ޔުނައިޓެޑް ބަލިކޮށް، ޗެލްސީން އަށްވަނަ ފަހަރަށް އެފްއޭ ކަޕްގެ ތަށި އުފުލާލައިފި

ޗެލްސީން އެފްއޭ ކަޕްގެ ތަށި އުފުލާލަނީ: ފައިނަލުގައި ޗެލްސީން ޔުނައިޓެޑް ބަލިކުރީ 1-0ގެ ނަތީޖާއަކުން -- ފޮޓޯ/ އޭޕީ

މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް، ޗެލްސީން އަށްވަނަ ފަހަރަށް އެފްއޭ ކަޕްގެ ތަށި އުފުލާލައިފިއެވެ.

ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު އެފްއޭ ކަޕްގެ ފައިނަލުގައި ޔުނައިޓެޑްގެ މައްޗަށް ޗެލްސީން ކުރި ހޯދީ 1-0ގެ ނަތީޖާއަކުންނެވެ.

ޗެލްސީން އަށްވަނަ ފަހަރަށް އެފްއޭ ކަޕްގެ ތަށި އުފުލާލި އިރު، މިއީ 2012 ވަނަ އަހަރަށްފަހު އެޓީމުން އެފްއޭ ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މިދިޔަ ސީޒަނުގެ އެފްއޭ ކަޕްގެ ފައިނަލުގައި ޗެލްސީ ބަލިވީ އާސެނަލް އަތުންނެވެ. ޗެލްސީ އަތުން ބަލިވި، ޔުނައިޓެޑަށް މިސީޒަން ނިންމާލަން ޖެހުނީ ކާމިޔާބީއެއް ނުލިބިއެވެ.

މިރޭގެ މެޗުގެ ކުރީކޮޅުގައި ޗެލްސީގެ ފަރާތުން ނުރައްކާތެރި ކުޅުމެއް ފެނިގެންދިޔައެވެ. އެގޮތުން މެޗުގެ ނުވަވަނަ މިނެޓުގައި ޗެލްސީގެ ބެލްޖިއަމް ތަރި އެޑެން ހަޒާޑަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ޔުނައިޓެޑްގެ ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ، ޔުނައިޓެޑްގެ ސްޕެއިން ގޯލްކީޕަރު ޑޭވިޑް ޑެހެއާއެވެ.

ޗެލްސީން ލީޑު ހޯދީ މެޗުގެ 22 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ޗެލްސީއަށް އެ ޕެނަލްޓީ ލިބުނީ ޔުނައިޓެޑްގެ ޕެނަލްޓީ އޭރިއާ ތެރެއިން ހަޒާޑަށް ފިލް ޖޯންސް ކުރި ފައުލަކާ ގުޅިގެންނެވެ. ޗެލްސީއަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ހަޒާޑެވެ. މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެއް ނުވެއެވެ.

މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑުން ވަނީ ޗެލްސީގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން ޔުނައިޓެޑުގެ މާކަސް ރަޝްފާޑާއި ޖޯން އަދި ނަމެންޔާ މަޓިޗް، ފޮނުވާލި ހަމަލާތައް ފާހަގަކޮށްލެވެއެވެ. އެ ހަމަލާތަކުގެ ހުރަހަކަށްވީ ޗެލްސީގެ ބެލްޖިއަމް ގޯލްކީޕަރު ތިބައުޓް ކޯޓުވާއެވެ.

ދެވަނަ ހާފުގައި ޗެލްސީއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތަކީ މެޗުގެ 70 ވަނަ މިނެޓުގައި މާކޮސް އަލޮންސޯއަށް ލިބުނު ފުރުސަތެވެ. އެންގޯލޯ ކަންޓޭ ކުރިއަށް ޖެހި ޕެނަލްޓީ އޭރިއާ ތެރެއިން ދިން ބޯޅައިން އަލޮންސޯ ފޮނުވާލި ހަމަލާ، ޔުނައިޓެޑުގެ ކީޕަރު ޑެހެއާ ވަނީ ދިފާއުކޮށްފައެވެ.

comment ކޮމެންޓް