އަހަރެމެން ޚިޔާރުކުރީ އިސްލާމް ދީން: އެޗް. އެފް. ފެލޯޒް

އަޅުގަނޑުގެ ޙަޔާތުގެ ގިނަދުވަސްތައް ހޭދަކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ޝާހީކަނޑުގެ ބާރުގައި ހިމެނޭ މީހެއްގެ ގޮތުގައެވެ. މިގޮތުން 1914 އާއި 1939 ގެ ބޮޑު ހަނގުރާމައިގައިވެސް އަޅުގަނޑު އިނގިރޭސިވިލާތަށް ޢަސްކަރީ ޚިދުމަތް ކުރީމެވެ.

ކަނޑަކީ ވިހިވަނަ ޤަރުނުގެ ޓެކްނޮލޮޖީގެ ޙައިރާން ކުރުވަނިވި ތަރައްގީއާއި ފަންނީ ކުޅަދާނަކަމާ އެކުވެސް ފިޠުރަތުގެ މަތިވެރި އާރާއި ބާރުގެ ނިހާޔަތެއް ނެތްކަން ހާމަވަމުންދާ މައިދާނެކެވެ. ކަނޑުމަތީގައި ކުރިމަތިލާންޖެހޭ ގަދަވަޔާއި ވިއްސާރައިގެ ތޫފާނާއި "ހުދުފޮށާއަޅައިގެން ތެދުވާ" ރުޅިވެރި ބިޔަ ރާޅުތަކަކީ އޭގެއެންމެ އާދައިގެ މިސާލުތަކެވެ. ހަނގުރާމައިގެ ދުވަސްވަރު ކަނޑުމަތީގައި ދިމާވާ ދަންނަވަންވެސް ނޭނގޭފަދަ ނުރައްކާތައް، ކަނޑުމަތީގައި ކުރިމަތިލާންޖެހޭ ބިރުވެރިކަން އެތައް ގުނަޔަކަށް އިތުރުކޮށްދެއެވެ.

ބިރުވެރިކަމާއި ނުރައްކާތެރިކަމުން ފުރިގެންވާ ކޮންމެ ހާދިޘާއެއް ކުރިމަތިވުމާއިއެކު އަޅުގަނޑުގެ ހިތަށް ބޭއިޚްތިޔާރުގައިވެސް އިޙްސާސް ވާންފަށަނީ އެންމެ ފަރާތެކެވެ. ހިތުގެ އެންމެ ފުނުން އުފެދޭ އާދޭހުގެ ރާޅުތައް މިސްރާބުޖަހާ އައްސޭރިޔަކީ އެއްވެސް ބައިވެރިޔަކު ވުމުން ހުސްދުރުވެވޮޑިގެންވާ އެއްކައުވަންތަ ފަރާތެވެ.

ނަމަވެސް ކްރިސްޓިޔަން ޢާއިލާއެއްގައި ދުނިޔެއަށް އައިސްފައިވާތީ، އަޅުގަނޑަށް ދަސްކޮށްދީފައިވަނީ ދުނިޔޭގެ ނިޒާމް ޤާއިމްވެފައިވަނީ ޓްރިނިޓީގެ މައްޗަށް ކަމަށެވެ. އާދެ ބައްޕަޔާއި، ދަރިފުޅާއި ރޫޙުލްގުދްސްގެެ މައްޗަށް ކަމަށެވެ. ނަމަވެސް އެ ހެއްވާ ފޯމިއުލާ ގަބޫލުކުރާކަށް އަޅުގަނޑުގެ ޒަމީރު އެއްބަހެއްނުވެއެވެ. މިމޭރުމުން އިތުރަށް ޚިޔާލު ކޮށްލުމުން ވިސްނައި ނުގަނެވޭފަދަ އެތައްކަމެއް ކްރިސްޓިޔަން ދީނިގައު ވާކަން އެނގިއްޖެއެވެ.

މިސާލެއްގެ ގޮތުން ދަންނަވާނަމަ ކައްފާރާގެ ފަލްސަފާއަކީވެސް އަޅުގަނޑަށް ގަބޫލުނުކުރެވުނު އެއްޗެކެވެ. އަޅުގަނޑުގެ ހިތަށް އެރިއެވެ. ދުނިޔެމަތީގައި އަޅުގަނޑުމެންނަށް ކުރެވޭ ކުށުގެ މަސްއޫލިއްޔަތު އަޅުގަނޑުމެން އަމިއްލަޔަށް އުފުލަންޖެހޭއިރު، ހަމަމިދުނިޔޭގައި އަޅުގަނޑޫމެން ކުރާ ފާފައިގެ އަޒާބުން ޤިޔާމަތްދުވަހު އަޅުގަނޑުމެން ސަލާމަތްވަނީ ޖީސަސްކްރައިސްޓް މިދުނިޔޭގައި ހުންނަވައި އޭގެ ކައްފާރާ ދެއްވައިފައި ވާތީ ކަމުގައި ހިމެނޭނީ ކޮންގޮތަކުންހެއްޔެވެ؟

އަޅުގަނޑަށް އެއްގޮތަކަށްވެސް ގަބޫލުނުކުރެވުނު އަނެއް ޚިޔާލަކީ އިންސާނާ ދުނިޔެއަށް އަންނަނީ ފާފަވެރިޔެއްގެ ގޮތުގައި ކަމަށް ބަޔާންކުރާ ތިޔަރީއެވެ. އެެހެނީ އާއްމުކޮށް ފެންނަފެނުން ވަނީ އޭގެ ދިމާއިދިކޮޅަށެވެ. އަޅުގަނޑުގެ ކޮންމެދުވަހެއްގެ ދިރިއުޅުމުގައި އަޅުގަނޑު ދެކެނީ، އާދައިގެ މިޒާޖުގެ މީހުން ނުވަތަ ހައްދު ފަހަނަޅައިފައި ނުވާ ކޮންމެމީހަކު އަނެކުންނަށް ހެވާއި ލާބަ އެދޭތީއެވެ. ޢާއްމުގޮތެއްގައި ޒުވާނުންވެސް އެބައިމީހުންނަށް ފެނިދެނިވާ މީހުންނަށާއި އަވަށްޓެރީންނަށް އުފަލާއެކު އެހީތެރިވެދޭތީއެވެ.

ކުޑަކުދީންނާމެދު ވިސްނާއިރުވެސް ހެޔޮލަފާ މައިންބަފައިންގެ ދަރިން ތަޖުރިބާކާރު، އެދުރުންގެ އަތްމަތީގައި ތަރުބިއްޔަތުވާތަން ފެންނަނީ ރީތިއާދަކާދަތަކާ އެކުގައެވެ. މިގޮތުން ބަލާއިރު ކޮންމެމީހަކުމެ ދުނިޔެއަށް އަންނަނީ ކުށްވެރިއެއްގެ ގޮތުގައި ނުވަތަ ފާފަވެރިއެއްގެ ގޮތުގައި ކަމުގައި ކަނޑައެޅުމަކީ އިންސާނިއްޔަތާމެދުގައި ބުނެވޭ ކުޑައިމީސް ބަހެކެވެ. އިހާނެތިކޮށް ހިތުމެކެވެ.

މިދެންނެވި ޚިޔާލުތަކާއި ކްރިސްޓިޔަން ދީނާއިމެދު އުފެދިފައިވާ ޝައްކުތައް އަޅުގަނޑުގެ ސިކުނޑީގައި ވަނީ ވަރުގަދަޔަކަށް އަށަގެންފައެވެ. ހަދާނެ އެއްވެސްގޮތެއް އަޅުގަނޑުގެ ވިސްނުމަކަށް ނުގެނެވުނެވެ. ކްރިސްޓިޔަންދީނުގައި ވަނީ އެއްވާހަކައެއް އަނެއްވާހަޔަކާ އަރާރުންވާ ބަޔާންތަކެކެވެ. މިސާލެއްގެ ގޮތުން ދަންނަވަމެވެ.

ސަލާމްސެއްވި ޢީސާގެފާނު އަންގަވައިފައިވަނީ، ސަލާމްލެއްވި މޫސާގެފާނަށް މާތްﷲ ޠޫރިސީނާގައި ބާވައިލެއްވި ދިހަ އަމުރުފުޅަށް ފުރިހަމަޔަށް ކިޔަމަންވުމަށެވެ. އޭގެ ތެރެއިން އެންމެފުރަތަމަ އަމުރުފުޅުގައި ވަނީ "ތިމަންރަސްކަލާނގެއީ ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެއެވެ. ތިޔަވައިމީހުންގެ ކަލާނގެއެވެ. ތިމަން ރަސްކަލާނގެ ފިޔަވައި އެހެން ފަރާތެއް ތިޔަބައިމީހުން އަޅުކަންކުރާ ފަރާތެއް ކަމުގައި ނަހަދާހުށިކަމެވެ!" މިފަދައިންނެވެ. ނަމަވެސް ކްރިސްޓިޔަނުން ތިންކަލަކަށް އަޅުކަން ކުރަމުން ގެންދެއެވެ.

ދެވަނަ އަމުރުފުޅު ފެށެނީ އަންނަނިވި އިބާރާތުންނެވެ. "ތިޔަބައިމީހުން ތިޔަބައިމީހުންނަށްޓަކައި އެއްވެސް ބުދެއް ނަހަދާށެވެ. އަދި ބުދެއްގެ ކުރިމަތީގައި ސަޖިދަވެސް ނުކުރާށެވެ،" ނަމަވެސް ކްރިސްޓިޔަނުން އުޅެނީ މަރިޔަމުގެފާނާއި އީސާގެފާނުގެ ބުދު ހަދައިގެންނެވެ. ފާޅުގައި ގެންދަނީ އެބުދުތަކަށް އަޅުކަންކުރަމުންނެވެ.

އިތުރަށް ތަޙްޤީޤުކުރުމުން އަޅުގަނޑަށް އެނގުނީ މާރޓިން ލޫތަރ ރޯމަން ކެތަލިކް ޗާރޗާ ދެކޮޅަށް ބަޣާވާތް ކުރައްވައި ކްރިސްޓިޔަން ދީނުގައި ހިމެނޭ ކުފުރުގެ އެތައް އާދަކާދަތަކެއް އުވާލެއްވިކަމެވެ. އެވަރުންވެސް އެދީނުގައިވާ ބާތިލްއެތަކެއް އަޤީދާތަކެއް އަދިވެސް އިސްލާޙުނުވެ ހުރީއެވެ. ކްރިސްޓިޔަން ދީނުގެ އަނެއް މަޒްހަބުކަމުގައިވާ ޕްރޮޓެސްޓަންޓް މަޒްހަބުގައިވެސް އެފަދަ އެތަކެއް އަޤީދާތަކެއް އެބަހުއްޓެވެ.

ތާރީޚް ދިރާސާކުރާން ފެށުމުން އަޅުގަނޑު ހިތްދަތިކުރުވި ސުވާލުތަކަކީ، ސަލާމްލެއްވި އީސާގެފާނުގެ ހަޔާތްޕުޅުން ނުވަތަ އެކަލޭގެފާނު ދުނިޔެއިން ވަކިވެވަޑައިގަތުމުން ފަލަސްތީނުގެ ޔަހޫދީންގެ މައްޗަށް ނުވަތަ ރޯމަނުންގެ މައްޗަށް ނުވަތަ އާއްމުންގެ މައްޗަށް އެއްވެސް ކުއްލި އަސަރެއް ނުފޯރީ ކީއްވެގެންބާވައެވެ؟ އެކަލޭގެފާނުގެ ހަޔާތްޕުޅާބެހޭ ތަފްސީލުތައް ތާރީކުން އޮޅުންފިލާން ނެތީ ކީއްވެގެންބާވައެވެ؟ ކްރިސްޓިޔަން ސްކޫލުތަކުގައި ބައިބަލްގެ ޅެންތަކާއި މަދަޙަތައް ކިޔަވައިދޭއިރު ސަލާމްލެއްވި ޢީސާގެފާނުގެ ޙަޔާތްޕުޅުގެ މައްޗަށް އެއްވެސް އަލިކަމެއް ނާޅުވައި ސިއްރުކޮށްފައި ބާއްވަނީ ކީއްވެގެންބާވައެވެ؟ މިސުވާލުތަކެވެ. ހަމައެފަދައިން ކްރިސްޓިޔަނިޓީ ފެތުރިފައިވަނީ އީސާގެފާނު ދުނިޔެއިން ވަކިވެވަޑައިގަތުމުގެ އެތައް ޤަރުނެއްގެ ފަހުން ކަމީވެސް ހަނދާން ނައްތާލެވެންނެތް ކަމެކެވެ.

އިސްވެ ދެންނެވި ދީނީ ޚިޔާލުތަކާއި އެކު 1919 އިން 1923 އަށް އަޅުގަނޑަށް މަސައްކަތް ކުރަންޖެހުނީ ތުރުކީގެ ކަނޑުގެ ސަރަހައްދުގައި އުޅުނު އުޅަނދުތަކުގައެވެ. އަޅުގަނޑަށް އެންމެ ފުރަތަމަ މުސްލިމުންނާ ތައާރުފް ވެވުނީ އެދުވަސްވަރުއެވެ. ނަތީޖާއެއްގެ ގޮތުން އަޅުގަނޑު އިސްލާމްދީން މުތާލިއާ ކުރާހިތްވެއްޖެއެވެ. ޚާއްސަކޮށް އަޅުގަނޑަށް ސަމާލުކަން ދެވުނީ "މާތްﷲ ފިޔަވައި އެހެން އިލާކަކު ނުވެއެވެ. މުހައްމަދުގެފާނަކީ އެކަލާނގެ ރަސޫލާއެވެ،" މިޖުމްލައިގެ މައްޗަށެވެ.

އަޅުގަނޑު އިސްލާމް ދީނާބެހޭ ފޮތްތައް ގެންފީމެވެ. އޭގެތެރެއިން ގިނަ ފޮތްތަކަކީ އިސްލާމްދީނާމެދު ވަރަށް ބޮޑަށް ތައައްސުބާއެކު ލިޔެފައިހުރި ފޮތްތަކެވެ. ހަމައެއާއެކު ވޭތުވެދިޔަ ތިން ގަރުނުގައި އުޘްމާނީ ޚަލީފާއިން ޔޫރަޕާމެދު އަމަލުކުރައްވަމުން ގެންދަވާފައިވާ ގޮތާއި ތުރުކީގެ ބޮޑުންނާއި، ސިޔާސީ ޒަޢީމުންގެ ޝަޚްސިއްޔަތާއި އަޚްލާޤް ހުންނަގޮތުން އަޅުގަނޑުގެ ހިތުގައި އިސްލާމްދީނާއިމެދު އުފެދުނު ޖޯޝް ފިނިކޮށްފިއެވެ. އެހެންކަމުން އަޅުގަނޑު އިސްލާމްދީން އުނގެނުން ހުއްޓާލައިފީމެވެ. ނަމަވެސް ކަލާނގެ ރަސްކަންފުޅާމެދު އަޅުގަނޑުގެ ހިތުގައި ގުޅުންއޮވެއެވެ. ނޭނގޭގުޅުމެކެވެ.

މިގޮތުގައި އަނެއްކާވެސް އަހަރެއްހާދުވަސް ހޭދަވުމަށްފަހު އަޅުގަނޑު ދެވަނަފަހަރަށް އިސްލާމްދީން ދިރާސާކުރާން ފަށައިފީމެވެ. އެފަހަރު އަޅުގަނޑު އިސްލާމިކް މިޝަނަކާ ސީދާ ގުޅައިފީމެވެ. އެތަނުން މުސްލިމް މުސަންނިފުން ލިޔެފައިހުރި ފޮތްތައް ފޮނުވައިދިނެވެ. އެފޮތްތައް ބެލުމުން ހުޅަނގުގެ އިލްމުވެރީންގެ އިލްމީ ތެދުވެރިކަން ހުރި މިންވަރުގެ ހަގީގަތް އަޅުގަނޑަށް ސާބިތުވިއެވެ. އިސްލާމްދީނާމެދު ކުށްހީތައް ކުރުވައި މީހުންގެ ހިތް ނުބައި ކުރުވުމަށް ޔޫރަޕްގެ މުސައްނިފުން ލިޔެފައި ހުރި ދޮގު ވާހަކަތައް ސާބިތުވުމުން އަޅުގަނޑު ވަރަށް ދެރަވިއެވެ. ހައިރާންވެސް ވިއެވެ. އިބާރާތްތައް ކަނޑައި ބުރިކޮށް މާނަތައް އޮޅުވައިލައި އެބައިމީހުންގެ ހިތަށްއެރި މާނައެއް ބަޔާންކުރުމަކީ ޔޫރަޕްގެ މުސައްނިފުން މާކުރާހިތްވާ ކަމަކަށް ވަނީކަހަލައެވެ. އިސްލާމްދީނާ ދެކޮޅަށް ޔޫރަޕް ހަތިޔާރު ނަގައިގެން އުޅެނީ ކީއްވެގެންކަންވެސް އަޅުގަނޑަށް ވިސްނިއްޖެއެވެ.

ސަބަބަކީ އިސްލާމްދީން އަލުން ފެތުރެމުންދާކަމެވެ. މިޒަމާނުގެ ސައިންސީ އަދި ތާރީޚީ ބޭނުންތަކާ އެއްގޮތަށް، އިސްލާމްދީނުގެ އަސްލުގޮތުގައި އެދީން ދުނިޔެއަށް ދެއްކުމަށް ރޭވުންތެރިގޮތެއްގައި ފުރިހަމަޔަށް ކުރެވޭ މަސައްކަތް އިތުރުވަމުންދާކަމެވެ. މިޒަމާނުގައި ބޭނުންތަކަށް ފުދޭގޮތަށް އިންސާނިއްޔަތަށް މަގު ދެއްކުމުގެ އެކަށޭނަކަން ލިބިފައިވަނީ ހަމައެކަނި އިސްލާމްދީނަށްކަން ސާބިތުވަމުންދާކަމެވެ.

އިސްލާމްދީން ފިޔަވައި އެހެނިހެން ދީންތަކާއި ނަޒަރިއްޔާތަކުގެ ދެކޮޅުނުޖެހޭކަން މިހާރުވަނީ ސާބިތުވެފައެވެ. މިޒަމާނުގެ މައްސަލަތަކާއި ވިސްނުމާއި ޚިޔާލުގެ އޮޅުންބޮޅުންތަކުގެ ތެރެއިން އިންސާނުންނަށް މަގުދެއްކުމުގެ އެކަށޭނަކަން އެދީންތަކުގައި ނެތްކަންވަނީ ބަޔާންވެފައެވެ. ކުރުކޮށްލަމުން ދަންނަވަމެވެ. އިސްލާމްދީނުގެ ޒަރީޢާއިން އަޅުގަނޑަށް ވަނީ ދީނާމެދު އަޅުގަނޑުގެ ހިތުގައި އުފެދުނު ހުރިހާ ސުވާލުތަކުގެ ޖަވާބު ލިބިފައެވެ. އަޅުގަނޑަށް ވަނީހިތްހަމަ ޖެހުމުގެ ނިޢުމަތް ލިބިފައެވެ. އަޅުގަނޑު އިސްލާމްވެއްޖައީމެވެ. އަޅުގަނޑުގެ ދަޢުވާއަކީ ފިކުރީގޮތުންނާއި، ޢަމަލީގޮތުން ފުރިހަމަދީނަކީ ހަމައެކަނި އިސްލާމްދީންކަމެވެ. އިންސާނާގެ ޚާލިޤުވަންތަ މާތް ﷲގެ ޙަޟުރަތަށް އޭނާ ވާސިލްކޮށްދޭ ސީދާވެގެންވާ ތެދުމަގަކީ އެމާތްދީންކަމެވެ.

--------------------------------------------------------

ނޯޓު: މިއީ 1998 ވަނަ އަހަރު އަބްދުﷲ ފާރޫޤް ޙަސަން ލިޔުއްވާފައިވާ ފޮތް "އަހަރެމެން ޚިޔާރުކުރީ އިސްލާމް ދީން"އިން ނަގާފައިވާ ލިޔުމެކެވެ.

comment ކޮމެންޓް