ޣައްޒާގެ ގަތުލުއާންމާ ގުޅިގެން ތުކުރީން އިސްރާއިލުގެ ސަފީރު ބޭރުކޮށްލައިފި

އިސްރާއިލުގެ ބޮޑުވަޒީރު ނަތަންޔާހޫ އަދި ތުރުކީގެ ބޮޑުވަޒީރު އުުރުދުއާން

އަންކާރާ ( 16 މޭ): ޣައްޒާގައި އިސްރާއީލުން މިދިޔަ ހޯމަ ދުވަހު ހިންގި ވަރުގަދަ ގަތުލުއާންމާ ގުޅިގެން ތުރުކީން އެގައުމުގައި ހުންނަ އިސްރާއިލުގެ ސަފީރު ބޭރުކޮށްލައިފިއެވެ.

ތުުރުކީގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެގައުމުގައި ހުންނަ އިސްރާއިލުގެ ސަފީރު އެއިތަން ނައޭ ކުޑަދުވަސްކޮޅަކަށް އަނބުރާ ގައުމަށް ދިއުމަށް ތުުރުކީން ވަނީ އެދިފައެވެ. އިސްރާއިލުންވެސް ވަގުތުން ރައްދުގައި ވަނީ އެގައުމުގައި ހުންނަ ތުުރުކީގެ ސަފީރު ހުސްނޫ ގުރުކާން ތުުރުކޮލޫ އޭނާގެ ގައުމަށް ވަޑައިގަތުމަށް އެދި ދަންނަވައިފައެވެ.

އިސްރާއިލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު ވަރަށް ބޮޑަށް ކުއްވެރިކުރައްވައި ތުުރުކީގެ ބޮޑުވަޒީރު ތައްޔިބް އުުރުދުއާން ވަނީ އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ވެސް ދެއްވައިފައެވެ.

އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކޮށް ހުޅުވުމާ ދެކޮޅަށް ޣައްޒާގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި އާންމުންގެ 62 މީހުން ޝަހީދުވެ 2700 މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޒަަހަމްވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި އަދި އަންހެނުންވެސް ހިމެނެއެވެ.

މިއީ ފަލަސްތީނުގެ މީހުން އެމީހުންގެ ބިމަށް އެނބުރި ދިއުމަށް މީގެ ހަ ހަފުތާ ކުރިން ފެށިގެން ކުރަމުން ދިޔަ މުޒާހަރާތަކުގައި އެންމެ ގިނަމީހުން ޝަހީދުވެ ޒަހަމްވި ފަހަރުވެސް މެއެވެ.

އެމެރިކާއިން އެގައުމުގެ އެމްބަސީ ގުދުސްގައި ހުޅުވި ދުވަހަކީ ފަލަސްތީނުގެ މީހުން "ނަގްބާ" ނުވަތަ މުސީބާތުގެ ގޮތުގައި ފާހަގަ ކުރާ ދުވަސްވެސް މެއެވެ. ނަގްބާގެ ދުވަހުގެ ގޮތުގައި ފަަލަސްތީނު މީހުން ފާހަގަކުރަނީ އިސްރާއިލުން މިނިވަންކަން އިއުލާންކުރި ދުވަހެވެ.

މަސްދަރު: ޕްރެސްޓީވީ

comment ކޮމެންޓް