ކަސްރަތުގެ ނަތީޖާ ފެންނަން ފަށާނީ ކިހާ މުުއްދަތަކުން؟

ޖިމަށް ދާ މީހުން ނޫނީ ޖޮގިން އަށް ދާ މީހުންގެ އަދަދު ގިނައެވެ. ހަށިގަނޑު ލޫޅާފަތި ކުރަން ނޫނީ ދުޅަހެޔޮ ސިއްހަތަކަށްޓަކައި، މިކަން ކުރަން ފަށާއިރު، އެންމެ ގިނައިން ހިތަށް އަރާނެ ވާހަކައަކީ މިކުރާ މަސައްކަތުގެ ނަތީޖާ ފެންނާނީ ކޮންއިރަކުންތޯ އެވެ.

ހަށިގަނޑަށް އަންނަ ބަދަލު ފެނުމަކީ ކަސްރަތު ކުރަން ލިބޭ އިތުރު ހިތްވަރަކަށްވެސް ވެއެވެ. ހަމަގައިމުވެސް ގޭގައި ޓްރޭޑްމިލް ބަހައްޓައިގެން އެއަށް އަރާ މީހުން، ރަނގަޅު ގޮތުގައި އެކަން ކޮށް، ނަތީޖާ ފެންނަ ނަމަ ތުވާލި އަޅާ ހަރަކަށް އެ ޓްރެޑްމިލް އެއް ނުވާނެދޯއެވެ.

ފިޓްނަސް އިންސްޓްރަކްޓަރެއް ކަމަށްވާ އެމެންޑާ ހަޖްސް ވިދާޅުވީ އަލަށް ކަސްރަތު ކުރަން ފަށާމީހުންނަށް، އެމީހުންގެ މަސައްކަތުގެ ނަތީޖާ ފެންނަލެއް، އެނޫން މީހުންނަށްވުރެ އަވަސްވާނެ ކަމަށެވެ.

ނަމަވެސް ކޮންމެ މީހެއްގެ ހަށިގަނޑަކީވެސް ތަފާތު އެއްޗެއްކަން ދަންނަންވާނެ ކަމަށާއި ކަސްރަތާ އެއްވަރަށް މީހާގެ ކެއުމާއި ލައިފްސްޓައިލްވެސް، ބަދަލުކުރަން ޖެހޭނެ ކަމަށް އެމެންޑާ ވިދާޅުވިއެވެ.

ހަށިގަނޑަށް އަންނަ ބަދަލުތައް އަމިއްލައަށް ދެނެގަނެ އެކަން ނޯޓު ކުރުމަކީ ކަސްރަތުގައި ތިމާ ކުރިއަށްދާ މިންވަރު ވަޒަން ކުރެވޭނެ ކަމެކެވެ. އެހެންކަމުން، ޖިމް އަށް ގޮސް ސެލްފީ ނަގައި، ޕްރޮޓީން ޝޭކްތަކުގެވާހަކައިން ފޮނިކަނޑާ މީހުންނާ ދިމާލަށް ބުނާނެ އެއްޗެއް ނެތެވެ. ހަމަގައިމުވެސް އެމީހުންގެ އިންސްޓަގްރާމު ފީޑަކީ، އެ ކުރާ މަސައްކަތް ދައްކައިދޭނެ ތަނެކެވެ.

ކަސްރަތަށް ދާންވާނީ އެކަން ކުރާހިތުންނެވެ. ގަދަކަމުން މީހަކު ކުރުވާނަމަވެސް ނަތީޖާ ނުފެންނާނެއެވެ. ތިމާއަށް ކަމުދާކަހަލަ ވޯކްއައުޓެއް ޖެއްސުމުންވެސް ނަތީޖާ ފެންނަލެއް އަވަސްވާނެއެވެ.

comment ކޮމެންޓް