ދިވެހި ރޮބޯމޭން، މިއީ އާދައިގެ މީހެއް ނޫން!

ދިވެހި ރޮބޯމޭން --- ފޮޓޯ: ފޭސްބުކް

ބޭނުންވީ ދިވެހިންނަށް އާ ކެރެކްޓާއެއް އުފަން ކުރުވާށެވެ. ކޮސްޓިއުމް އަކީ އަމިއްލައަށް އުފެއްދި އެއްޗެކެވެ. އެންމެ ފުރަތަމަ ގިނަ ބަޔަކަށް ނޭނގުނު ނަމަވެސް މިހާރު ރާއްޖޭގައި ބޮޑު ހަރަކާތެއް ބާއްވާނަމަ މި ހުނަރުވެރިޔާ ފެންނާނެއެވެ.

ދިވެހި ރޮބޯމޭން --- ފޮޓޯ: ފޭސްބުކް

މިއީ ދިވެހިންގެ ރޮބޯ މޭންގެ ވާހަކައެވެ. 2014 ވަނަ އަހަރު އުފަންވި މި ކެރެކްޓާގެ ފެށުމަކީ ފިހާރަތަކުގެ ޕްރޮމޯޝަންތައް ފެށުމަށް ބާއްވާ ހަފްލާތަކުގައި މުނިފޫހިފިލުވައި ދިނުމެވެ. ނަމަވެސް އެދުވަސް އެއީ މިހާރު މާޒީއެވެ. ރިސޯޓުތަކުން ފެށިގެން ގޮސް ސަރުކާރުގެ އިވެންޓުތަކުންނާއި ބޮޑެތި ކުންފުނިތަކުން ބާއްވާ އިވެންޓުތަކުގައި މިއީ މިހާރު ފަރިތަ މޫނެކެވެ. ކުޑަކުދިންގެ ޕާޓީތަކާއި ހިތާނު ޕާޓީތައް ފުރިހަމަ ކުރުމަށް ރޮބޯމޭން ވަރެއް މިހާރު ނެތެވެ.

ރޮބޯމޭން އިވެންޓެއްގައި --- ފޮޓޯ: ފޭސްބުކް

ފާއިތުވި ތިން އަހަރަށް ބަލާއިރު ރޮބޯމޭންއަށް މިވަނީ ބޮޑު ކުރިއެރުމެއް އައިސްފައެވެ. ރޮބޯމޭންއަކީ ހަމައެކަނި މީހުންގެ އިވެންޓުތަކުގައި ޕާފޯމް ކޮށްދޭ ކެރެކްޓާއެއް ނޫނެވެ. އެހީއަށް ބޭނުންވެގެން އުޅޭ ފަރާތްތަކަށް އެހީ ހޯދައިދިނުމަށް އަމިއްލައަށް އިސްނަގައިގެން ވީވަރަކުން އިވެންޓުތައް އިންތިޒާމު ކުރެއެވެ. އެއްވެސް އަގަކާ ނުލައި އަމިއްލައަށް އިންތިޒާމު ކުރާ މި އިވެންތުތަކުން ލިބޭ ފައިސާ، އެހީ ހޯދަން އެދޭ ފަރާތްތަކަށް ފޯރުކޮށްދެއެވެ.

"މި އިވެންޓުތަކުގައި ޕާފޯމުކުރަން ބޮޑުބެރު ގުރޫޕު ވެސް ހޯދަނީ އަމިއްލައަށް. މިއީ އަމިއްލައަށް އިސްނަގައިގެން، އެހީއަށް ބޭނުންވާ މީހުންނަށް އެހީ ހޯދައިދިނުމުގެ ނިޔަތުގައި ކުރާ ކަމެއް. ޕާފޯމް ކުރާއިރު ފަންޑު ފޮށި ހުންނާނެ. އާންމުންގެ ފަރާތުން ވަރަށް ސަޕޯޓު ލިބޭ،" އަމިއްލައަށް އިންތިޒާމު ކުރާ ޗެރިޓީ އިވެންޓުތަކާ ގުޅޭގޮތުން ސަންއަށް މައުލޫމަތު ހިއްސާކުރަމުން ދިވެހިންގެ "ސުޕަހީރޯ" ބުންޏެވެ.

ރޮބޯމޭން އިވެންޓެއްގައި --- ފޮޓޯ: ފޭސްބުކް

މި ނިމުނީއެއް ނޫނެވެ. ކުޑަކުދިންގެ ހިޔާ އާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީވުމަށް ހަރަކާތްތެރިވާ ޖަމިއްޔާ ޖަމާއަތްތަކުގެ އިވެންޓުތަކުގައި ޕާފޯމު ކުރުމަށްވެސް ރޮބޯ މޭން އެއްވެސް ފީއެއް ނުނަގައެވެ. މިކަހަލަ އިވެންޓުތަކުގައިވެސް އޭނާ ޕާފޯމު ކުރަނީ ހިލޭ ސާބަހަށެވެ. މުޖުތަމައަށް ކޮށްދޭ ހިދުމަތެއްގެ ގޮތުގައެވެ. މީގެއިތުރުން އެކި މީހުންގެ ރިކުއެސްޓަށް ޕާފޯމުކޮށްދޭއިރު އަގު ކަނޑައެޅުމުގައިވެސް އޭނާ އެންމެ ބޮޑަށް ބަލަނީ މީހާގެ ހާލަތަށެވެ.

ރޮބޯމޭން --- ފޮޓޯ: ފޭސްބުކް

ރޮބޯމޭންއަކީ ރޮބޮޓުގެ ހަަރަކާތްތައް ޑާންސެއްގެ ގޮތުގައި ގެނެސްދޭ ކެރެކްޓާއެކެވެ. ކޮންމެ ޖޯންރާއެއްގެ ލަވައަކަށްވެސް އެ ކެރެކްޓާގެ ހުށަހެޅުންތައް ފައްކާ ކޮށްލައެވެ.

މި ސޯލޯ ޕާފޯމާގެ ކޮސްޓިއުމްއަކީ ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ އެއްޗެކެވެ. ސިލްވާ މާސްކަކާއެކު ކަޅު އައިނެއް އަޅައި ކަޅު ކުލައިގެ ވަރުގަދަ ހެދުމެއް ލައިގެން ހުންނަ މި ކެރެކްޓާއަށް ކުޑަކުދިންގެ ލޯބި ލިބިފައިވެއެވެ.

ރޮބޯމޭން އިވެންޓެއްގައި --- ފޮޓޯ: ފޭސްބުކް

"އެންމެ އުފާވަނީ އޮޓިޒަމް އެސޯސިއޭޝަން ނޫނީ އެކަހަލަ ބައެއްގެ އިވެންޓެއްގައި ޕާފޯމު ކުރާއިރު ކުދިން (ހާއްސަ އެހީއަށް ބޭނުންވާ ކުދިން) އައިސް އެންޖޯއީ ކޮށްލާތީ. ވަރަށް މަޑުން ތިބޭ ކުދިންވެސް އައިސް ބައިވެރިވެލާ ހެލިފެލިވެ ހަދާނެ. ވަރަށް އުފާވެރި އެހެން ކަހަލަ އިހުސާސެއް ކުރެވޭ ވަގުތު ކޮޅެއް އެއީ،" ރޮބޯ މޭން ބުންޏެވެ.

ދިވެހި ރޮބޯމޭން --- ފޮޓޯ: ފޭސްބުކް

"މިހާތަނަށް އެންމެ ބޮޑު ކްރައުޑަކަށް ޕާފޯމު ކޮށްދެވިފައި އިންނާނީ ޔުނިވަރސަލް ޗިލްޑްރަންސް ޑޭ ފާހަގަކުރުމުގެ ގޮތުން ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓާއި ފުވައްމުލަކު ޕޮލިސް ސްޓޭޝަނާއި ޔުނިސެފް އަދި ފުވައްމުލަކު ކޮމިއުނިޓީ ސަރވިސް ގްރޫޕް ގުޅިގެން މިދިޔަ އަހަރު ބޭއްވި ކުޑަކުދިންގެ ހަވީރު. ހަތަރު ހާހެއްހައި ކުދިން އެ އިވެންޓަށް އައި،"

ރޮބޯމޭންއަކީ ވަކި ދުވަސްވަރަކަށް ނުބަލައި އަބަދުވެސް ބިޒީ ކެރެކްޓާއެކެވެ. ސީޒަން ތެރޭ، ދުވާލަކަށް ދެ ޝޯ ވެސް ދޭ އިރު އާންމުކޮށް ޝޯއެއް ދެނީ ދެ ގަޑިއިރަށެވެ. ރިސޯޓުތަކަށް ގޮސް ޕާފޯމު ކުރާއިރު ފަތުރުވެރިންގެ ސަމާލުކަންވެސް ވަރަށް ބޮޑަށް ލިބެއެވެ.

ރޮބޯމޭން ރިސޯޓެއްގައި --- ފޮޓޯ: ފޭސްބުކް

"މިހާރު ބޭނުންވަނީ އިންޓަނޭޝަނަލް ޕްލެޓްފޯމަކަށް ދޭން. އެއީ އެންމެ ބޮޑު ޑްރީމް. މަޑުމަޑުން ކުރިއަރަމުން ގޮސް މިހާރު މިހުރީ ވަރަށް ކުރިއަށް ދެވިފައި. ކުރިއަށް އޮތްތަނުގައިވެސް މިގޮތަށް ކުރިއަށް ދާނަން،" ރޮބޯމޭންގެ ޕްލޭންތައް ހިއްސާކުރަމުން ބުންޏެވެ.

ފާއިތުވި ތިން އަހަރުތެރޭގައި ރޮބޯމޭންގެ ކެރެކްޓާއަށް ކުރިއަށް ދެވުނީ ގިނަ ބައެއްގެ އެހީއާ އެކުގައެވެ. "އެކީ އުޅޭ މީހުން، ރައްޓެހިންނާ ނުލައި މިކަމެއް ނުވާނެ. އެމީހުންގެ ސަޕޯޓު ފާހަގަކޮށް ޝުކުރު ދަންނަވަން،"

comment ކޮމެންޓް