ރަމަޟާން މަހަށް ހާއްސަކޮށް ކުރިއަށް ގެންދާ ވެޓެރަންސް ކަޕްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް އެޓީމުން ފެށުން ރަނގަޅުކޮށްފިއެވެ.
އިއްޔެ ހަވީރު މާފަންނު ޓާފް ދަނޑުގައި ކުޅުނު ގްރޫޕް އޭގެ މެޗުގައި ވާދަކުރީ މާޒިޔާއާއި ޕޮލިސް ކްލަބެވެ. އެ މެޗު 2-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ މާޒިޔާއެވެ.
މާޒިޔާއަށް އިއްޔެގެ މެޗުގެ ދެ ގޯލްވެސް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި މުހައްމަދު އަރީފެވެ. މެޗުގެ އުމުރުން 45 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކްލަބުގެ މުހައްމަދު ޝަމީމެވެ.
އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެ މޯލްޑިވްސް ސޮކާ މޭޓްސްއިން ކުރިއަށް ގެންދާ މުބާރާތުގައި ރާއްޖޭގެ ކުރީގެ ގިނަ ތަރިންތަކެއް ފެނިގެންދާ އިރު، މިއަހަރުގެ މުބާރާތުގައި ހަތް ޓީމަކުން ވާދަކުރެއެވެ.
ގްރޫޕް އޭ ގައި ހިމެނޭ ޓީމުތައް:
ކްލަބު ވެލެންސިއާ
ކްލަބު އީގަލްސް
ޕޮލިސް ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
ގްރޫޕް ބީ ގައި ހިމެނޭ ޓީމުތައް:
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު
ދިވެހި ސިފައިންގެ ކްލަބު
ވިކްޓަރީ ސްޕޯޓްސް ކްލަބު
މުބާރާތް ކުރިއަށް ދަނީ ދެ ގްރޫޕަކަށް ބަހައިލައިގެންނެވެ. ދެވަނަ ބުރަށްދާނީ ކޮންމެ ގްރޫޕަކުންވެސް އެއްވަނަ ޓީމާއި ދެވަނަ ޓީމު އަދި ދެ ގްރޫޕްގެ ތިންވަނަ ޓީމުގެ މެދުގައި ކުޅެވޭ ޕްލޭ އޮފް މެޗު ކާމިޔާބުކުރާ ޓީމެވެ.
ދެވަނަ ބުރުގައި ވާދަކުރާ ފަސް ޓީމުގެ މެޗުތައް ކުރިއަށްދާނީ ލީގު އުސޫލުންނެވެ. ދެވަނަ ބުރުގެ ކުޅުން ނިމޭއިރު އެއްވަނައިގައި އޮންނަ ޓީމު އޮޓޮމެޓިކުން ފައިނަލަށް ދަތުރުކުރާ އިރު، ދެން ފައިނަލަށް ދާނީ ދެވަނަ ބުރުގެ ދެވަނައާއި ތިންވަނަ ވާދަކުރާ ޕްލޭ އޮފް ކާމިޔާބުކުރާ ޓީމެވެ.
ވެޓަރަންސް ކަޕްގެ މެޗެއް މިއަދުވެސް އޮންނާނެއެވެ. މިއަދު އޮންނަ ގްރޫޕް ބީގެ މެޗުގައި ވާދަކުރާނީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓެވެ.