އަންނަ މަހު ބާއްވާ 19 ވަނަ އިންޓަނޭޝަނަލް އިންޑިއަން ފިލްމް އެކެޑަމީ (އައިފާ) އެވޯޑްސްގެ ހޯސްޓުންގެ ގޮތުގައި ކާތިކް އާރްޔަން އަދި އާޔޫޝްމަން ކުރާނާ ހަމަޖައްސައިފިއެވެ.
އާޔޫޝްމަން އަކީ ގިނަ ޝޯތަކެއް ހޯސްޓު ކޮށްފައިވާ ކާމިޔާބު ހޯސްޓެއް ނަމަވެސް، މިއީ ކާތިކް އެވޯޑު ހަފްލާއެއް ހޯސްޓު ކުރާނެ ފުރަތަމަ ފަހަރެވެ.
ކޮމެޑީ ފިލްމު "ޕިޔާރް ކޭ ޕަންޗްނާމާ" އިން މީހުންގެ މަޝްހޫރުވި ކާތިކް އަކީ ކޮމިކް ޓައިމިން ވަރަށް ބަރާބަރު އެކްޓަރެކެވެ. އެހެންކަމުން ކާތިކްއަށް އައިފާ އެވްޑްސް ވަރަށް ރަނގަޅަށް ފަޅުފިލުވައި ދެވޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
އޭގެ އިތުރުން އެންމެ ފަހުން ރިލީޒް ކުރި ކާތިކްގެ ފިލްމު "ސޯނޫ ކެ ޓީޓޫ ކީ ސްވީޓީ"ގެ ކާމިޔާބާ އެކު ކާތިކް ވެގެން ގޮސްފައި ވަނީ އެންމެ ގިނަ ޑައިރެކްޓަރުންގެ ލޯ އަމާޒުވެފައިވާ އެއް އެކްޓަރަށެވެ. އައިފާ އެވޯޑު އިންތިޒާމު ކުރާ ފަރާތްތަކުގެ ލޮލުގައި ވެސް ކާތިކް އަޅައިގަތީ އޭނާއަށް ލިބެމުން އަންނަ ބޮޑު ތަރުހީބުގެ ސަބަބުންނެވެ.
އެންމެ ފަހުން އައިފާ އެވޯޑްސް ހުށަހަޅައިދީފައި ވަނީ ކާމިޔާބު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރު، ކާމިޔާބު އެކްޓަރު ރިތޭޝް ދޭޝްމުކް އަދި ފަވާދު ޚާން އެވެ.
އަންނަ މަހުގެ 22 އިން 24ގެ ނިޔަލަށް އައިފާ އެވޯޑްސް ކުރިއަށް ދަނީ ބެންކޮކްގައެވެ. އެ ހަފްލާގައި ގިނަ އަދަދެއްގެ ބޮލީވުޑް ފަންނާނުން ފެނިގެންދާނެއެވެ.
އައިފާ އެވޯޑުގެ މަގުސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންޑިއަން ސިނަމާ ޕްރޮމޯޓު ކުރުން ކަމުގައި ވީނަމަވެސް، ހޮލީވުޑު ފިލްމުތަކުގެ އަގު ވަޒަންކޮށް، އިންޑިއާގައި އެއާ ކުރާ ވެބް ސީރީޒް ތަކުގެ އަގު ވަޒަން ކުރުމަކީ އައިފާ އެވޯޑުގެ ބައެއް އިތުރު މަގުސަދުތައް ކަމަށް ވެސް އައިފާ އިންތިޒާމް ކުރާ ފަރާތުން ވަނީ މީގެ ކުރިން ބުނެފައެވެ.
މިދިޔަ އަހަރުގެ މޮޅު ބަތަލާ އަކަށް "އުޅްތާ ޕުންޖާބް" އިން އާލިއާ ބަޓް ހޮވުނު އިރު އެންމެ މޮޅު ބަތަލަކަށް ހޮވިފައިވަނީ ހަމަ އެ ފިލްމުގެ ލީޑް ފިރިހެން ތަރި ޝާހިދު ކަޕޫރެވެ.
ނިއުޔޯކުގެ މެޓްލައިފް ސްޓޭޑިއަމްގައި މިދިޔަ އަހަރު ބޭއްވި އެވޯޑުގައި އެންމެ މޮޅު ފިލްމުގެ އެވޯޑު ލިބުނީ ސޯނަމް ކަޕޫރު ލީޑު ރޯލުން ފެނިގެން ދިޔަ ފިލްމު 'ނީރްޖާ' އަށެވެ.