ރާއްޖެއިން ފިޗްގެ ބީ ޕްލަސް ރޭޓިން ދަމަހައްޓައިފި

ދުނިޔޭގެ މަޝްހޫރު ކްރެޑިޓް ކުންފުނި، "ފިޗް ރޭޓިންގްސް"އިން މިދިޔަ އަހަރު ދިވެހިރާއްޖެއަށް ދިން ބީ ޕްލަސްގެ ރޭޓިން ރާއްޖެއިން ދަމަހައްޓައިފިއެވެ.

ބީ ޕްލަސް ރޭޓިން ދައްކައިދެނީ މާލީ ގޮތުން ހާސިލުކުރަން ޖެހޭ ކަންކަން ހާސިލުވެފައިވާ ކަމާއި މާލީ ގޮތުން ރައްކާތެރިކަން ލިބިފައިވާ ކަމެވެ. އެހެން ނަމަވެސް ވިޔަފާރީގެ މާހައުލުގައި ކޮންމެވެސް ވަރެއްގެ ރިސްކެއް އޮތްކަން ވެސް ދައްކައިދެއެވެ.

ފިޗްއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ރާއްޖެއަށް ދީފައިވަނީ ބީ ޕްލަސް ރޭޓިންއެވެ. މި ރޭޓިން ދީފައިވަނީ ދިގު މުއްދަތެއްގައި ދިވެހި ފައިސާ އަދި ބޭރުގެ ފައިސާގެ އިޝުއާ ޑީފޯލްޓް ރޭޓިންއަށް ބަލައިފައެވެ.

ފިޗްއިން ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖެއަށް ބީ ޕްލަސް ރޭޓިން ދިނީ ރާއްޖޭގެ ޖީޑީޕީ ކުރިއަރަމުން ދިއުމުގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ސަބަބުން ސަރުކާރުގެ އާމްދަނީ އިތުރުވާތީއެވެ.

ރާއްޖެއިން އެންމެ ސިނާއަތަކަށް މާ ބޮޑަށް ބަރޯސާވެފައި އޮތުމަކީ ނުރައްކާތެރި ކަމެއްކަން ފިޗްއިން ވަނީ ފާހަގަކޮށްފައެވެ. އަދި ދައުލަތުގެ ދަރަނި އިތުރުވެފައިވާކަން ވެސް ފިޗްއިން ވަނީ ފާހަގަކޮށްފައެވެ. އެކަންކަން ސަރުކާރުންވެސް ފާހަގަކޮށް އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ބުނީ، ފިޗްއިން ދިވެހިރާއްޖެއަށް ދީފައިވާ ސޮވެރިން ރޭޓިން ދެމެހެއްޓުމަށް ނިންމި ނިންމުމަކީ ސަރުކާރުގެ އިގްތިޞާދީ އެޖެންޑާއަށް ލިބިގެންދިޔަ ކާމިޔާބީއެއް ކަމަށެވެ. އަދި އެކަމުން ދައްކައިދެނީ ސަރުކާރުގެ ސިޔާސަތުތަކަކީ ވިޔަފާރީއަށް މަގުފަހިކޮށްދީ، އިގްތިޟާދީ ފުރުސަތުތަކަށް ހުރި ދޮރުތައް ހުޅުވާލައިދޭ ސިޔާސަތުތަކެއް ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ގައުމެއްގެ ސޮވެރިން ކްރެޑިޓް ރޭޓިންއަކީ އެ ގައުމެއްގައި ހަރަކާތްތެރިވާ ހުރިހާ ވިޔަފާރީތަކާއި މާލީ ހަރަކާތްތައް އެއަށް ބިނާކޮށް އަޅާ ކިޔޭ އެއްޗެއް ކަމަށެވެ. އެހެންކަމުން ރޭޓިން ދަމަހައްޓައި ރަނގަޅު ކުރުމަކީ ސަރުކާރުގެ އިތުރުން ހުރިހާ ވިޔާފާރީތަކަށާއި ވަކިވަކި ފަރުދުންނަށް އޭގެ ޒިންމާ އުފުލަންޖޭހޭ ކަމެއް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ރާއްޖެއިން ފިޗްގެ ބީ ޕްލަސްގެ ރޭޓިން ދަމަހައްޓާފައިވަނީ، ސިޔާސީ ގޮތުން ރާއްޖެ ހަލަބޮލިވެ، ރާއްޖޭގެ އިގްތިޞާދަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަމުގެ ވާހަކަތަކެއް ދެކެވޭ ދުވަސްވަރެއްގައެވެ.

comment ކޮމެންޓް