ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގި ލާއިންސާނީ އަމަލުތައް މިނިވަން ކޮމިޝަނަކުން ބަލައި ތަހުގީގެއް ކުރުމަށް އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނުން ނިންމި ނިންމުމަށް ރާއްޖެއިން ތާއީދު ކޮށްފި އެވެ.
ބައިނަލްއަގްވާމީ އުސޫލުތަކާ ވެސް ހިލާފަށް ފަލަސްތީނުގެ ސަރަހައްދު ތަކުގައި އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތަކުގެ މައްސަލާގައި ބޭއްވި ހާއްސަ ސެޝަންގައި ޖެނީވާގައި ހުންނަ އދ. އޮފީހަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، ޑރ. ހާލާ ހަމީދު ވިދާޅުވީ، އެއްވެސް ހަތިޔާރެއް ނެތް ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ދޭ ހަމަލާތައް ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
ހާލާއާ ހަވާލާދީ ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި ބުނެފައިވަނީ، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްގެން މިދިޔަ ހޯމަ ދުވަހު ޣައްޒާ ބޯޑަރު ކައިރީގައި އިޒްރޭލުން ހިންގި ގަތުލުއާންމު މުޅި ދުނިޔެ ހެކިވާ ކަމަށެވެ.
އަދި އިޒްރޭލުން ހިންގި އިންސާނިއްޔަތުކަމެއް ނެތް އަނިޔާވެރި އަމަލުތަކުގެ ސަބަބުން މަރުވެގެންދިޔަ ފަލަސްތީން ރައްޔިތުންގެ އާއިލާތަކަށް ރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ހާލާ ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.
އދ. ގެ ހާއްސަ ސެޝަންގައި ދިވެހި ދައުލަތުގެ ފަރާތުން ހާލާ އިއްވެވި ބަޔާނުގައި އިތުރަށް ވިދާޅުވީ، އިޒްރޭލުން ވެރިވެގަނެފައިވާ ފަލަސްތީނުގެ ބިންތަކުގައާއި އިރުމަތީ ގުދުސްގައި އިޒްރޭލުން ހިންގާފައިވާ ބައިނަލްއަގްވާމީ ގަވާއިދުތަކާ ހިލާފު ކަންކަން ތަހުގީގު ކުރުމަށް މިނިވަން، ބައިނަލްއަގްވާމީ އަދި ދެފުށްފެންނަ ކޮމިޝަނެއް ގާއިމްކުރުމަށް ދިވެހި ސަރުކާރުން ތާއީދު ކުރާ ކަމަށެވެ.
ދިވެހި ސަރުކާރުން އެހެން ގޮވާލިއިރު، އިޒްރޭލުގެ އަމަލުތައް ތަހުގީގު ކުރަން މިނިވަން ކޮމިޝަނެއް އުފައްދަން އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ މިއަދު ފާސްކޮށްފައެވެ. އަދި އެ ނިންމުން ރާއްޖެއިން ވަނީ ކޯސްޕޮންސާ ކޮށްފައެވެ.
އިސްރާއީލާއި ޣައްޒާ ގުޅޭ ބޯޑަރު ކައިރީ މިދިޔަ ހޯމަ ދުވަހު ފަލަސްތީންގެ ރައްޔިތުން ނުކުމެ ކުރި ސުލްހަވެރި ބޮޑު މުޒާހަރާއަށް އިޒްރޭލު ސިފައިން ބަޑި ޖަހައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރުމުން ފަލަސްތީނުގެ 58 މީހަކު ޝަހީދުވި އެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، އެ މުޒާހަރާގައި އެކަނި ވެސް 2،700 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި އެވެ.
އެއާ އެކު ގްރޭޓް މާޗް އޮފް ރިޓާންގެ ނަމުގައި މާޗް 30ގައި ފަލަސްތީނުގެ ރައްޔިތުން ފެށި މުޒާހަރާތަކުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު މިހާރު ވަނީ 107 އަށް އަރައިފަ އެވެ.