އެމްއެޗް370 ހޯދުމުގެ މަސައްކަތް އަންނަ ހަފްތާގައި ނިންމާލަނީ

މީގެ ހަތަރު އަހަރު ކުރީން ގެއްލިފައިވާ މެލޭޝިއަން އެއާލައިންސްގެ ފުލައިޓް އެމްއެޗް370 ފެންނަ ފޮޓޯ ގަނޑެއްގައި މީހަކު ސޮއިކުރަނީ --- ފޮޓޯ/ މެލޭޝިއަން އިންސައިޑާ

ކުއަލަލަމްޕޫރު (މޭ 24): ދެހާސްސާދަ ވަނަ އަހަރު ގެއްލުނު މެލޭޝިއަން އެއާލައިންސް ފްލައިޓް 370 ހޯދުމުގެ މަސައްކަތް މިމަހުގެ 29ގައި ނިންމާލާނެ ކަމަށް މެލޭޝިއާއިން ބުނެފިއެވެ.

އެމްއެޗް370 ހޯދުމުގެ މަސައްކަތް ފުރަތަމަ ފެށީ އޮސްޓްރޭލިއާ އާއި މެލޭޝިއާ އަދި ޗައިނާއާ ގުޅިގެންނެވެ. ނަމަވެސް މިދިޔަ އަހަރު އެ ތިން ގައުމުން ވަނީ އެ މަސައްކަތް ހުއްޓާލަން ނިންމައިފައެވެ.

އޭގެ ފަހުން މިދިޔަ ޖެނުއަރީ މަހު މެލޭޝިއާއިން ވަނީ އެމްއެޗް370 ހޯދުމުގެ ހުއްދަ އެމެރިކާގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ އޯޝެން އިންފިނިޓީއަށް ދީފައެވެ.

ނަަމަވެސް މިއަދު މެލޭޝިއާގެ ޓްރާންސްޕޯޓު މިނިސްޓަރު އެންތަނީ ލުމްޕޫރު ވަނީ އެ ކުންފުނިން ކުރަމުން އައި މަސައްކަތްވެސް އަންނަ އަންގާރައިގައި ނިންމާލާނެ ކަމަށް ވިދާޅުވެފައެވެ.

އޮސްޓްރޭލިއާގެ ޓްރާންސްޕޯޓު މިނިސްޓްރީން ލަފާކުރާ ގޮތުގައި އެމްއެޗް370 ހޯދުމަށް ފާއިތުވި ހަތަރު އަހަރު ކުރި މަސައްކަތުގެ އަގު 151 މިލިއަން ޑޮލަރަށް އަރާނެއެވެ. އެ ހަރަދުގެ ބޮޑު ބައެއް ހަމަޖެއްސީ މެލޭޝިއާއިންނެވެ. އަދި އެއީ ގެއްލުނު މަތިންދާބޯޓެއް ހޯދުމަށް ކުރިއަށްގެންދިޔަ އެންމެ އަގުބޮޑު ޕްރޮގްރާމް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބޯއިން 777 މަރުކާގެ އެމްއެޗު370 ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ މާޗު މަހު ކުއަލަލަމްޕޫރުން ބެއިޖިންއަށް 239 މީހުންނާ އެއްކޮށް ދަތުރު ކުރަމުން ދަނިކޮށެވެ. (ސީއެންއެން)

comment ކޮމެންޓް