އަހަރެމެން ޚިޔާރުކުރީ އިސްލާމް ދީން: އިބްރާހިމް ކުވާން

ކީރިތި ޤުރްއާން--

އަޅުގަނޑުގެ ޢުމުރުން 60 އަހަރު ވޭތުކުރީ ޕްރޮޓެސްޓެންޓް ކްރިސްޓިއަނެއްގެ ގޮތުގައެވެ. އޭގެ ތެރެއިން 3 އަހަރެއްހާ ދުވަސް ހޭދަކުރީ ކުވާލާލެޕްސްގެ ފައްޅީގެ ފާދިރީއެއްގެ ގޮތުގައެވެ. ނަމަވެސް މިހާރު އަޅުގަނޑަކީ އިސްލާމްދީނުގެ ހިޔާވަހިކަން ހޯދައިގެންހުރި މުސްލިމެކެވެ. އަޅުގަނޑު ޝުކުރުވެރި ހިތެއްގައި އުފެދޭ އުފާވެރިކަމުގެ އިހްސާސްތަކާއެކު މިބަޔާންކުރަނީ އަޅުގަނޑު އިސްލާމް ވާން މެދުވެރިވި ސަބަބުތަކެވެ.

އަޅުގަނޑު އުފަންވީ 3 ފެބްރުއަރީ 1907 ގައެވެ. އަޅުގަނޑުގެ މައިންބަފައިންނަކީ ބުޑިސްޓުންނެވެ. އުމުރުން 6 އަހަރުގައި އަޅުގަނޑު ޗައިނާ ސްކޫލަކަށް ވައްދައިފިއެވެ. އެތާނގައި ކޮންފިއުޝަސް މަޒްހަބުގެ މުހިންމު ފޮތެއްކަމުގައިވާ "ހަތަރުފޮތް" މިފޮތާއި އެނޫންވެސް ބައެއްފޮތް ކިޔެވީމެވެ. އޭގެ އަސަރުން ކޮންފިއުޝަސް މަޒްހަބްގައިވާ ގޮތަށް އެއްކަލެއްގެ އަޤީދާ އަޅުގަނޑަށް ޤަބޫލުކުރެވުނެވެ.

އުމުރުން 9 އަހަރުފުރުމާއެކު އަޅުގަނޑު ކުވާލަލަމްޕޫރުގެ "ވިޖްޓޯރިޔާ އިންސްޓިޓިއުޝަން"ގައި އިނގިރޭސި ތަޢުލީމް ޙާސިލު ކުރަން ފަށައިފީމެވެ. އެތަނުން އިންޖީލުގެ "އޯލްޑް ޓެސްޓްމެންޓާ"އި "ނިއުޓެސްޓްމެންޓް" ފިލާވަޅަކުން ފިލާވަޅަކުން މުޠާލިޢާ ކުރުމަށްފަހު ކްރިސްޓިއަންދީނަށް ވަދެއްޖައީމެވެ. އޭރު އަޅުގަނޑުގެ އުމުރަކީ ސަތާރަ އަށާރަ އަހަރެވެ.

1963ގައި އަޅުގަނދު ކުވާލާލެޕްސްގެ ފައްޅިއަށް ފާދިރީއަކަށް ދާން އުޅެނިކޮށް އަޅުގަނޑުގެ ރަހްމަތްތެރި އިންޑިޔާގެ މުސްލިމެއް ކަމުގައިވާ ކޭ.ކޭ މުޙައްމަދު އަޅުގަނޑަށް ކީރިތި ޤުރްއާނުގެ އިނގިރޭސި ތަރުޖަމާއެއް ހަދިޔާކޮށްފިއެވެ. އަޅުގަނޑު އެތަރުޖަމާ ކިޔާލީމެވެ. މައުޟޫއުތަކުގެ ފުރިހަމަކަމާއި ރީތިކަމުން އަޅުގަނޑަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. ނަމަވެސް އޭރު އެކުރިއަސަރު އަޅުގަނޑު އިސްލާމްވުމުގެ ސަބަބެއްކަމުގައި ހިމެނޭވަރެއްނުވިއެވެ.

ކުވާލާ ލެޕްސްގައި ކްރިސްޓިޔަންދީން ފަތުރަން މަސައްކަތް ކުރަމުން ގެންދިޔައިރު އަޅުގަނޑު ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވާންޖެހުނެވެ. އެއީ ޕްރޮޓެސްޓެންޓް ޗާރޗުގެ ގޮފިތައް ގިނަކަމުންނެވެ. ކޮންމެގޮތްޕެއްގެ ބަޔަކު އަނެއްގޮފީގެ މީހުން "ދީނީ އަޤީދާ"ގެ މައްޗަށް ބިނާކޮށް "ނަރަކަވަންތަވެރީން" ކަމުގައި ކަނޑައަޅާތީއެވެ. އެއްބަޔަކު އަނެއްބަޔަކާ އަރާރުންވާތީއެވެ. އެކަންތަކާ ފިކުރުކޮށްލުމުން އަޅުގަނޑުގެ ހިތަށް ވަރަށް ބޮޑަށް ނުތަނަވަސްކަން ލިބުނެވެ.

އަނެއްކޮޅުން ކްރިސްޓިއަނުންގެ ރޯމަންކެތަލިކުންނާއި ޕްރޮޓެސްޓެންޓުންގެ މެދުގައި ހުރި ތަފާތުގެ ބޮޑުކަމާއި ޚިޔާލާތުގައި ހުންނަ ފުރުކަން ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެއެވެ. އަޅުގަނޑަށް ލިބުނު ހިތްހަމަނުޖެހުމާއި ނުތަނަވަސްކަމުގެ ސަބަބުން އަޅުގަނޑު ހޯދީ ކީރިތިޤުރްއާނުގެ އެހީއެވެ. އަޅުގަނޑަށް މަގުދެއްކި އާޔަތްތަކަކީ މިދަންނަވަނީއެވެ.

"ކުރީގެ ގޮތްތައް ތެދުކުރާ ޙާލުގައި ޙައްޤުގޮތުގައި ކަލޭގެފާނަށް އެކަލާނގެ ފޮތް (އެބަހީ: ކީރިތި ޤުރުއާން) ބާވައިލެއްވިއެވެ. އަދި ތައުރާތާއި އިންޖީލުވެސް ބާވާލެއްވިއެވެ." (ސޫރަތު އާލުޢިމްރާން: 3)

"ކަލޭގެ ފާނު ވިދާޅުވާށެވެ. ތިމަންމެން ﷲ އަށާއި، އަދި ތިމަންމެންގެ މައްޗަށް ބާވައިލެއްވުނު އެއްޗަކަށް އީމާންވެއްޖައީމުއެވެ. އަދި އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނާއި، އިސްޙާޤުގެފާނާއި، ޔަޢުޤޫބުގެފާނާއި، އެކަލޭގެ ފާނުގެ ފަރިކޮޅަށް ބާވައިލެއްވުނު އެއްޗަކަށާއި މޫސާގެފާނާއި ޢީސާގެފާނާއި އެނޫންވެސް ނަބީބޭކަލުންނަށް އެބޭކަލުންގެ ވެރި ރަސްކަލާނގެ ހަޟުރަތުން ދެއްވުނު އެއްޗަކަށްވެސްމެއެވެ. އެބޭކަލުންގެ ތެރެއިން އެއްވެސް ބޭކަލަކާއި މެދުގައި ތިމަންމެން ތަފާތެއް ނުކުރަމުއެވެ. އަދި ތިމަންމެންވަނީ އެ ކަލާނގެއަށް ބޯލަނބައި ކިޔަމަންވެގެންނެވެ." (ސޫރަތު އާލުޢިމްރާން: 84)

މެދުކެނޑުމެއް ނެތި ފުންކޮށް ކީރިތި ޤުރްއާން ދިރާސާ ކުރުމުން އަޅުގަނޑަށް ޙަޤީޤަތާ ވަރަށް ބޮޑަށް ކައިރިވެވިއްޖެއެވެ. ކްރިސްޓިއަން ދީނުގެ ޢަޤީދާގެ ދޯހަޅިކަން އަޅުގަނޑަށް ބަޔާންވެ އެނގިއްޖެއެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ ޓްރިނިޓީގެ ޢަޤީދާއަކީ ކޮންމެ ކްރިސްޓިޔަނަކު ވިސްނުމެއް ފިކުރެއްނެތި ކަރަށް ވައްޓާލަންޖެހޭ ދަންޖައްސާމަޅިގަނޑެކެވެ. އެ އޮޅުންބޮޅުން ގަނޑުގެ އެއްވެސް ތަފްސީރެއް ނުވަތަ ޝަރަޙައެއް ލިޔެވިފައިވާ އެއްވެސް ފޮތެއް މިދުނިޔެމަތީގެ އެއްވެސް ތާކު ނެތެވެ.

އެއާ ޚިލާފަށް އިސްލާމް ދީނުގައިވާ އެއްކައުވަންތަ ކަމުގެ ޢަޤީދާއަކީ ބުއްދީގެ ހަމަތަކާއި މަންޠިގީ އުސޫލުތަކަށް ފުރިހަމަޔަށް ފެތިގެންދާ ސާފުތާހިރު އަޤީދާއެކެވެ. އާދެ ﷲ ސުބްޙާނަހޫވަތަޢާލާގެ މަތިވެރި ކަމާއި ކިބްރިޔާވަންތަ ކަމުގެ އެއްވެސް ފަރާތެއް ޝަރީކު ނުކުރުމެވެ. އެކަލާނގެ ރަސްކަންފުޅު ފިޔަވައި އަޅުކަން ކުރަން އެކަށޭނަ އެހެން އެއްވެސް ފަރާތެއްނެތުމެވެ. އެކަލާނގެ ޒާތުފުޅާއި ސިފަފުޅުތަކުގައި އެހެން އެއްވެސް ފަރާތަކާ އެއްފަދަވުމެއް ނެތުމެވެ. محمد صلى الله عليه وسلم އަކީ އެކަލާނގެ އެންމެ ފަހުން ފޮނުއްވި ރަސޫލާއެވެ. އަދި ނަބިއްޔާއެވެ. އަޅުގަނޑުގެ ގާތުގައި އިސްލާމް ދީނާއި ކްރިސްޓިޔަނިޓީއާ ދެމެދުގައިވާ އިމްތިޔާޒަކީ މިއީއެވެ.

ޕްރޮފެސަރ ޚޫރަޝީދު އަޙްމަދު އިސްލާމް ދީނުގެ ތަޢާރުފްގައި ލިޔުއްވާފައިވާ މަޒްމޫނެއްގައި ފާޅުކުރައްވާފައިވާ ޚިލާފުޅަކަށް އަޅުގަނޑު ހިތުގެ އަޑިން ތާޢީދުކުރަމެވެ. ދުނިޔޭގެ ވަރަށް ގިނަ ދީންތަކާއި ނަޒަރިއްޔާތަކުގައި ހަމައެކަނި އެއްފަރާތަކަށް ބުރަވެފައިވަނީ ވަރަށް ބޮޑަށެވެ. ބައެއް ފަރާތްތަކުން މާބޮޑަށް ރޫޙާނިއްޔަތުގެ ފަރާތަށް ސަމާލުކަންދީ މާއްދީކަންތައްތައް ނުވަތަ ދުނިޔަވީ ކަންތައްތައްވަނީ ހަދާންނައްތާލާފައެވެ. އެދީންތަކާ ނަޒަރިއްޔާތަކުގައި ދުނިޔެއާމެދު ބަލާފައިވަނީ ވަހްމީ ތަނެއްކަމުގައެވެ. އިންސާނާގެ ލޮލުގައި އެޅުވިފައިވާ އަނދުނެއްކަމުގައެވެ. އަނެއްކޮޅުން ބައެއް ފަލްސަފާތަކުގައި ވަނީ ހުރިހާ އަޚްލާޤީ އަގުތަކަކާ އިންކާރުކޮށް އެކަންތަކަކީ ޚިޔާލީ ފުލޯކު ވާހަކަ ތަކެއްކަމުގައި ބަޔާންކޮށްފައެވެ. އެނގިވަޑައިގަންނަވާނެ ފަދައިން މިދެގޮތުން ކުރެ ކޮންމެ ގޮތަކީވެސް ޙައްދު ފަހަނަޅާފައިވާ ގޮތެކެވެ. އެއިން ކޮންމެ ގޮތެއްގައިވެސް ވަނީ ގެއްލުމާއި ހަލާކެވެ.

އެ ޚިޔާލުތަކުގެ އަހުލުވެރިންވަނީ އިންސާނިއްޔަތުގެ އަމާންކަމާއި ހިތްހަމަޖެހުމާއި ފުއްދުންތެރިކަން ވިއްސިވިހާލިކޮށް ވީރާނާކޮށްފައެވެ. ހިތާމައަކީ އެތިލަފަތުގެ ދެކޮޅު އެއްވަރުނުވުން މިއަދާ ހަމަޔަށްވެސް ދެމިއޮތްކަމެކެވެ."

އަޅުގަނޑު ފަރަންސޭސި ސައިންޓިސްޓެއް ކަމުގައިވާ ޑޮކްޓަރ ޑީޑޮގްބީއާވެސް އެއްބަސްވަމެވެ.

"މާއްދިއްޔަތަށް އަޅުކަން ކުރުމުގެ މައްޗަށް ބިނާވެފައިވާ ޒަމާނީ ތަހުޒީބުގައި ވަނީ ޙައްދުފަހަނަޅައި ދިއުމާއި، އެއްފަރާތަކަށް ބުރަވުމެވެ. އެއީ އާދަޔާ ޚިލާފު ގެެއްލުން ހުރިކަމެކެވެ. ރޫޙާނީ އަގުތައް ދިރުވުމަށްޓަކައި އެއާ އެއްފެންވަރެއްގައި ޙަރަކާތްތަކެއް ނުހިންގިއްޖެ ނަމަ ދުނިޔެއަށް ކުރިމަތި ލާންޖެހޭނީ ވަރަށް ބިރުވެރި ޙާލަތަކާއެވެ."

ލޯޑްރަސުލް ވިދާޅުވާ ގޮތުގައި ކްރިސްޓިޔަނިޓީވަނީ ޙައްދުފަހަނަޅައި ދިއުމުގެ ސަބަބުން (ރުހްބާނިއްޔަތުގެ ފަރާތަށް ދިއުމުގެ) ކަނޑައެޅިގެން ހުރި ގޯހެއް ހަދައިފައެވެ. އަނެއްކޮޅުން ޒަމާނީ ތަހްޒީބުއޭގެ ހުރިހާ ބުރަދަނެއް ތިލަފަތުގެ އަނެއްކޮޅަށް ލުމުގެ އަނިޔާ ވަނީ ކޮށްފައެވެ. އޭނާ ލިޔުއްވައެވެ.

"އަހަރެމެން ދިރިއުޅުމުގެ ބޭރުފުށުގެ އޮނިގަނޑު ތައްޔާރުކޮށްފައި ވަނީ ރީތިކޮށް އަދި އެހާމެ ފާޑުވެރިކަމާއެކުގައެވެ. ނަމަވެސް އެތެރެފުށުގެ އެންމެ މުހިންމު ބޭނުންތައް ފުރިހަމަކުރުމާ މެދު އަހަރެމެން ވަނީ ފަރުވާކުޑަކޮށްލާފައެވެ. އަހަރެމެން ހެދީ ރީތިޗާލު ބިއްލޫރި ތައްޓެކެވެ. އަހަރެމެން ވަނީ އޭގައި ވަރަށް ރީތިކޮށް ކުރެހުން އަޅައި ޒީނަތްތެރިކޮށްފައެވެ. އެތަށީގެ ބޭރު ސާފުތާހިރުކޮށް ބެހެއްޓުމަށްވެސް އަހަރެމެން ފަރުވާތެރިކަން ބަހައްޓަމުއެވެ. ނަމަވެސް އެތަށީގެ އެތެރޭގައި ހުރި ރަހަމީރު ޒަހަރާ މެދަކު ފަރުވާލެއް ނުބަހައްޓަމުއެވެ. އަހަރެމެން ޢިލްމީ ހުރިހާ ޤާބިލިއްޔަތަކާއި މުލައްދަނޑީގެ ހުރިހާބާރެއް ހޭދަކުރަނީ ހަމައެކަނި ޖިސްމާނީ އަރަމާއި މަޖާ ހޯދުމަށެވެ. ނަމަވެސް ފުރާނަ ގޮވާ ގޮވުންތަކަށް ފަރުވާލެއް ނުބަހައްޓަމުއެވެ. ރޫޙްވަނީ އެކުވެރިޔެއް އެހީތެރިއެއް ނެތިދޫކޮށްލާފައެވެ."

މިއާ ޚިލާފަށް، އިންސާނާގެ ދިރިއުޅުމަށް އިސްލާމްދީން ދައްކާފައިވަނީ މެދުމިނުގެ ގޮތެކެވެ. އެއްވެސް އަތަކަށް ބުރަވެފައިނެތް ޢަމަލީ ތާވަލެކެވެ. އިސްލާމްދީންވަނީ މާއްދިއްޔަތާއި ރޫޙާނިއްޔަތުގެ ތިލަފަތުގެ ދެކޮޅު އެއްވަރުކޮށްފައެވެ. އެދެބައިންކުރެ އެއްބައެއްވެސް ހަނދާން ނައްތާލާފައެއް ނުވެއެވެ. އިސްލާމްގެ މާނައަކީ ކިޔަމަންތެރިކަމެވެ. މާތް ﷲ އަށް ކިޔަމަންތެރިވެ ބޯލެނބުމެވެ. އެކަލާނގެ ކަނޑައަޅުއްވައިފައިވާ ޤާނޫނުތަކަށް ތަބާވުމެވެ. އެކަލާނގެ ޚަލްޤްތަކުންނަށް ހެވާއި ލާބަ އެދުމެވެ. މުޖްތަމަޢުގެ ފައިދާއަށާއި، މުޖްތަމަޢުގެ އިސްލާޙަށް ވިސްނުމެވެ.

ކްރިސްޓިޔަނިޓީއާއި، މިޒަމާނުގެ ތަހުޒީބާއި، އިސްލާމްދީން އަޅާބެލުމުގެ ގޮތުން ދިރާސާކުރުމުން އަޅުގަނޑުގެ ހިތަށް ހަމަޖެހުން ލިބިއްޖެއެވެ. އަޅުގަނޑުހިތުގެ އެންމެ އަޑިން އިސްލާމްދީން ޤަބޫލްކޮށްފީމެވެ. ތެދުވެރި މުސްލިމެއްގެ ގޮތުގައި އިސްލާމީ ޤާނޫނަށް ބޯލަނބައި ތަބާވެއްޖެއީމެވެ.

އިސްލާމްދީން އަޅުގަނޑަށް ދަސްކޮށްދީފައިވަނީ، ނިކަމެތީންނަށާއި ފަޤީރުންނަށް އެހީފޯރުވުމަށެވެ. އެބައިމީހުންގެ ބޭނުންތަކާމެދު ވިސްނުމަށެވެ. އެކަމުގައި ފަރުވާ ކުޑަނުކުރުމަށެވެ. އަޅުގަނޑުދެކެނީ އަޅުގަނޑަކީ އިންތިހާދަރަޖައިގެ ނަސީބުވެރިއެއް ކަމުގައެވެ. އެކަލާނގެ އަޅުގަނޑަށް ދެއްވި ދެއްވުންތަކާ މެދު އަޅުގަނޑު މިހިރީ ރުހިގެންނެވެ. އެދެއްވުންތަކުން ފުއްދައިގެންނެވެ. އެއީ ރެއާއި ދުވާލު އަޅުގަނޑުގެ މައްޗަށް އޮއްސަވަމުންގެންދަވާ ދަރުމަވަންތަ ކަމެވެ. އެކަލާނގެ ދީލަތިވަންތަ ކަމަށާއި އޯގާވަންތަކަމަށް އަޅުގަނޑު ޝުކުރުވެރިވަމެވެ. މިފިތުނަ ފަސާދައާއި ތަޅާފޮޅުންތަކުން ފުރިފައިވާ ދައުރުގައި އަޅުގަނޑު ބޭނުންވަނީ ހަމައެކަނި އެކަލާނގެ ދެއްވާ މަދަދެވެ. އަޅުގަނޑު އެކަލާނގެ ހަޟުރަތަށް ދުޢާކުރަނީ ކެތްތެރިކަމާއި ހިފެހެއްޓުންތެރިކަމާއި، ލޯބިދެއްވުންއެދިއެވެ. ޞުލްޙަ މަސަލަސްކަން އާއްމުވެފައިވާ ދުނިޔެއެއް ބިނާކުރުމަށެވެ.

އަޅުގަނޑު ފާހަގަކޮށްލާން ބޭނުންވާ އަނެއް ކަމަކީ ކީރިތިޤުރްއާނުގައި ގޮވާލައްވާފައިވާ އެތައްކަމެއް މިހާރުގެ ބައިބަލްވެސް ތަސްދީޤުކޮށްދޭކަމެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ މާތްﷲއަށް ބޯލަނބައި ކިޔަމަންވުމެވެ. މީހުންގެ މެދުގައި އޮންނަންޖެހޭ އެއްބަނޑުއެއްބަފާކަމާއި، ހަމަހަމަކަމެވެ. މަރުވުމަށްފަހު އަލުން ފޮނުއްވޭނޭ ކަމަށާއި، މަޙްޝަރު ދުވަހަށް އީމާންވާންޖެހޭޖެހުމެވެ. އެހެންކަމުން އަޅުގަނޑު ދެކޭގޮތުގައި ސަލާމްލެއްވި ޢީސާގެ ފާނުގެ މައްޗަށް ހަޤީޤީ މާނައިގައި އަޅުގަނޑަށް އީމާންވެވުނީ އަޅުގަނޑު އިސްލާމްދީން ޤަބޫލުކުރުމުންނެވެ. ކްރިސްޓިއަނެއްގެ ނަމުގައި ހުރިއިރަކުނޫނެވެ.

ދެން އަޅުގަނޑު މިބަޔާންކުރަނީ އިސްލާމްދީނަށް އަޅުގަނޑުގެ ހިތް ލަނބާލި ސަބަބުތަކުގެ ކުރު ޚުލާސާއެކެވެ.

  1. އިސްލާމްދީނަކީ ކްރިސްޓިޔަންދީނާ އަޅާ ބަލާއިރު ބުއްދީގެ ހަމަތަކަށް މާބޮޑަށް ފެތޭ، ވިސްނައިގަތުން ފަސޭހަ މަންޠިޤީހަމަތަކާ އެއްގޮތް، އަމަލު ކުރުމުގައި އެއްވެސް ދައްޗެއްނެތް، ސާދާދީނެކެވެ.
  2. އިސްލާމީ އަޅުކަމުގައި މާތްﷲ އާއި އިންސާނާއާ ސީދާ ގުޅުވައިދެއެވެ.
  3. އިސްލާމް ދީނުގައި މާތްﷲ ގެ ތަޞައްވުރު ވަނީ އެކަލާނގެ ޒާތުފުޅާ އެކަށޭނަ މަތިވެރި ގޮތެއްގައެވެ.
  4. އިސްލާމީ އަޅުކަމުގައި ދިރުން ހުރުމާއި ފުރިހަމަވުމުގެ އިޙްސާސް އެކުލެވިފައިވެއެވެ. އެއީ ކްރިސްޓިޔަން އަޅުކަން ފަދައިންފުރިހަމަނުވާ ކަންތައްތަކެއް ނޫނެވެ.
  5. ކީރިތި ޤުރްއާން އުނގަންނައި ދޭގޮތުގައި އިސްވެދިޔަ ހުރިހާ ސަމާވީ ފޮތްތަކަކީ މާތްﷲ ބާވައިލެއްވި މުގައްދަސް ފޮތްތަކެއްކަމުގައި މުސްލިމުން ޤަބޫލުކުރެއެވެ. (މިހާރު އެފޮތްތައް ވަނީ ބަދަލުކޮށްފައެވެ.) ކީރިތި ޤުރްއާންވަނީ އެއްވެސް ކަހަލަ ބަދަލެއް ނައިސް އެފޮތްބާވާލެއްވި ގޮތަށް ރައްކާތެރި ކުރެވިގެންނެވެ. އިސްވެދިޔަ ރަސޫލުންނާ އެބޭކަލުންނަށް ބާވާލެއްވި ފޮތްތައް ތަސްދީޤުު ކޮށްކޮށެވެ.

--------------------------------------------------------

ނޯޓު: މިއީ 1998 ވަނަ އަހަރު އަބްދުﷲ ފާރޫޤް ޙަސަން ލިޔުއްވާފައިވާ ފޮތް "އަހަރެމެން ޚިޔާރުކުރީ އިސްލާމް ދީން"އިން ނަގާފައިވާ ލިޔުމެކެވެ.

comment ކޮމެންޓް