ކައިބޮއި ހަދަންވީ ދިރިއުޅުމަށް، ކެއުމާއި ބުއިމަށްޓަކައި ދިރިއުޅޭ ބަޔަކަށް ވެގެން ނުވާނެ: ހުތުބާ

މާލޭގެ މިސްކިތެއްގައި ރޯދަ ވީއްލަން ބަޔަކު ތައްޔާރު ވަނީ: ކާބޯތަކެތި އިސްރާފު ނުކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައި-- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މުސްލިމުން ކައިބޮއި ހަދަންވީ ދިރިއުޅުމައްޓަކައި ކަމަށާއި، ނަމަވެސް ކައިބޮއި ހެދުމަށް ދިރިއުޅޭ ބަޔަކަށް މުސްލިމުން ވެގެން ނުވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައި ވަނީ އިސްރާފު ކުރުމުގެ ނުބައި ކަމުގެ މައްޗަށެވެ. ހާއްސަކޮށް ރަމަޟާން މަހު އިސްރާފު ކުރުން އިތުރުވެފައިވާތީ އެކަމުގައި ހުރި ނުބައި ކަމުގެ ވާހަކަ ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

ރަމަޟާން މަހު ރޯދަ ވީއްލުމަށް ތަފާތު އެތައް ވައްތަރެއްގެ ކާބޯތަކެތި ތައްޔާރު ކުރުމަކީ މިއަދު މީހުން ކުރާ ކަމެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި މީސްމީޑިއާ މެދުވެރިކޮށް، ކާބޯތަކެތި ހެދުމުގައި އެއްބަޔަކު އަނެއް ބަޔަކަށް ވާދަކުރާތަންވެސް ފެންނަ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

" މީގެތެރެއިން އެމީހުންނަށް ކެވެނީ ވަރަށް މަދު އެތިކޮޅެއް. ކެއުމަށް ތައްޔާރު ކުރާ ގިނަ އެއްޗިހި އުކާލެވެނީ ކުނިގޮނޑަށް. މިއީ ކިހާބޮޑު އިސްރާފެއް. އިސްރާފު ކުރުމަކީ މުސްލިމުންގެ ސިފައެއް ނޫން. އެއީ ޝައިތާނާގެ ކަމެއް،" ހުތުބާގައި ބުނެފައިވެއެވެ.

އިސްރާފު ކުރުމަކީ އެކަމުގެ ގެއްލުން ސިއްހީ ގޮތުންނާއި މާލީ ގޮތުން ފޯރާނެ ކަމެއްކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ ރޯދައިގެ މަގްސަތު ހާސިލުކުރެވޭނީވެސް އިސްރާފު ކުރުމާއި ދުރުހެލިވެގެން ކަމަށެވެ.

ރޯދަ ވީއްލުމުގައި ކީރިތި ރަސޫލާގެ ސުންނަތަށް ބެލުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އެކަލޭގެފާނު ރޯދަވީއްލަނީ ކަދުރުކޮޅަކުން ކަމަށާއި އަދި ކަދުރުކޮޅެއް ލިބިވަޑައި ނުގެންފި ނަމަ ކިރުފޮދަކުން އަދި ކިރުފޮދެއް ލިބިވަޑައި ނުގެންފި ނަމަ ފެންފޮދަކުން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

" ކަދުރާއި ކިރަކީ ހަށިގަނޑަށް ފައިދާ ހުރި ކާނާތަކެއް. ކީރިތިރަސޫލާ ނަމޫނާއަކަށް ބަލައިގެން ކެއުމާއި ބުއިމުގެ ކަންތައް އިސްރާފު ނުވާގޮތަށް ހަމަޖައްސާލެވިދާނެ. އަދި އެކަލޭގެފާނު ދެއްވާފައިވާ އިރުޝާދުގެ މަތިން ކެއުން ބުއިމުގެ ކަންތައް ހަމަޖައްސާލެވިދާނެ،" ހުތުބާގައި ބުނެފައިވެ އެވެ.

ރަސޫލާ ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

"އާދަމުގެ ދަރިޔާ އޭނާގެ ބަނޑަށްވުރެ ނުބައި ކަންވާރެއް ނުފުރައެވެ. އޭނާގެ ބުރަކަށި ކޮޅަށް ބެހެއްޓުމަށްޓަކައި ސުވާކޮޅެއް ފުދެ އެވެ. ފަހެ އޭނާގެ ނަފުސު އޭނާގެ މައްޗަށް ގަދަވެގެންފި ނަމަ ކާއެއްޗިއްސަށް ތިންބައި ކޮށްފައި އެއްބައި ބޯއެއްޗިއްސަށް ތިންބައިކުޅަ އެއްބައި އަދި ނޭވާލުމަށް ތިންބައިކުޅަ އެއްބައި ބަހައްޓާށެވެ."

ކެއުމާއި ބުއިމާއި ހަރަދު ކުރުމުގައި އިގްތިސާދު ކުރުމަށް ދަހިވެތިވުމަށް ހުކުރު ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ބޭނުންވާ ވަރަށް ކާބޯތަކެތި ތައްޔާރު ކުރުމަށާއި އިތުރުވާ އެއްޗިހި އުކާ ނުލުމަށް ހުތުބާގައި ވަނީ ބާރު އަޅާފައެވެ.

" މިއަދު އިސްރާފަކީ ބޮޑު ވަބާއެއް. ތަނަވަސް މީހުން އިސްރާފުކުރާ އިރު އަތްމަތި ދަތި މީހުންވެސް އިސްރާފު ކުރުމަށްޓަކައި ދަރަނި ނަގަމުންދާތަން ފެނޭ. ދަރަނި ނަގާ މީހުންގެ ބަހަނާއަކީ އެއީ ޒަމާނާ އެކު ފައިހަމަ ކުރުމައްޓަކައި ކުރަން ޖެހޭ ކަމެކޭ. އެއީ މުސްލިމުންގެ ސިފައެއް ނޫން،" ހުތުބާގައި ބުނެފައިވެ އެވެ.

ކާބޯތަކެއްޗާ ދަނޑުވެރިކަމާ ބެހޭގޮތުން އދ.އިން ހަދާފައިވާ ދިރާސާއެއް ބުނާގޮތުން ކޮންމެ އަހަރަކު 1.3 ބިލިއަން ޓަނުގެ ކާބޯތަކެތި ކުނީގެ ގޮތުގައި އުކާލާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އެއީ ދުނިޔޭގައި އުފައްދާ ކާބޯތަކެތީގެ ތިންބައިކުޅަ ދެބައި ކަމަށާއި ފައިސާއަށް ބަލާއިރު އެއީ 750 ބިލިއަން ޑޮލަރު ކަމަށް ހުތުބާގަައި ވަނީ ބުނެފައެވެ.

ދުނިޔޭގައި 870 މިލިއަން މީހުން ބަނޑަށް ޖެހިފައިވާއިރު އެއީ ބޮޑު އިސްރާފެއްކަން ފާހަގަކޮށް ހުތުބާގައި މުސްލިމުންނަށް ނަސޭހަތްތެރިވެފައި ވަނީ އިސްރާފު ނުކޮށް މާތްﷲގެ މަގުގައި ހޭދަ ކުރުމަށެެވެ.

comment ކޮމެންޓް