އެމްއޭސީއެލްގެ މުވައްޒަފުންނަށް ފުލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

އެއާޕޯޓްސް ކޮމްޕެނީގެ ފްލެޓަށް އެދުމަށް ފޯމް ދޫކުރަން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ: އެމްއޭސީއެލް

ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއުކަމަށްވާ "ހިޔާ މަޝްރޫއު"ގެ ދަށުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ހުޅުމާލޭގައި އަޅާ ޓަވަރުތަކުގެ ފްލެޓަށް އެދުމަށް ފޯމް ދޫކުރަން ފަށައިފިއެވެ.

އެއާޕޯޓްސް ކޮމްޕެނީން ބުނީ އެ ކުންފުނިން 312 ފްލެޓް މުވައްޒަފުންނަށް ދޫކުރުމަށް ހަމަޖައްސައިފައިވާ ކަމަށެވެ. އެމްއޭސީއެލް އިން އިން އަޅާ 15 ބުރީގެ ދެ ޓަވަރުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއެވެ.

އެމްއޭސީއެލްއިން ހަދަމުންދާ ޓަވަރުގައި އެއް ކޮޓަރީގެ 72 ފްލެޓާއި އަދި ދެ ކޮޓަރީގެ 240 ފްލެޓް ހިމެނެއެވެ.

އެމްއޭސީއެލް އިން ބުނީ އެއްކޮޓަރީގެ އެޕާޓްމަންޓްތައް ދޭނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް އެ ކުންފުންޏަށް ފަސް އަހަރުވަންދެން ހިދުމަތްކޮށްފައިވާ ފަރާތްތަކަށް ކަމަށެެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް ކުރިމަތިލެވޭނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް އެ ކުންފުންޏަށް ދިހަ އަހަރުވަންދެން ހިދުމަތްކޮށްފައިވާ ފަރާތްތަކަށް ކަމަށްވެސް އެމްއޭސީއެލްއިން ބުންޏެވެ.

އެއާޕޯޓްސް ކޮމްޕެނީގެ ދެ ޓަވަރުގެ ފުރަތަމަ ދެ ފަންގިފިލާ ހާއްސަކޮށްފައިވަނީ ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އަދި ސަރުކާރަށެވެ.

ފްލެޓްތަކަށް ކުރިމަތިލުމަށް ހިމެނޭ އިތުރު ޝަރުތުތަކުގެ ތެރޭގައި ދިވެއްސަކަށް ވުމާއި، ގްރޭޓާ މާލެ ސަރަހައްދުން އެ މުވައްޒަފެއްގެ ނަން މަތީ 600 އަކަ ފޫޓަށް ވުރެ ބޮޑު ބިމެއް ރަޖިސްޓްރީވެފައި ނުވުން ހިމެނެއެވެ.

comment ކޮމެންޓް