ސިނާނުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ އަޑުއެހުން ކެންސަލް ކޮށްފި

ކްރިމިނަލް ކޯޓުން މީގެ ކުރިން ސިނާން މިނިވަންކުރުމުން ނިކުމެވަޑައިގެން އިދިކޮޅު ސަޕޯޓަރުންނާ އެކު: ސިނާނުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައި --- ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ ޝަރީއަތުގެ މިއަދު ބާއްވަން ތާވަލުކުރި އަޑުއެހުން ކެންސަލް ކޮށްފި އެވެ.

މިއަދު މެންދުރުފަހު 1:00 އަށް ތާވަލުކުރި އެ އަޑުއެހުން ކެންސަލް ކުރި ސަބަބެއް ކްރިމިނަލް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ. ސިނާންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ އެންމެ ފަހުން ބާއްވަން ތާވަލުކުރި ދެ އަޑުއެހުން ވެސް ވަނީ ކެންސަލް ކޮށްފައެވެ.

ދައުލަތުން ސިނާންގެ މައްޗަށް ދައުވާ ކުރަނީ މަޖިލީހުގެ މެމްބަރެއް ގޮތުގައި ހުންނަވައި ރިޝަވަތު ހިފައި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގަ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ސިނާން މާލެ ވަޑައިގަތީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ރޭ ސިޔާސީ ލީޑަރުން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅިގެންނެވެ. އެ އަމުރު ނެރުމުން ޖެހިގެން އައި ހޮނިހިރު ދުވަހު އެ ދެ މެންބަރުން މާލެ ވަޑައިގަތުމާ އެކު އެއާޕޯޓުން ފުލުހުން ވަނީ ހައްޔަރުކޮށްގެން ދޫނިދުއަށް ގެންގޮސްފައެވެ.

comment ކޮމެންޓް