ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮކާކޯލާގެ އިސްތިހާރެއް ހަދައިފި

ރާއްޖެ އިން ފުރަތަމަ ފަހަރަށް ހެދި ކޮކާކޯލާގެ އިސްތިހާރު ލޯންޗު ކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދުނިޔޭގެ މަޝްހޫރު ބުއިމެއް ކަމަށްވާ ކޮކާ ކޯލާގެ އިޝްތިހާރެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ހަދައިފި އެވެ.

ރާއްޖޭގައި ހަދާފައިވާ އެ އިޝްތިހާރު ލޯންޗު ކޮށްފައި ވަނީ މިރޭ މާގިރީ ހޮޓެލްގައި އެކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ފިލްމީތަރި މުހައްމަދު ނިމާލް އެވެ.

ކޮކާކޯލާގެ އެ އިޝްތިހާރު ހަދާފައި ވަނީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ޗޮޕާޓްއިންނެވެ. އަދި އެ އިޝްތިހާރުގައި ރާއްޖޭގެ މަޝްހޫރު ދެ ފިލްމީތަރި ޝީލާ ނަޖީބް އަދި މުހައްމަދު ނިމާލް ވެސް ފެނިގެންދެ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ކޮކާކޯލާ ކުންފުނީގެ ޖެނެރަލް މެނޭޖަރު މިލިންދް ޑެރަސާރީ ވިދާޅުވީ، ރާއްޖެއިން ކޮކާކޯލާގެ އިޝްތިހާރެއް އުފެއްދި މިއީ ފުރަތަމަ ފަހަރު ކަމަށާއި އެ އިޝްތިހާރުގައި ދިވެހި ވަންތަ ކަމެއް ވެސް ގެނެސްފައިވާނެ ކަމަށެވެ.

މިލިންދް ވިދާޅުވީ، ކޮކާކޯލާއަކީ ދިވެހިންނާ ވެސް ވަރަށް ބޮޑަށް ގުޅިފައިވާ ދިވެހިންގެ މެދުގައި ވެސް ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ބުއިމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެއިން ކޮކާކޯލާގެ އިޝްތިހާރުތައް ކުޅުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ހެދި އެ އިޝްތިހާރުގައި ދައްކުވައި ދެނީ އުފާވެރި އާއިލާއެއްގެ އުފާވެރިކަން ކޮކާކޯލާއިން ކެއުމުގެ ސުފުރާމަތީގައި ފުރިހަމަކޮށްދޭ ތަނެވެ. އަދި އެ އިޝްތިހާރު ކުޅިފައި ވަނީ ވެސް ދިވެހި ބަހުންނެވެ.

comment ކޮމެންޓް