އިސްރާއީލުގައި ހުންނަ ގުއާޓަމާލާގެ އެމްބަސީ ވެސް ގުދުސަށް ބަދަލުކޮށްފި

އިސްރާއީލުގައި ހުންނަ ގުއާޓަމާލާގެ އެމްބަސީ ގުދުސަށް ބަދަލުކޮށް، އެމްބަސީ ހުޅުވި ރަސްމިއްޔާތުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ގުއާޓަމާލާގެ ރައީސް ޖިމީ މޮރާލޭސް -- ފޮޓޯ: އޭއެފްޕީ

ގުދުސް (މޭ 17): އިސްރާއީލުގައި ހުންނަ ގުއާޓަމާލާގެ އެމްބަސީ ވެސް ގުދުސަށް ބަދަލުކޮށް، އެއެމްބަސީ ހުޅުވައިފި އެވެ.

ގުއާޓަމާލާގެ އެމްބަސީ އިއްޔެ ގުދުސުގައި ހުޅުވި ރަސްމިއްޔާތުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ގުއާޓަމާލާގެ ރައީސް ޖިމީ މޮރާލޭސް ބައިވެރިވެވަޑައިގެންނެވި އެވެ.

ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ގުއާޓަމާލާގެ ނިންމުމަށް ތައުރީފު ކުރައްވައި، އެއެމްބަސީ ހުޅުވީ އެމެރިކާގެ އެމްބަސީ ހުޅުވިތާ ދެ ދުވަސް ފަހުންކަން ފާހަގަ ކުރައްވާފައި އެވެ.

އެމެރިކާގެ އެމްބަސީ ގުދުސުގައި ހުޅުވި ދުވަހު، އިސްރާއީލާއި ގާޒާ ގުޅޭ ބޯޑަރު ކައިރީ ފަލަސްތީނުގެ ރައްޔިތުން ކުރިއަށްގެން ދިޔަ މުޒާހަރާތަކުގައި 60 މީހުން މަރުވި އެވެ.

އެމުޒާހަރާތަކުގައި ފަލަސްތީނުގެ ރައްޔިތުން ވަނީ އެމީހުންގެ ކާބަފައިންގެ ބިމަށް ރުޖޫއަވުމުގެ ހައްގު އޮތް ކަމަށް ބުނެ، އިސްރާއީލްގެ ބޯޑަރު ހުރަސް ކުރަން މަސައްކަތްކޮށްފަ އެވެ.

ގުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ޓްރަމްޕްގެ ސަރުކާރުން ބަލައިގަތީ މިދިޔަ ޑިސެމްބަރު މަހުގައި އެވެ. އޭގެ ފަހުން، އެމެރިކާގެ އެނިންމުން އަނބުރާ ގެންދިޔުމަށް ގޮވާލައި އދ. އިން ވަނީ ގަރާރެއް ފާސްކޮށްފަ އެވެ. އެވޯޓުގެ ކުރިން އެމެރިކާ އިން ވަނީ ގަރާރަށް ތާއިދު ކުރާ ގައުމުތަކަށްދޭ އެހީ ކަނޑާލާނެ ކަމުގެ އިންޒާރު ދީފައި އެވެ. އަދި ގުއާޓަމާލާ އަކީ އެމެރިކާގެ އެހީއަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެކެވެ. (އޭއެފްޕީ)

comment ކޮމެންޓް