"މޯލްޑިވްސް ޝޯކޭޒް"ގައި ބައިވެރިވާ ފަރާތްތަކަށް ސްރީލަންކަން އިން ހާއްސަ ފެއާއެއް

"މޯލްޑިވްސް ޝޯކޭޒް"ގައި ބައިވެރިވާ ފަރާތްތަކަށް ސްރީލަންކަން އެއާލައިންސުން ހާއްސަ ފެއާއެއް ފެށުން --

ހައިރައިޒްއިން އިންތިޒާމްކޮށްގެން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އާ ގުޅިގެން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ޝޯކޭޒް"ގައި ބައިވެރިވާ ފަރާތްތަކަށް ސްރީލަންކަން އެއާލައިންސުން ހާއްސަ ފެއާއެއް ފަށައިފިއެވެ.

މޯލްޑިވްސް ޝޯކޭޒްގައި ބައިވެރިވާ ފަރާތްތަކަށް ސްރީލަންކަން އެއާލައިންސުން ކަނޑައަޅާފައިވާ ފެއާތަކަކީ އިކޮނަމީ ކްލާހުން 15 ޕަސެންޓް ޑިސްކައުންޓް އަދި ބިޒްނަސް ކްލާހުން 10 ޕަސެންޓް ޑިސްކައުންޓެވެ.

ރާއްޖެ މާކެޓް ކުރުމުގެ ގޮތުން ހައިރައިޒްއިން ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ޝޯކޭޒްގެ މިއީ ފުރަތަމަ އެޑިޝަނެވެ. އެ އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 26 އަދި 27 ވަނަ ދުވަހު ސްރީލަންކާގެ ކޮލަންބޯ ސިޓީގެ ތާޖް ސަމުޑްރާ ހޮޓަލުގައެވެ.

ސަންއަށް މައުލޫމާތު ދެއްވަމުން ހައިރައިޒްގެ މާކެޓިންގް މެނޭޖަރު މާއިޝާ ޝުޖާއު ވިދާޅުވީ، މޯލްޑިވްސް ޝޯކޭޒް އިވެންޓަކީ ރާއްޖެ ތަމްސީލްކޮށް ދައްކުވައި ދިނުމަށް މަޓާޓޯއާ ގުޅިގެން ބާއްވާ އިވެންޓެއް ކަމަށެވެ. އެ އިވެންޓްގެ ތެރެއިން ރާއްޖޭގެ ޓްއާ އޮޕަރޭޓަރުންނާއި، ގެސްޓްހައުސްތަކާއި، ރާއްޖޭގެ އުފެއްދުންތަކުގެ އިތުރުންވެސް ރާއްޖެއާ ގުޅުންހުރި ގިނަ ކަންކަން ޝޯކޭޒް ކުރެވިގެންދާނެ ކަމަށް މާއިޝާ ވިދާޅުވިއެވެ.

މޯލްޑިވްސް ޝޯކޭޒްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު ދޫކުރަން ހަމަޖެހިފައިވަނީ ވަރަށް ލިމިޓެޑް ޖާގަތަކެއް ކަމަށް މާއިޝާ ވިދާޅުވިއެވެ.

މިހާތަނަށް އެ ޝޯގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރޭގައި ސްރީލަންކަން އެއާލައިންސް، ކާނި، އަލްޝާލީ މެރިން، ކޮކޫން މޯލްޑިވްސްގެ އިތުރުން ރިވަރީޒް ވެސް ހިމެނޭ ކަމަށް މާއިޝާ ވިދާޅުވިއެވެ.

comment ކޮމެންޓް