4426 އަދި ހައްދު ސާކް ފިލްމު ފެސްޓިވަލްގައި

ސްރީލަންކާގައި މިހާރު ކުރިއަށްދާ އަށްވަނަ ސާކް ފިލްމު ފެސްޓިވަލްގައި، ފާތިމަތު ނަހުލާގެ ބިރުވެރި ފިލްމު 4426 އާއި އަބްދުލް ފައްތާހުގެ ހައްދު ބައިވެރިކޮށްފިއެވެ.

މިމަހުގެ 22 އިން 27 އަށް ކުރިއަށްގެންދާ މި ފެސްޓިވަލްގައި ރާއްޖެއިން ދެން ބައިވެރިކޮށްފައިވަނީ ދެ ކުރު ފިލްމެކެވެ. އެއީ ބިތުފަންގި އަދި ސްޓޭޓަސް އެވެ. ސްޓޭޓަސް އަކީ އަށް މިނެޓުގެ ކުރު ފިލްމެކެވެ.

ސާކް ފިލްމު ފެސްޓިވަލްގައި ރާއްޖެއާއި އިންޑިއާ، ބަނގްލަދޭޝް، ޕާކިސްތާން އަދި ބޫޓާނުގެ އުފެއްދުންތައް ވަނީ ބައިވެރިކޮށްފައެވެ.

މީގެ ތެރޭގައި ހިމެނެނީ ފީޗާ ފިލްމް ކެޓަރީން ބައިވެރިކޮށްފައިވާ 17 ފިލްމާއި ކުރު ފިލްމުގެ ކެޓަގަރީން ބައިވެރިކޮށްފައިވާ 10 ފިލްމެވެ.

މި ފެސްޓިވަލްގެ އެވޯޑު ދިނުން އޮންނާނީ މިމަހުގެ 27 ވަނަ ދުވަހު ފެސްޓިވަލް ކުރިއަށްދާ ސްރީލަންކާގެ ނޭޝަނަލް ފިލްމު ކޯޕަރޭޝަނުގައެވެ.

މި ފެސްޓިވަލްގައި ރާއްޖޭގެ ފަރާތުން ބައިވެރިވަނީ ފިލްމީތަރި މަރިޔަމް އައްޒައެވެ. އައްޒައަކީ ހައްދު އަދި 4426 ގެ ލީޑް އެކްޓްރެސް އެވެ.

މިދިޔަ އަހަރު ބޭއްވި ސާކް ފިލްމު ފެސްޓިވަލްގައި އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބިފައިވަނީ އައްޒަގެ އެއްބަނޑު ދައްތަ އާއިޝަތު ރިޝްމީ ރަމީޒަށެވެ.

comment ކޮމެންޓް