ގުދުސް އިސްރާއިލުގެ ވެރިރަށުގެ ގޮތުގައި ނިންމި ނިންމުން އަނބުރާގެންދިޔުމަށް އދ. އިން ފާސްކޮށްފި

ގުދުސްގައި ހުންނަ މަސްޖިދުލް އަލް އަގްސާ --

ގުދުސް އިސްރާއިލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން ބަލައިގެންފައިވާތީ އެނިންމުން އަނބުރާ ގެންދިޔުމަށް އދ.ގެ އާންމު މަޖިލީހުން ފާސްކޮށްފިއެވެ.

ގުދުސްގެ ނިންމުން އަނބުރާގެންދިއުމަށް އދ.ގެ 128 މެމްބަރު ގައުމުތަކުން ވޯޓު ދީފައިވާއިރު ނުވަ ގައުމަކުން ވަނީ އެނިންމުން އަނބުރާ ގެންދަން ނުފެންނަ ކަމަށް ވޯޓު ދީފައެވެ. އަދި 35 ގައުމަކުން ވޯޓުގައި ބައިވެރިވެފައެއް ނުވެއެެވެ.

ގަރާރާ ދެކޮޅަށް ވޯޓު ދިން ގައުމުތަކުގެ ތެރޭގައި އެމެރިކާއާއި އިސްރާއިލު ހިމެނެއެވެ.

ވޯޓުގައި ބައިވެރިނުވި ގައުމުތަކުގެ ތެރޭގައި ކެނެޑާ، އޮސްޓްރޭލިއާ، ބޫޓާން، އާޖެންޓީނާގެ އިތުރުން ފިލިޕިންސް އަދި ޕޮލެންޑް ހިމެނެއެވެ.

ވޯޓުގައި ބޮޒްނިއާ ފިޔަވައި ހުރިހާ މުސްލިމު ގައުމުތަކުން ގަރާރާ އެއްކޮޅަށް ވޯޓުލިއިރު، ރަޝިއާ، ޗައިނާ، އިންޑިއާ އަދި އިނގިރޭސި ވިލާތުންވެސް ވަނީ ގަރާރަށް އާއެކޭ ބުނެފައެވެ.

ވޯޓަށް ފަހު ފަަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވީ މިއީ ފަލަސްތީނަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށެވެ.

ވޯޓުގެ ކުރިން އެމެރިކާއިންް ބުނީ އެ ގަރާރާ އެއްކޮޅަށް ވޯޓުދޭ ގައުމުތަކަށް އެމެރިކާއިން ދޭ އެހީ ކަނޑާލާނެކަމަށެވެ.

އިސްރާއީލުން އދ. އަށް ކަނޑައަޅައިފައި ހުންނަވާ މަންދޫބު ޑެނީ ޑަންޔޯން ވިދާޅުވީ ގަރާރާ އެއްކޮޅަށް ވޯޓުލީ ގައުމުތަކަކީ ފަލަސްތީނުގެ "ޕަޕެޓުން" ތަަކެއް ކަމަށެވެ.

އިސްރާއިލުގެ ޑެޕިއުޓީ މިނިސްޓަރު ފޯ ޑިޕްލޮމަސީ ވަނީ އެގައުމުން އދ. އިން ވަކިވުމަށް ގޮވައިލައްވައިފައެވެ.

comment ކޮމެންޓް