ދިވެހި ކިޔަވާ ކޮންމެ ކުއްޖަކީ، މިޒަމާނަށް ލޯ ހުޅުވިފައިވާ، އަދި އަންނަން އޮތް ޖީލުގެ ހުނަރު ލިބިފައިވާ، އެ ޖީލަށް ފައްކާކުރެވިފައިވާ ދަރިވަރަކަށް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ބޮޑު އަމާޒެއްކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ހުރިހާ ސްކޫލުތަކުގައި ޓެބްލެޓު ބޭނުންކުރުމަށް ވާންޖެހޭ ތައްޔަރީތައްވުމުގެ ގޮތުން ޓީޗަރުންނަށް ޓެބްލެޓު ދިނުމަށް އިސްކަންދަރު ސްކޫލުގައި މިއަދު މެންދުރު ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ތައުލީމުގެ އެންމެ މުހިންމު އަސާސަކީ، ދަރިވަރުން ދިރިއުޅުމަށް ތައްޔާރުކުރުން ކަމަށެެވެ.
"އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން އަދި މުޖުތަމައުގެ ބައިވެރިއެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތަކާއި ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް ބޭނުންވާ ތައުލީމާއި ތަމްރީނާއި ތަރުބިއްޔަތު ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަކީ ތަޢުލީމުގެ އެންމެ އިސް އަސާސް،" ޑރ. އައިޝަތު ވިދާޅުވިއެވެ.
އިސްކަންދަރު ސްކޫލުގެ ޓީޗަރުންނާ ޓެބްލެޓްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެެއިން-- ފޮޓޯ: ފަޔާޒު މޫސާ
ދަރިވަރުންގެ ކިބައިގައި އެ ސިފަތައް އަށަގަންނުވަން މަސައްކަތްކުރާ އިރު، އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭ އެންމެ މުހިންމު ކަމަކީ، 21 ވަނަ ގަރުނަށް ފައްކާކުރެވިފައިވާ ދަރިވަރުން އުފެއްދުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތަށް 21 ވަނަ ގަރުނުގައި އެންމެ ފާހަގަވާ ކަމަކީ ދިރިއުޅުމަށް އައިސްފައިވާ ބަދަލުތައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ސައިންސުގެ ކުރިއެރުމާއެކު، ވިސްނުމާއި ފިކުރަށް އައިސްފައިވާ ކަމަށާއި، ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ ސައިންސާއި އާ އީޖާދުތަކުން ދިރިއުޅުމުގެ މުޅި ވައްޓަފާޅި ބަދަލުކޮށްލާފައިވާ މަންޒަރު ކަމަށެވެ.
ޓެކްނޮލޮޖީގެ ގޮތުން އެހާ ކުރިއަރާފައި ވާ ޒަމާނެއްގައި، އޭގެ އެހީގައި ދަރިވަރުންނަށް އޭގެ މަންފާ ކުރާނެ ގޮތަށް ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލު ގެނެސް، ކޮންމެ ދަރިވަރަކީ ކުރިއަށް އޮތް ޖީލަށް ފައްކާކުރެވިފައިވާ ދަރިވަރަކަށް ހެދުމަކީ ރައީސްގެ އަމާޒު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.