އެކި ދީން އުނގަންނައިދިނުމުގެ ތެރެއިން އިސްލާމްވީ މީހެއްގެ ވާހަކަ

ކުރީގެ ކެތޮލިކް ފާދިރީއެއް ކަމުގައިވާ އިދްރީސް ތައުފީޤް އިސްލާމް ދީން ގަބޫލުކޮށްފައި ވަނީ މީގެ 15 ވަރަކަށް އަހަރު ކުރިން --

ކުރީގެ ކެތޮލިކް ފާދިރީއެއް ކަމުގައިވާ އިދްރީސް ތައުފީޤް އިސްލާމް ދީން ގަބޫލުކޮށްފައި ވަނީ މީގެ 15 ވަރަކަށް އަހަރު ކުރިންނެވެ. ނަމަވެސް އޭނާގެ ވާހަކަ އާންމުވެގެން ދިޔައީ 2016 ވަނަ އަހަރުގެ ފެބުރުއަރީ މަހު ތައުފީޤް ދުނިޔެ ދޫކުރި ފަހުންނެވެ.

ތައުފީޤު މަރުވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު އިނގެރޭސިވިލާތުގައެވެ. މަރުވުމުގެ ކުރިން ތައުފީޤް ވަނީ އޭނާ އިސްލާމްވި ގޮތުގެ މައްޗަށް ފޮތެއް ލިޔެފައެވެ. ތިރީގައި މިވަނީ އެފޮތުގައިވާ ވާހަކަތަކުގެ ދިވެހި ތަރުޖަމާއެކެވެ.

"އަހަރެން ފާދިރީއެއްގެ ގޮތުގައި މަސައްކަތް ކުރީ އެކަމާ ވަރަށް ގަޔާވެގެން. ކުރާ ހިތުން. ފާދިރީއެއްގެ ގޮތުގައި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަހަރުތަކެއް ހޭދަކުރިން. ނަމަވެސް އަހަންނަށް ޙަޤީޤީ އުފާވެރިކަމެއް އިޙްސާސް ނުކުރެވޭ. އަބަދުވެސް ކުރެވެނީ ކޮންމެސް ކަމެއް ގޯސްކޮށް ކުރިއަށްދާ ކަމުގެ އިޙްސާސް،" އެ ފޮތުގައިވެއެވެ.

"އަހަންނަށް ތެދުމަގު ލިބުނީ ޙަޔާތުގައި ދިމާވި ބައެއް ޙާދިސާތަކުގެ ސަބަބުން، ﷲ އެގޮތަށް އެކަން މެދުވެރި ކުރެއްވުމުން."

ތައުފީގު ލިޔެފައިވާގޮތުން އޭނާ އަބަދުވެސް ޤަބޫލު ކުރަމުން އައީ މިޞްރަކީ ޕިރަމިޑްތަކާއި، ޖަމަލު، ސަހާރާ އަދި ކަދުރު ރުށްތަކަށް ޚާއްސަ ޤައުމެއް ކަމަށެވެ. އެގޮތުން އެކަން ތަޖްރިބާކޮށްލުމަށް މިސްރުގެ ހުރްގާދާ ބީޗް ރިސޯޓަށް ދިޔަކަމަށެވެ.

ނަމަވެސް ހުޅަނގުގެ ބައެއް ގޮނޑުދޮށްތަކާ އެތަން ވައްތަރުކަމުން އޭނާ ހައިރާންވި ކަމަށާއި އެންމެ ފުރަތަމަ ލިބުނު ބަހަށް އަރައިގެން ދިޔައީ ޤާހިރާއަށް ކަމަށް ބުނެފައިވެއެވެ. އެއީ އެއީ ތައުފީގުގެ ހަޔާތުގައި ވެސް ހޭދަވި އެންމެ އުފާވެރި ހަފްތާކަމަށް އޭނާ ބުނެފައިވެއެވެ.

"އަހަންނަށް ފުރަތަމަ ފަހަރަށް މުސްލިމުންނާ ބައްދަލުވެ، އިސްލާމް ދީނުގެ މައުލޫމާތު ލިބުނީ އެ ދަތުރުގައި. އަހަންނަށް އެންމެ ބޮޑަށް ފާހަގަވި ކަމަކީ މިސްރު ރައްޔިތުންގެ ހިތްހެޔޮކަމާއި، ހިތްތިރިކަން އަދި މަޑުމައިތިރިކަން.

"އަހަންނަށް އޭރު މުސްލިމުންނާ ބެހޭގޮތުން އެނގެނީ ޓީވީ ތަކުން ގެނެސްދޭ ވާހަކަތައް އެކަނި. އަމިއްލައަށް މަރުވެގެން ހަމަލާދޭ މީހުންނާއި، ހަތިޔާރު އެޅި ހަނގުރާމަވެރިންގެ ވާހަކަ.

ތައުފީގު ބުނީ، އޭރު އޭނާއަށް ސިފަވެފައި އޮންނަނީ އިސްލާމް ދީނަކީ ހަމަޖެހުން ނަގައިލައި، ތަން ފަސާދަކުރުމަށް ހިތްވަރުދޭ ދީނެއްގެ ގޮތުގައި ކަމަށާއި އެކަމަކު އިސްލާމްދީނުގެ މާތްކަން، ޤާހިރާއިން ފެނިގެން ދިޔަކަމަށެވެ.

"މަގުމަތީގައި މުދާ ވިއްކަން އުޅޭ ވިޔަފާރިވެރިން ވެސް މިސްކިތްތަކުން ބަންގީގެ އަޑު އިވުމާއިއެކު މަސައްކަތް ހުއްޓާލައިފައި އެއްކައުވަންތަ އިލާހަށް އަޅުކަން ކުރަން ޤިބުލައަށް ކުރިމަތިލާ.

"އެމީހުންގެ އީމާންތެރިކަން ވަރަށް ވަރުގަދަ. އެހާމެ ފުރިހަމަ. ނަމާދު ކުރޭ. ރޯދަ ހިފާ. ބޭނުންޖެހިފައިވާ ނިކަމެތީންނަށް އެހީތެރިވޭ. އަދި ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި މާތްވެގެންވާ ގެފުޅު ހުންނަ ބިމަށް ހައްޖުވާން ދިއުމުގެ ހުވަފެން ދެކޭ. ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދުމުގެ މާތް މަޤުޞަދުގައި،" ތައުފީގު އޭނާގެ ހަޔާތާ ގުޅޭގޮތުން ލިޔެފައިވެއެވެ.

އެ ދަތުރު ނިންމާލުމަށްފަހު އަނެއްކާ ވެސް އޭނާގެ މަސައްކަތަށް ރުޖޫޢަވީ ކަމަށާއި، އޭރު އޭނާ ދިޔައީ ދަރިވަރުންނަށް ދީނީ ތައުލީމު އުނގަންނައިދިނުމުގެ މަސައްކަތް ކުރަމުންކަމަށް އޭނާ ބުނެއެވެ. އެގޮތުން ކްރިސްޓިއަން ދީން، އިސްލާމް ދީން، ބުދު ދީން ވެސް އޭނާގެ ދަރިވަރުންނަށް އުނގައްނައިދެމުން ދިޔަކަމަށް ލިޔެފައިވެއެވެ.

"ކުދިންނަށް އެންމެ ރަނގަޅު އިލްމު އުނގަންނައިދިނުމަށް އަހަރެން ވެސް ކޮންމެ ދުވަހަކު ހުރިހާ ދީނެއްގެ ވާހަކަތައް ކިޔައި އުނގެނެން ޖެހުނު. ވަރަށް ބައިވަރި އަރަބި ދަރިވަރުންނަށް އަހަރެން ކިޔަވައިދިނިން. އަަހަންނަށް އިސްލާމް ދީނާއި ގުޅޭ ގިނަ ކަންކަން ދަސްވީ އުނގަންނައިދިނުމުގެ ތެރެއިން.

"އޭރު އަހަރެން ކިޔަވައިދިން ފުރާވަރު ކުދިންނާ ބަލާއިރު، މި ބުނި އަރަބި ކުދިން ވަރަށް މަޑުމައިތިރި. ވަރަށް އޯގާތެރި އަދި ހިތްހެޔޮ. ރަނގަޅު މުސްލިމެއްގެ ނަމޫނާ އެކުދިން ދިޔައީ ދައްކަމުން. އެހެންކަމުން އަހަންނާ އެކުދިންނާ ދޭތެރޭ ވަރަށް ގާތް އެކުވެރިކަމެއް އުފެދުނު. އަދި ރަމަޞާން މަހެއްގެ ދުވަހެއްގައި އެކުދިން އެދުނީ ނަމާދު ކުރުމަށް އަހަރެންގެ ކްލާސްރޫމް ބޭނުން ކުރުމުގެ ހުއްދައަށް."

ތައުފީގު ބުނީ، އެކުދިން ނަމާދު ކުރާތަން ބަލަން ކޮންމެ ދުވަހަކު ކްލާހުގެ ފަހަތުގައި އޭނާ އިށީނދެ އިންނަކަމަށެވެ. ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައި އެކުދިން ނަމާދުކުރާތަން ބަލަމުން ދިޔަކަމަށެވެ. އޭރު އޭނާ އިސްލާމް ދީން ޤަބޫލު ނުކުރި ނަމަވެސް އެކުދިންނަށް ހިތްވަރު ދިނުމަށް އެކުދިންނާ އެކު އޭނާވެސް ރޯދަ ހިފައި ހެދިކަމަށް ވެއެވެ.

ތައުފީގު ބުނީ، އިސްލާމް ދީނާ ބެހޭ ކަންކަން ހޯދުމަށް އެއް ދުވަހަކު ލަންޑަންގެ އެންމެ ބޮޑު މިސްކިތަށް އޭނާ ޒިޔާރަތްކުރި ކަމަށެވެ. މިސްކިތުން އޭނާއަށް ފެނުނީ ކުރީގެ ޕޮޕް ލަވަކިޔުންތެރިޔާ ޔޫސުފް އިސްލާމް، އިސްލާމް ދީނާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭން އިންނެވި މަންޒަރު ކަމަށާއި އިރުކޮޅެއް ފަހުން އިސްލާމް ދީނަށް ވަންނަން ހަދަން ޖެހޭ ގޮތާ ގުޅޭ ސުވާލެއް އޭނާއަށް ކުރެވުނު ކަމަށެވެ.

"ޔޫސުފް އިސްލާމް ބުނީ، މުސްލިމުންނަކީ އެއްކައުވަންތަ އިލާހަށް އީމާންވާ، ފަސް ވަގުތު ނަމާދު ކުރާ، ރަމަޟާން މަހު ރޯދަ ހިފާ ބައެއް ކަމަށް. ދެން އަހަންނަށް ބުނެވުނީ އަހަރެން ތި ހުރިހާ ކަމެއް ވެސް ގަބޫލު ކުރަމޭ، ރޯދަ ވެސް ހިފައިފީމޭ.

"ދެން އޭނާ ކުރި ސުވާލަކީ 'އިތުރަށް މަޑުކުރަނީ ކީއްވެ ހެއްޔޭ؟' ޖަވާބުގައި އަހަރެން ބުނީ އަހަރެން އިސްލާމް ދީނަށް ވަންނަން ބޭނުން ނުވަނީ ކަމަށް."

ތައުފީގު ބުނީ، އެވަގުތު ބަންގީގެ އަޑު އިވުމާއެކު ހުރިހާ އެންމެއް ތެދުވެ ޖަމާޢަތުގައި ނަމާދު ކުރުމަށް ސަފުތައް ފުރައިލި ކަމަށެވެ. އަދި އޭނާވެސް މިސްކިތުގެ އެންމެ ފަހަތުގައި މަޑުކުރީ ކަމަށެވެ.

"އެންމެން ނަމާދު ކުރަމުން ދިޔައިރު އަހަންނަށް ގިސްލަ ގިސްލާ ރޮވެމުން ދިޔަ. އަހަރެން އޮޅުވާލަން މިއުޅެނީ ކާކަށް؟"

އޭނާ ބުނީ، ނަމާދުކޮށް ނިމުމާއެކު، ޔޫސުފް އިސްލާމްގެ ގާތަށް ގޮސް، އިސްލާމް ދީނަށް ވަންނަށް ބޭނުން ކަމުގައި ބުނީ ކަމަށެވެ. އަދި ޝަހާދަތުގެ ދެކަލިމަ ލައިދިނުމަށް އެދުނު ކަމަށެވެ.

"ޔޫސުފް އިސްލާމް އަހަންނަށް ޝަހާދަތުގެ ދެކަލިމަ އާއި އޭގެ މާނަ އިނގެރޭސިބަހުން ކިޔައިދިނުމާ އެކު އަހަރެން އޭނާގެ އަޑު ދަށުން، ޢަރަބި ބަހުން ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމް ވީއެވެ.

"ﷲ ފިޔަވައި ޙައްޤުވެެގެން އަޅުކަން ވެވޭ އިލާހަކު ނުވާކަމަށާއި، މުޙައްމަދުގެ ފާނީ އެކަލާނގެ ރަސޫލާކަމަށް އަޅުހެކިވަމެވެ."

comment ކޮމެންޓް