ޔުވެންޓަސް ދޫކޮށްލާނެކަން ބުފޮން ޔަގީންކޮށްދީފި

ޖިއާން ލޫޖީ ބުފަން --- ފޮޓޯ/ އޭޕީ

މި ސީޒަނަށްފަހު ޔުވެންޓަސް ދޫކޮށްލާނެކަން ކްލަބު އަދި އިޓަލީ ގައުމީ ޓީމުގެ ލެޖެންޑް، ޖިއާންލުއީޖީ ބުފޮން ބުނެފިއެވެ.

އުމުރުން 40 އަހަރުގެ ބުފޮން ބުނެފައި ވަނީ ހޮނިހިރު ދުވަހު ޔުވެންޓަސްއާއެކު ކުޅޭ ލީގު މެޗު ވެގެންދާނީ އޭނާ ޔުވެންޓަސްއާއެކު ކުޅޭ ފަހު މެޗު ކަމަށާއި، ކުރިން ރިޓަޔާ ވާގޮތަށް ހުރި ނަމަވެސް އަދި ރިޓަޔާކުރަން ނުވިސްނާ ކަމަށެވެ.

"ކުރިމަގާ މެދު ގޮތެއް ނިންމާނީ އަދި ދުވަސް ކޮޅަކު ވިސްނާލުމަށްފަހު. މީގެ 15 ވަރަކަށް ދުވަސް ކުރިން އަހަރެން ހުރީ ރިޓަޔާވުމުގެ ވިސްނުމުގައި. އެކަމަކު އަހަންނަށް އެކިއެކި ހުށަހެޅުންތައް އައިސްފި،" ޔުވެންޓަސްގެ ކެޕްޓަން ބުފޮން ބުންޏެވެ.

ބުފަން ބުނީ އިޓަލީގެ ޓީމަކަށް ދެން އޭނާ ނުކުޅޭނެ ކަމަށާއި، ކުޅުނަސް ފެންނާނީ އިޓަލީން ބޭރުން ކަމަށެވެ.

ބުފޮންގެ ސީނިއާ ކެރިއަރު 1995 ވަނަ އަހަރު ފެށީ ޕާމާއިންނެވެ. 2001 ވަނަ އަހަރާ ހަމައަށް ޕާމާގައި ހޭދަކުރުމަށްފަހު ޔުވެންޓަސްއާ ގުޅުނުފަހުން މިއަދާ ހަމައަށް އޭނާ ވަނީ އެޓީމަށް 508 މެޗު ކުޅެދީފައެވެ.

އަންނަ ޖޫން މަހު ރަޝިޔާގައި އޮންނަ ވޯލްޑް ކަޕްގެ ޖާގަ އިޓަލީއަށް ގެއްލުމާއެކު ބުފޮން ގައުމީ ޓީމުން ރިޓަޔާކުރިކަން ކުރިން އިއުލާން ކުރި ނަމަވެސް، އޭނާ ވަނީ އަނބުރާ ނިންމުން ގެންގޮސް އަލުން ގައުމީ ޓީމާ ގުޅިފައެވެ. ބުފޮން ވަނީ ގައުމީ ޓީމަށް 176 މެޗު ކުޅެދީފައެވެ.

ހޮނިހިރު ދުވަހު ކުޅޭ ލީގު މެޗަށްފަހު ޔުވެންޓަސްއާއެކު ބުފަން އުފުލާލާނީ އޭނާގެ 12 ވަނަ ސެރެއާ އޭ ތަށްޓެވެ. އިޓަލީއާއެކު 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތަށިވެސް އުފުލާލި ބުފަން ވަނީ އިޓަލީގެ ކަޕްވެސް ޔުވެންޓަސްއާއެކު ފަސް ފަހަރު އުފުލާލައިފައެވެ.

comment ކޮމެންޓް