ރޯދަވީއްލާ ގަޑީގައި ކެއުމަށް ސަމާލުކަން ދޭން ޖެހޭ

ރަމަޟާން މަހަކީ އެހެން އާންމު މަސްތަކާ އަޅާބަލާ ޢިރު ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަ މަހެކެވެ. އެންމެ ބޮޑު ބަދަލެއް އަންނަނީ ކެއިންބުއިމަށެވެ. ދުވާލުގެ ވަގުތުގައި އެއްވެސް އެއްޗެއްނުކައި ރޯދަ އަށް ތިބުމަށް ފަހު އިރުއޮއްސޭ ވަގުތު ރޯދަ ވީއްލައި، ކާން ފަށާއިރު އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭ ކަމަކީ މާގިނައިން އެއްފަހަރާ ނުކެއުމަށެވެ.

ރޯދަވީއްލުން އެންމެ އިތުރުކަން ބޮޑީ ކަދުރުންނެވެ. ތިންއޮށް ކަދުރާއި ފެން ނޫނީ ފަނިތައްޓެއް ބުއިމަށް ފަހު މަޣްރިބު ނަމާދު ޖަމާއަތުގައި ކުރެވޭތޯ އަވަސްވެގަންނާށެވެ. ރޯދަ ވީއްލުމަށް ތައްޔާރުކޮށްފައި ހުރި ތަކެއްޗަށް އިންސާފުކުރަންވީ އޭގެ ފަހުންނެވެ. އެންމެ ރަނގަޅީ ތާޒާ މޭވާގެ ޖޫހެއް ތައްޔާރު ކުރުމެވެ.

އަލްމަންޑް ފަދަ ނަޓްސްގެ ބާވަތްތައް ރޯދަ ވީއްލާއިރު ކެވިދާނެ އެވެ. މިއީ ގިނަ ވަގުތު އެއްޗެއް ނުކައި ހުންނަ އިރު، ހަށިގަނޑަށްް ބޭނުންވާނެ ހަކަތަ ލިއްބައިދޭނެ އެއްޗެކެވެ.

މީގެ އިތުރުން ލެޓިއުސް، ކިއުކަމްބާ ފަދަ އެއްޗެހި ބޭނުންކޮށްގެން ކާއެއްޗެހި ތައްޔާރުކޮށްލެވިދާނެ އެވެ. ހަށިގަނޑުން ފެން މަދުވިޔަނުދިނުމުގައި ކިއުކަމްބާ ފަދަ ތަރުކާރީ މުހިއްމު ރޯލެއް އަދާކުރެ އެވެ. ބިހާއި، އެއްގަމު މަސް ވެސް ކޮންމެވެސް ވަރަކަށް ބޭނުންކުރާށެވެ.

ތެޔޮ ބޭނުންކޮށްގެން ތެލުލާފައި ހުންނަ ހެދިކާގެ ބަދަލުގައި ސޭންޑްވިޗް ފަދަ އެއްޗެއް ތަރުކާރީ އާއި މަސް ބޭނުންކޮށްގެން ތައްޔާރުކުރެވިދާނެ އެވެ.

ފޮނިއެއްޗެހި މާގިނައިން ބޭނުންކުރުމުން ދުރުވާށެވެ. ކާބޮނޭޓެޑް ބުއިންތައް ބުއިމުންވެސް ދުރުވާށެވެ. މިއީ ހަށިގަނޑުގައި ހަކުރު އެކުލެވޭ މިންވަރު ކުޑަކުރުމަށް ކުރެވިދާނެ ކަމެކެވެ. މީގެ އިތުރުން ރޯދަ ވީއްލުމަށް ފަހު ކެފެއިން ހިމެނޭ ތަކެތި މާގިނައިން ބުއިން ވެސް ރަނގަޅެއް ނޫނެވެ.

comment ކޮމެންޓް