ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރު ކަމުގެ މަގާމުން, ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑރ. މުޙައްމަދު ޒާހިރު ޙުސައިން އިސްތިއުފާ ދެއްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ޒާހިރު އިސްތިއުފާއަށް ހުށަހެޅުއްވުމާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު, ޒާހިރާ މިއަދު ބައްދަލުކުރައްވައި، އެ މަގާމުގައި ހުންނަވައިގެން ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައިވާ ކަމަށެވެ.
އެ ބައްދަލު ކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ޒާހިރަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށާއި ތަރައްޤީއަށް ވަރަށް އިޚުލާޞްތެރިކަމާއެކުގައި މިންނަތް މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ބޭފުޅެއްކަން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ސަރުކާރުން އޭރު ފެއްޓެވި އަސާސީ ތަޢުލީމުގެ މަޝްރޫޢު ހިންގަވައިދެއްވުމުގައްޔާއި، ރާއްޖޭގެ އަތޮޅުތަކުގައި ކޮމިއުނިޓީ ސްކޫލުތަކާއި، އަތޮޅު މަދަރުސާތައް ބިނާކުރައްވައި، ތަޢުލީމީ ރޮނގުން ރަށްރަށުގެ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ކުރެއްވި ހީވާގި މަސައްކަތްޕުޅުތަކަކީވެސް، ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކެއްކަން ރައީސް ފާހަގަ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުކުރެއްވުމުގައި ޑރ. ޒާހިރު ދެއްކެވި ވާހަކަފުޅުގައި، އިސްލާމީ ޔުނިވާސިޓީގައި ޚިދުމަތް ކުރެއްވުމަކީ، އެ މަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، މި ސަރުކާރުންވެސް އެ ފުރުސަތު ދެއްވީތީ ރައީސަށް ޝުކުރު ދެންނެވިއެވެ.
ޑރ. ޒާހިރު ދައުލަތަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ޚާއްޞަ ސިޓީފުޅެއް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އެރުވިއެވެ.
ރައީސް އޮފީހުން ބުނީ މި ސިޓީފުޅުގައި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ޗާންސެލާ ކަމުގެ މަގާމުގައްޔާއި އަދި އޭގެކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ޗާންސެލާ ކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ މަތީ ތަޢުލީމު ފުޅާ ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކުގެ މައްޗަށް ބައްލަވައިލައްވައިފައިވާ ކަމަށެވެ. އަދި މިނިސްޓާ އޮފް އެޑިޔުކޭޝަންކަމުގެ މަގާމުގައި 10 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހުންނަވައިގެން، ރާއްޖޭގެ ތަޢުލީމީ ދާއިރާ ހަރުދަނާ ކުރެއްވުމުގައްޔާއި، ޒަމާނާ އެކަށޭނަ އަދި ދިވެހިވަންތަ ނިޒާމަކަށް ކިޔަވައިދެވޭނެ ގޮތަކަށް މުޤައްރަރުތައް އެކުލަވައިލެއްވުމުގައްޔާއި، އަސާސީ ތަޢުލީމުގެ މަޝްރޫޢު ހިންގެވުމުގައްޔާއި، ރާއްޖޭގައި ޢަރަބި އިސްލާމީ ތަޢުލީމު ފުޅާ ކުރެއްވުމުގައި ޒާހިރު އަދާކުރެއްވި ދައުރު މި ސިޓީފުޅުގައި ރައީސް ފާހަގަ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޒާހިރަކީ، 49 އަހަރާއި ނުވަ މަސް ދުވަހު ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ އަދި ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 33 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. ޒާހިރަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވައިފައިވަނީ 10 ނޮވެންބަރު 2008 ގައެވެ. އަދި ރާއްޖޭގެ ތަޢުލީމަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު އަރުވައިފައިވަނީ 2024 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސް މުޢިއްޒެވެ.