ގާނޫނާ ޚިލާފަށް ބާއްވާ ޕްރައިމަރީތައް ހުއްޓުވާނަން: އިލެކްޝަންސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފުރާހު

ސިޔާސީ ޕާޓީތަކުން ބާއްވާ ރިޔާސީ ޕްރައިމަރީ ތަކަކީ ގާނޫނާއި ގަވައިދާ ޚިލާފަށް ބާއްވާ ޕްރައިމަރީތަކެއް ނަމަ އެ ޕްރައިމަރީތައް ހުއްޓުވާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަދި އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް މިއަދު "ސަން" އަށް ވިދާޅުވީ ސިޔާސީ ޕާޓީތަކުން ބާއްވާ ޕްރައިމަރީތައް ވާންޖެހޭނީ ގާނޫނާ އެއްގޮތަށް ބާއްވާ ޕްރައިމަރީތަކަކަށް ކަމަށެވެ.

އެހެންކަމުން އެއްވެސް ސިޔާސީ ޕާޓީއަކުން ގާނޫނާ ޚިލާފަށް ޕްރައިމަރީއެއް ބާއްވާނަމަ އެ ކޮމިޝަނުން އެކަން ހުއްޓުވާނެ ކަމަށް އަކުރަމް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ޕާޓީތަކުގެ އެތެރޭގައި ޕްރައިމަރީއެއް ބާއްވާނަމަ ސިޔާސީ ޕާޓީގެ އަސާސީ ގަވާއިދުގައި ނުވަތަ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތަށް އަމަލު ކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އެ ކޮމިޝަނުން ބުނެފައިވަނީ ސިޔާސީ ޕާޓީގެ ގާނޫނާއި ގަވާއިދު ނުވަތަ އެނޫންވެސް ގާނޫނަކާއި ނުވަތަ ގަވާއިދަކާ ޚިލާފަށް ޕްރައިމަރީ ނުބޭއްވޭނެ ކަމަށެވެ.

ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ޝަރުތު ހަމަވާ ހުރިހާ މީހުންނަށް ވެސް ލިބެންޖެހޭނެ ކަމަށާއި ޕްރައިމަރީގެ ވޯޓުލުން ހަމަހަމަ ކަމާއި ދެފުށް ފެންނަ ގޮތައް ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

ސިޔާސީ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވާ ކެންޑިޑޭޓުންނަކީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންވީ ޝަރުތުތައް ފުރިހަމަވާ މީހެއްކަމުގައި ކަށަވަރު ކުރަން ޖެހޭނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުން މިހެން ބުނެފައިވާއިރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފޯމް ހުށަހަޅުއްވާފައެވެ. އަދި ޕްރައިމަރީއަށް ކުރިމަތިލާން އޮތް މުއްދަތު ހަމަވިއިރު އެ ޕްރައިމަރީގައި ވާދަ ކުރައްވަން ފޯމު ހުށަހެޅުއްވީ އެމަނިކުފާނު އެކަންޏެވެ.

ރައީސް ނަޝީދު ޕްރައިމަރީގައި ބައިވެރިވުމަށް ފޯމް ހުށައަޅުއްވާފައިވާއިރު ޖަލުތަކާއި ޕެރޯލް ގަނޫނުގެ 63 ވަނަ މާއްދާގައި ބުނެފައިވަނީ ސިޔާސީ ޕާޓީތަކާއި ޖަމްއިއްޔާ ޖަމާއަތްތަކުގެ މެމްބަރެއްގެ ގޮތުގައި ނިސްބަތްވުން ފިޔަވައި އެތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ހުކުމް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދު ކޮށްފައި ހުންނަ މުއްދަތުގައި ލިބިގެން ނުވާ ކަމަށެވެ.

މި މައްދާއަށް ބަލާއިރު ރައީސް ނަޝީދު ހުންނެވީ 13 އަހަރު ދުވަހުގެ ޖަލު ހުކުމެއްގައެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވާ އުސޫލަށް ބަލާއިރު އެމަނިކުފާނަށް ޕްރައިމަރީގައިވެސް ވާދަ ނުކުރެވޭނެ ކަމަށް ގާނޫނީ ވަކީލުން ވިދާޅުވެއެވެ.

comment ކޮމެންޓް