ޓެބްލެޓްތައް ޓީޗަރުންނާ ހަވާލުކުރަން ފަށައިފި

އިސްކަންދަރު ސްކޫލުގެ ޓީޗަރުންނާ ޓެބްލެޓްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެެއިން-- ފޮޓޯ: ފަޔާޒު މޫސާ

ތައުލީމީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ގޮތުން، ސްކޫލްތަކުގެ ދަރިވަރުން ކިޔެވުމުގައި ބޭނުންކުރަން ހަމަޖެހިފައިވާ ޓެބްލެޓްތައް ދަރިވަރުންނަށް ހަވާލުކުރުމުގެ ކުރިން ޓީޗަރުންނަށް ޓެބްލެޓްތައް ހަވާލުކުރަން ފަށައިފިއެވެ.

އިސްކަންދަރު ސްކޫލުގައި މިއަދު މެންދުރު އެކަމަށް ބޭއްވި ރަސްމިއްޔާތުގައި އެ ޓެބްލެޓްތައް އެ ސްކޫލުގެ ޓީޗަރުންނާ ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ، މިއީ ދަރިވަރުންނަށް ޓެބްލެޓްތައް ދޭން ފެށުމުގެ ކުރިން ކުރަމުންދާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ދެބަޔަކަށް ބަހާލައިގެން ޓެބްލެޓްތައް ފޯރުކޮށްދިނުމުގެ މަސައްކަތް މި ގެންދަނީ. އެއީ ފުރަތަމަ ހަމަ ދަރިވަރުންނާ ހިސާބަށް ކްލާސްރޫމްތަކުގައި ޓެބްލެޓްތައް ބޭނުންކުރުމުގެ ކުރިން، ހަމަ ޓީޗަރުން އެއަށް ބޮޑަށް ފެމިލިއަރިޒްވެ އަހުލުވެރިކުރުމަށްޓަކައި ޓީޗަރުންނަށް އަހުލުވެރިކުރުމުގެ ފޭސްއެއް މި ކުރިއަށް ގެންދަނީ،" ޝަފީއު ވިދާޅުވިއެވެ.

އިސްކަންދަރު ސްކޫލުގެ ޓީޗަރުންނާ ޓެބްލެޓްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެެއިން-- ފޮޓޯ: ފަޔާޒު މޫސާ

ޝަފީއު ވިދާޅުވީ، މާލޭގެ ހުރިހާ ސްކޫލެއްގެ ޓީޗަރުންނަށް ޓެބްލެޓްތައް މިހަފުތާގެ ތެރޭގައި ދޫކުރަން ފަށާނެ ކަމަށެވެ. އަދި އެއަށްފަހު އަންނަ ހަފުތާގެ ތެރޭގައި އަތޮޅުތެރެއަށް ޓެބްލެޓްތައް ދޫކުރަން ފަށާނެ ކަމަށް ވެސް ޝަފީއު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކޮންމެ ސްކޫލެއްގެ ދަރިވަރަކަށް ޓެބްލެޓެއް ދިނުމަށް ނިންމާފައިވަނީ ދެވަނަ ޓާމް ފެށޭއިރު އެވެ. ދަރިވަރުންނަށް ދިނުމަށް ނިންމާފައިވަނީ ވާވޭ ޓެބްލެޓެކެވެ.

ޝަފީއު ވިދާޅުވީ ޓީޗަރުން ޓެބްލެޓަށް އަހުލުވެރިކޮށް ތަމްދީން ދިނުމުގެ ގޮތުން ގޫގުލްއިން އެކުލަވާލައިފައިވާ ސެޓްފިކެޓް ލެވެލްގެ ދެ ކޯހެއް ޓީޗަރުން ފުރިހަމަކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް