67 ފުޓްސަލް ދަނޑުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދަނީ!

ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން ތަރައްގީކުރާ ފުޓްސަލް ދަނޑުތައް --- ފޮޓޯ/ ޔޫތު މިނިސްޓްރީ

ޔޫތު މިނިސްޓްރީން އެމްއާރުޑީސީއާ ކުރިން ހަވާލުކުރި 67 ފުޓްސަލް ދަނޑުގެ މަސައްކަތް ހައުސިން މިނިސްޓްރީ އަދި އެފްއޭއެމްއާ ހަވާލުކޮށް ބާރު ސްޕީޑްގައި މަސައްކަތް ހިނގަމުންދާ ކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ.

ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް އިއްޔެ ޕާކިސްތާން ސަފީރާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ސަރުކާރުގެ ސްޕޯޓްސް އެރީނާ މަޝްރޫއުގައި ހިމެނޭ ފުޓްސަލް ދަނޑުތަކުގެ ތެރެއިން އެމްއާރުޑީސީއާ ކުރިން ހާވަލުކުރި 67 ފުޓްސަލް ދަނޑުގެ މަސައްކަތް ހައުސިން މިނިސްޓްރީއާއި އެފްއޭއެމްއާއި ހަވާލުކޮށް، ބާރު ސްޕީޑްގައި މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

ޔޫތު މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި އިރުތިޝާމް ވިދާޅުވީ، 47 ފުޓްސަލް ދަނޑު އެފްއޭމްއާ ހަވާލުކޮށް، މަސައްކަތާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އަނެއް 20 ފުޓްސަލް ދަނޑުގެ މަސައްކަތް ހައުސިން މިނިސްޓްރީއާ ހަވާލު ކުރެވިފައިވާ އިރު، އެ މިނިސްޓްރީގެ ޓީމާ މިނިސްޓަރު އިރުތިޝާމް ވަނީ އިއްޔެ ބައްދަލުކުރައްވައިފައެވެ.

ހައުސިން މިނިސްޓްރީއާ ހަވާލުކުރެވިފައިވާ 20 ފުޓްސަލް ދަނޑުގެ 80 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ވަނީ އިއްޔެ ވިދާޅުވެފައެވެ.

އެމްއާރްޑީސީއާ ކުރިން ހަވާލުކުރެވުނު ދަނޑުތަކުގެ މަސައްކަތް ލަސްވަމުންދާތީ އެކަމުގެ ޝަކުވާ ގިނަ ރަށްރަށުން ކޮށްފައިވެއެވެ. ޔޫތު މިނިސްޓްރީން އެ ދަނޑުތަކުގައި މަސައްކަތް އަވަސްކުރުމަށް އެފްއޭއެމްއާއި ހައުސިން މިނިސްޓްރީއާ ހަވާލު ކުރުމުން އަވަސް މުސްތަގުބަލެއްގައި ދަނޑުތައް ނިންމާލެވޭނެކަމުގެ އުންމީދު ވަނީ އާވެފައެވެ.

comment ކޮމެންޓް