލޭންޑް ޓެކްނޮލޮޖީއާއި، އިމިގްރޭޝަން ގުޅިގެން ހިންގަމުން އައި އޮޕަރޭޝަން ކުރަނގީގައި ވެސް އެ އިދާރާއިން މިހާތަނަށް މުހިންމު މަސައްކަތްތަކެއް ކޮށް، ލައްކައަކަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތުވަނީ އެއްކޮށްފައެވެ.

މީގެ އިތުރުން މާލޭގައި ހުރި ބިދޭސީން ނުގަަވައިދުން ވިޔަފާރިކޮށް، ދިރިއުޅޭ ތަންތަން ބަލައި ފާސްކޮށް ހިންގި ރެއިޑު އޮޕަރޭޝަންތަކުން ވެސް ގިނަ މައްސަލަތަކެއް އާންމުންނާ ހަމައަށް ތިލަވެފައިވެއެވެ.

އެ ކަންކަމަށް ވެސް ގިނަ ބައެއްގެ ތައުރީފް ލިބުނެވެ.

comment ކޮމެންޓް