ބައެއް ގައުމުތަކަށް މިއަދު ރޯދަ، ނަމަވެސް ގިނަ ގައުމުތަކަށް ރޯދަމަސް ފެށޭނީ މާދަމާ

ހަނދުފެނޭތޯ ޕާކިސްތާނުގައި ބަަލަނީ-- ފޮޓޯ: ޓުވިޓާ

ރާއްޖެއާއި އިސްލާމީ ބައެއް ގައުމުތަކަށް މިއަދަކީ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. ނަމަވެސް އިސްލާމީ ގިނަ ގައުމުތަކަށް ރޯދަ މަސް ފެށޭނީ މާދަމާއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު "ސަން" އަށް ވިދާޅުވީ ރާއްޖެއެކޭ އެއްގޮތަށް، އިސްލާމީ ބައެއް ގައުމުތަކުގައި ރޯދަމަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި މިއަދު ކަނޑައަޅާފައިވާ ކަމަށެވެ.

" ތުރުކީ، ބޮޒްނިއާ، އަލްބޭނިއާ އަދި އެފްރިކާގެ ބައެއް ގައުމުތަކުގައި މިއަދު މީ ރޯދަމަހުގެ ފުރަތަަމަ ދުވަސް،" މިނިސްޓަރު ވިދާޅުވިއެވެ.

އަރަބި މީޑިއާތަކުން ބުނީ ސައުދީ އަރަބިއްޔާ، އޮމާން ޔޫއޭއީ ފަދަ ގައުމުތަކަށް ރޭ ހަނދު ފެނިފައި ނުވާ ކަމަށެވެ. އަރަބިގައުމުތަކުގެ އިތުރުން ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ އަދި އިރުމަތީ އޭޝިއާގެ ގައުމުތައް ކަމަށްވާ، އިންޑިއާ، ޕާކިސްތާން، މެލޭޝިއާ އިންޑޮނީޝިއާ ފަދަ ގައުމުތަކަށް ވެސް ރޯދަމަސް ފެށޭނީ މާދަމާއެވެ.

މިއަދު އެތަކެއް މިލިއަން މުސްލިމުން، މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަސް ފަށާފައިވާއިރު، ތުރުކީ، އަލްބޭނިއާ، ބޮސްނިއާ އެންޑް ހެޒަގޮވީނާ، ކޮސޯވޯ، މެސެޑޯނިއާ އަދި މިނޫންވެސް ބައެއް ގައުމުތަކުގައި އަންގާރަ ދުވަހުގެ ރޭ ވަނީ، ރަމަޟާންމަހަށް ޚާއްސަ އެއް ނަމާދުކަމަށްވާ ތަރާވީޙް ނަމާދުކޮށްފައެވެ.

އޮސްޓެރޭލިއާގެ ނެޝެނަލް އިމާމް ކައުންސިލުން ބުނީ އެ ގައުމުގެ އެއްވެސް ސަރަހައްދަކަށް ރޭ ހަނދުފެނިފައިނުވާ ކަމަށާއި އެހެންކަމުން އެގައުމުގައި ރޯދަމަސް ފެށޭނީ މާދަމާ ކަމަށެވެެ. އޮސްޓްރޭލިއާ އެކޭ އެއްފަދައިން ޖަޕާނުގެ އިސްލާމިކް ކޮމެޓީންވެސް ބުނީ ރޭ ހަނދު ފެނިފައިނުވާ ކަމަށާއި އެހެންކަމުން ބަރާކާތްތެރި ރަމަޟާން މަސް އެގައުމުގައިވެސް ފެށޭނީ މާދަމާ ކަމަށެވެ.

comment ކޮމެންޓް