ޕާޓީތަކުގެ އަސާސީ ގަވައިދު ގާނޫނާ ފުށޫއަރާ ނަމަ ގާނޫނާ އެއްގޮތަށް އިސްލާހުކުރަން އަންގައިފި

އިލެކްޝަންސް ކޮމިޝަންގެ ބައެއް މެންބަރުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ސިޔާސީ ޕާޓީތަކުގެ އަސާސީ ގަވައިދު، ގާނޫނުތަކާ ފުށޫ އަރާ ނަމަ، އަސާސީ ގަވައިދު ގާނޫނުތަކާ އެއްގޮތަށް އިސްލާހު ކުރަން އިލެކްޝަންސް ކޮމިޝަނުން ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކަށް އަންގައިފި އެވެ.

އީސީ އިން ޕާޓީތަކަށް މިގޮތަށް އެންގީ އެ ކޮމިޝަނުން ޕާޓީތަކަށް ފޮނުވި ސިޓީއެއްގަ އެވެ.

އެ ސިޓީގައިވާ ގޮތުން ގާނޫނުތަކާ ފުށޫއަރާ އެއްވެސް މާއްދާއެއް ޕާޓީގެ އަސާސީ ގަަވައިދުގައި ހިމަނާފައިވާ ނަމަ، ދެން އަމަލު ކުރަން ޖެހޭނީ ގާނޫނަށް ކަމަށާއި އަދި އަސާސީ ގަވައިދު ގާނޫނުތަކާ އެއްގޮތަށް އިސްލާހު ކުރަން ވަނީ އަންގައިފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަދި އެ ކޮމިޝަންގެ ތަރުޖަމާނު އަހުމަދު އަކްރަމް ސަން އަށް މިއަދު ވިދާޅުވީ ޕާޓީތަކުގެ އަސާސީ ގަވައިދު ގާނޫނާ އެއްގޮތަށް އިސްލާހުކުރުމަށް ޕާޓީތަކަށް އަންގާފައިވާނެ ކަމަށެވެ.

އިލެކްޝަންސް އިން ބުނީ ޕާޓީތަކުގެ އަސާސީ ގަވައިދު ގާނޫނުތަކާ ފުށުއަރާ ނަމަ އެކަން އިސްލާހުކުރަން އެންގުމުން ބައެއް ޕާޓީތަކުން މިހާރު އަސާސީ ގަވައިދު އިސްލާހު ކޮށްފައިވާ ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުވާދު ތައުފީގުގެ ދައުރުގައި އެމްޑީޕީގެ އަސާސީ ގަވައިދު ގާނޫނުތަކާ އެއްގޮތަށް އިސްލާހުކުރަން ހަތް ފަހަރެއްގެ މަތިން އެ ޕާޓީ އަށް އީސީ އިން ވަނީ އަންގައިފަ އެވެ.

comment ކޮމެންޓް